ސިއްހީ އެމަޖެންސީ ހާލަތްތަކަށް ބޭނުން ކުރަން ފަށާފައިވާ އެއާރ އެމްބިއުލާންސްގައި މިހާތަނަށް 25 މީހަކު އުފުލާފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކުރައްވައިފިއެވެ.
މޯލްޑިވިއަން ހިންގާ އައިލޭންޑް އޭވިއޭޝަނުން އާންމު ކުރި ބަޔާނުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާއި އެއްގޮތަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެއާރ އެމްބިއުލާންސްގެ ހިދުމަތް ފެށިއިރު ބޯޓުގައި މިހާތަނަށް 25 މީހަކު އުފުލާފައިވާ ކަމަށެވެ.
އެއާރ އެމްބިއުލާންސްގެ ހިދުމަތަށް ބޭނުން ކުރަނީ، އެ ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ މޯލްޑިވިއަންގެ އެއާކްރާފްޓެކެވެ.
އެއާރ އެމްބިއުލާންސް ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދެވޭ ގޮތަށް، ވަސީލަތްތަކާއި އެކު ތަމްރީނުކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ވެސް އުޅޭނެކަމަށާއި، އެއީ ފަސް ޑޮކްޓަރަކާއި، ފަސް ނަރުހުން އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝިއަނުން ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.
އެއާރ އެމްބިއުލާންސްގެ ހިދުމަތް ދޭ ބޯޓުގައި، މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީގެ ޓާޝަރީ ހޮސްޕިޓަލްތަކަށް ބަލި މީހުން އުފުލާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.