އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ޤައުމު ދިފާޢުކުރުމުގެ ޒަމާނީ އަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރުމަށް، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އެއަރ ކޯރ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތަށް ތަޢާރަފުކޮށްދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫ.އޭ.ވީ ބޭނުން ކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލާއި، ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ އަދި މުހިންމު ފިޔަވަޅެކެވެ. މި ޚިދުމަތުގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
މިޚިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން އެސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާނެއެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމާއި އެންމެހާ ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމަށްޓަކައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޭރިއަލް ސަރވެއިލަންސް އޮޕަރޭޝަންތައް ކޯސްޓްގާޑާއި ގުޅިގެން ހިންގާނެއެވެ.
އަދި ނޭޝަނަލް ސްޓްރެޓެޖިކް އިންސްޓޮލޭޝަންތަކާއި ކްރިޓިކަލް އިންފްރާސްޓްރަކްޗަރތައް ވައިގެ މަގުން ރައްކާތެރިކޮށް ބެލެހެއްޓުމާއި، ރާއްޖޭގެ ސަރަޙައްދުތަކުގައި ދިމާވާ ނުރައްކާތެރި ޙާދިސާތަކުގައި ގެއްލޭ މީހުންނާއި އުޅަނދުފަހަރު ހޯދުމުގެގޮތުން ހިންގަންޖެހޭ ސާރޗް އޮޕަރޭޝަންތައް ހިންގުމުގައި އެހީތެރިވާނެއެވެ.
ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރގެ ޚިދުމަތަށް ގެނެސްފައިވަނީ ތުރުކީވިލާތުގެ އުފެއްދުމެއްކަމަށްވާ ބޭރެކްޓަރ މޮޑެލްގެ އަންމޭންޑް ކޮމްބެޓް އޭރިއަލް ވެހިކަލްތަކެކެވެ. މި ޔޫވީތައް ހޯދުމުގެ މަސައްކަތާއެކު މިކަމަށް ބޭނުންވާ ސިފައިން ތަމްރީންކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެގޮތުން މިކަމަށް ބޭނުންވާ ސިފައިންގެ ފުރަތަމަ ޓީމް މިހާރު ވަނީ ތަމްރީންކޮށްފައެވެ. އަދި އިތުރު ސިފައިން މިހާރުވެސް ދަނީ ތުރުކީވިލާތުގައި ތަމްރީން ފުރިހަމަކުރަމުންނެވެ.
ދިވެހި އަސްކަރިއްޔާގެ ޚިދުމަތަށް ތަޢާރަފްކުރި ޔޫއޭވީތަކަކީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާރމަޑް ޔޫއޭވީތަކެކެވެ. މި ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.
މި ޔޫއޭވީތަކަކީ އިންޓެލިޖެންސް އޮޕަރޭޝަން، ސަރވައިލެންސް އޮޕަރޭޝަންތައް ކުރިއަށްގެންދިއުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލް ހިމާޔަތްކޮށް ދިފާޢުކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާއިން ކުރިއަށްގެންދާ ހުރިހާ އޮޕަރޭޝަނެއްގައިވެސް މި އުޅަނދުފަހަރު ބޭނުންކުރާނެއެވެ. އެހެންކަމުން ޤައުމުގެ ދިފާޢާއި ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި އޮޕަރޭޝަންތަކުގައި އަސްކަރިއްޔާގެ އެހެނިހެން ވަސީލަތްތަކެކޭ އެއްގޮތަކަށް ޙާލަތާއި ގުޅުންހުރި ހުރިހާ ވަސީލަތްތަކެއްވެސް އަދި ޤާބިލްކަންވެސް މި އުޅަނދުފަހަރުގައި ބޭނުންކުރާނެއެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑުތައް ވަނީ ޤާއިމްކޮށްފައެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަަޙައްދެއްގައިވެސް މި އުޅަނދުތައް ބޭނުންކުރާނެއެވެ.
ދިވެހި އަސްކަރިއްޔާއިން މި ޔޫއޭވީތަކުގެ ޒަރިއްޔާއިން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި އެއްކުރާ ގިނަ މަޢުލޫމާތުތަކަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ ސިއްރު މަޢުލޫމާތެވެ. މިފަދަ މަޢުލޫމާތު އެއްވެސް ބަޔަކާ އެއްވެސް ގޮތަކަށް ހިއްސާ ނުކުރާނެއެވެ. މިފަދަ މަޢުލޫމާތު އަބަދުވެސް ބޭނުންކުރާނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.
ނަމަވެސް މިހާރުވެސް އެމްއެންޑީއެފުން ޢަމަލުކުރަމުންދާ އުސޫލުން ކަނޑުމަތީގައި ޙާލުގައިޖެހޭ މީހުންގެ ފުރާނަ ސަލާމަތްކުރުމަށާއި، ކާރިސާތަކުގައާއި ނުވަތަ ޤާނޫނުތައް ތަންފީޒްކުރުމުގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޢާންމު މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާއި ހިއްސާކުރަމުންދާނެއެވެ.
އެމްއެންޑީއެފް އެއަރ ކޯރގައި ޔޫއޭވީ އުޅަނދުފަހަރު އޮޕަރޭޓްކުރާނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްކޮށްފައިވާ އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައެވެ. މިވަގުތު މި އުޅަނދުފަހަރު އޮޕަރޭޓްކުރަމުންދާ ނ.މާފަރަކީ ނޮދަން އޭރިއާ ކޮމާންޑްގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ވައިގެ ބަނދަރެކެވެ. އަދި މިހާރަށް ބަލާއިރު އެއަރޕޯޓުތަކުގައި ޤާއިމްކުރެވިފައިވާ ވަސީލަތްތަކަށް ބަލާއިރު މިއީ މިވަގުތަށް އެންމެ އައިޑިއަލް ލޮކޭޝަންކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި އެކި ބޭނުންތަކަށް ޔޫއޭވީ އޮޕަރޭޓްކުރުމަކީ ވަރަށް ޢާންމުކަމެކެވެ. ޚާއްޞަކޮށް އަސްކަރީ ބޭނުންތަކަށްވެސް އެކިކަހަލަ އޮޕަރޭޝަންތަކާއި ހަނގުރާމަތަކުގައިވެސް ޔޫއޭވީ ބޭނުންކުރުމަކީ ޢާންމުކަމެވެ.
ރާއްޖޭގައި ޔޫއޭވީ އޮޕަރޭޓްކުރާނީ ސިވިލް އޭވިއޭޝަން ޤާނޫނާއި ޤަވާއިދުތަކާއި އެމްއެންޑީއެފްގެ އުސޫލްތަކާއި ޚިލާފުނުވާނެގޮތަށްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ކޮމާޝަލް ފްލައިޓްތަކަށްވެސް އެއްވެސް ނުރައްކަލެއް އޮތްކަމެއް ނޫންކަން އެމްއެންޑީއެފުން ކަށަވަރުކޮށްދެއެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުޅިން އަލަށް ވައިގެ ބާރެއް އުފައްދައި އެބާރުގައި ޔޫއޭވީ ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ މުހިންމު ފިޔަވަޅެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މިޚިދުމަތުގެ ސަބަބުން ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުމަށްވެސް ބޮޑު އެހީއަކަށްވާނެއެވެ.
ހުރިހާގޮތަކުން ބެލިނަމަވެސް މިއީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޔޫ.އޭ.ވީ ތަޢާރަފުކޮށްދެއްވުމަށްފަހު، އެމް.އެން.ޑީ.އެފް އިން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެއްޓުމުގެ ޤަރާރުގައި ސޮއިކުރެއްވިއެވެ. އެއަށްފަހު އެމް.އެން.ޑީ.އެފް އަށް ޔޫ.އޭ.ވީ އާއި 'އެއަރ ސަރވެއިލަންސް' ޤާބިލުކަން ހޯއްދަވައިދެއްވުމުގެ ޝަރަފުގައި، އެމަނިކުފާނަށް ހަތް ބަޑީގެ ސެލިއުޓެއް ދިވެހި ޤައުމީ ދިފާޢީ ބާރުން ވަނީ އަރުވައިފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންނާއި ދަތުރުވެރީންނަށް ޚާއްޞަކޮށް އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަން "ރަސް އައިނު" އިފުތިތާޙުކޮށްދެއްވައިފައެވެ. މި އެޕުން މޫސޫމީ އިންޒާރުތަކާއި، ކޯސްޓް ގާޑުގެ މުހިންމު މެސެޖުތައް ބެލެން ހުރެއެވެ. އަދި މަސްވެރިންނަށް މަސްއައިނު ހޯދުމަށާއި، އެހެނިހެން މުހިންމު ކަންކަމަށް މި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، މިނިސްޓަރ އޮފް ޑިފެންސް، މުޙައްމަދު ޣައްސާން މައުމޫން، ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އަދި ސިފައިންގެ އިސް ވެރިންނާއި، ދައުލަތުގެ އިސް ވެރިންނާ، ރާއްޖޭގެޢަސްކަރީ ޚިދުމަތުގައި އިސް ދައުރެއް މީގެ ކުރީން އަދާކޮށްދެއްވާފައިވާ ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.