Thursday, 20 June 2024

އެމްއެންޑީއެފް އެއަރ ކޯ އިފްތިތާޙުކުރެއްވުމުން ރައީސް މައުމޫންގެ ތަހްނިޔާ ރައީސަށް!

އެމްއެންޑީއެފް އެއަރ ކޯ އިފްތިތާޙުކުރުމުގެ ތާރީޚީ މުނާސަބަތުގައި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ތަހްނިޔާ ދަންނަވައިފިއެވެ.

ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްއެންޑީއެފް އެއަރ ކޯ އިފްތިތާޙުކުރުމުގެ ތާރީޚީމުނާސަބަތުގައި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހިސިފައިންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވާ ކަމަށެވެ.

 

އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ޤައުމު ދިފާޢުކުރުމުގެ ޒަމާނީ އަސްކަރީ ޤާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރުމަށް، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އެއަރ ކޯރ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ޚިދުމަތަށް ރޭ ވަނީ ތަޢާރަފްކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ ތާރީޚުގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫ.އޭ.ވީ ބޭނުން ކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤްލާލާއި، ސިޔާދަތު ޙިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ އަދި މުހިންމު ފިޔަވަޅެކެވެ. މި ޚިދުމަތުގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ޤާނޫނީ އަމަލުތައް ހުއްޓުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޔޫ.އޭ.ވީ ތަޢާރަފުކޮށްދެއްވުމަށްފަހު، އެމް.އެން.ޑީ.އެފް އިން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެއްޓުމުގެ ޤަރާރުގައި ސޮއިކުރެއްވިއެވެ. އެއަށްފަހު އެމް.އެން.ޑީ.އެފް އަށް ޔޫ.އޭ.ވީ އާއި 'އެއަރ ސަރވެއިލަންސް' ޤާބިލުކަން ހޯއްދަވައިދެއްވުމުގެ ޝަރަފުގައި، އެމަނިކުފާނަށް ހަތް ބަޑީގެ ސެލިއުޓެއް ދިވެހި ޤައުމީ ދިފާޢީ ބާރުން ވަނީ އަރުވައިފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންނާއި ދަތުރުވެރީންނަށް ޚާއްޞަކޮށް އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަން "ރަސް އައިނު" އިފުތިތާޙުކޮށްދެއްވައިފައެވެ. މި އެޕުން މޫސޫމީ އިންޒާރުތަކާއި، ކޯސްޓް ގާޑުގެ މުހިންމު މެސެޖުތައް ބެލެން ހުރެއެވެ. އަދި މަސްވެރިންނަށް މަސްއައިނު ހޯދުމަށާއި، އެހެނިހެން މުހިންމު ކަންކަމަށް މި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު