Saturday, 15 June 2024

ރޯދައާ ގުޅިފައިވާ ބައެއް ފިޤުޙީ ހުކުމްތައް

ރޯދައިގެ ރުކުންތައް

 • ނިޔަތް ގަތުން
 • ފަޖުރުލީއްސުރެ އިރުއޮއްސިއްޖެއުމަށް ދާންދެން ރޯދަ ގެއްލޭ އެންމެހާ ކަންކަމުން ދުރުހެލިވެގެން ހުރުން

ރޯދައިގެ ޝަރުތުތައް

 • އިސްލާމްކަން
 • ބާލިޣުވުން
 • ބުއްދި ސަލާމަތުން ހުރުން
 • ތަނެއްގައި ޤާއިމުވެ ހުރި މީހަކު ކަމުގައިވުން (ދަތުރުވެރިއަކު ކަމުގައި ނުވުން)
 • ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިގެންވުން
 • ޙައިޟުނިފާސް ކަމުން ޠާހިރުވެގެންވުން

 

ރޯދަ ގެއްލޭ ކަންކަން

 • ޤަސްދުގައި ކެއުމާއި ބުއިން
 • ޤަޞްދުގައި ހޮޑުލުން
 • ޙައިޟުވެރިވުމާއި ނިފާސްވެރިވުން
 • ޤަސްދުގައި ޖިމާޢުވުން
 • މަނި ބޭރުކުރުން
 • މޮޔަވުންމުރުތައްދުވުން
 • ރޯދައަށްހުރެ، ރޯދައިގެ ނިޔަތް ބާޠިލުކޮށްލުން. ނުވަތަ ރޯދަ ދޫކޮށްލިކަމަށް ނިޔަތްގަތުން

ރޯދަ ގެއްލޭ ކަންތައްތަކުގެ ތެރެއިން އެކަމެއްގެ ސަބަބުން ރޯދަ ބާޠިލުވެ، އަދި އެރޯދަ ޤަޟާކުރުން ވާޖިބުވުމާއެކު ކައްފާރާދިނުންވެސް ވާޖިބުވަނީ އެންމެ ކަމެއްގެ ސަބަބުންނެވެ. އެއީ ރަމަޟާން މަހު ދުވާލުގެ ވަގުތުގައި ޖިމާޢުވުމުންނެވެ.

 

ރޯދައިގެ ބައެއް އަދަބުތައް

 • ހާރު ކެއުމާއި ހާރު ކެއުން ލަސް ކުރުން: ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރައްވާފައިވެއެވެ: «تَسَحَّرُوا فَإنَّ فِي السَّحُورِ بَرَكَةً» [صحيح البخاري 1923] މާނައީ: ”ތިޔަބައިމީހުން ހާރު ކާށެވެ! ފަހެ ހާރު ކެއުމުގައި ބަރަކާތެއްވެއެވެ!] ޒައިދު ބްނު ޘާބިތު رَضِيَ اللهُ عَنْهُ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އާއެކުގައި އެއްރެއަކު ހާރު ފަރީއްކުޅުއްވުމަށް ފަހު، ފަތިސް ނަމާދަށް ވަޑައިގަތެވެ. ޒައިދުގެފާނު ވިދާޅުވާ ގޮތުގައި އެ ދެމެދުގައި ވީ ފަންސާސް އާޔަތް ކިޔެވޭހައި ވަރުގެ ވަގުތު ކޮޅެކެވެ. [صحيح البخاري 575]

 

 • އިރު އޮއްސުމާ އެކު ރޯދަ ވީއްލުން އަވަސް ކުރުން: ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރައްވާފައިވެއެވެ: «لاَ يَزالُ النّاسُ بِخَيْرٍ ما عَجَّلُوا الفِطْرَ» [صحيح البخاري 1957] މާނައީ: ”މީސްތަކުން، އެބައިމީހުން ރޯދަވީއްލުން އަވަސްކުރާހައި ހިނދަކު ހެޔޮގޮތުގައި ދެމިތިބޭނެތެވެ.]

 

 • ރޯދަވެރިޔާ ދުޢާ ކުރުން ގިނަ ކުރުން، ޚާއްޞަކޮށް ރޯދަ ވީއްލާ ވަގުތުގައި ދުޢާ ކުރުން: ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރައްވާފައިވެއެވެ: «إنَّ لِلصّائِمِ عِنْدَ فِطْرِهِ لَدَعْوَةً ما تُرَدُّ» [سنن ابن ماجه 1753] މާނައީ: ”ހަމަކަށަވަރުން ރޯދަވެރިޔާއަށް ރޯދަ ވީއްލާ ވަގުތު ރައްދު ނުކުރެވޭނޭ ދުޢާއެއްވެއެވެ!] ރޯދަ ވީއްލާ ވަގުތު ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ މި ދުޢާ ކުރައްވާކަމުގައި ވާރިދުވެގެންވެއެވެ: « ذَهَبَ الظَّمَأُ وابْتَلَّتِ العُرُوقُ، وثَبَتَ الأجْرُ إنْ شاءَ اللَّهُ» ދުޢާގެ މާނައީ: [ކަރުހިއްކުން ފިލައްޖެއެވެ. ނާރުތައް ތެމިއްޖެއެވެ. الله އިރާދަކުރެއްވިއްޔާ އަޖުރު ސާބިތުވެއްޖެއެވެ.]

 

 • ހަޑިހުތުރު ބަސްތަކުންނާއި ޢަމަލުތަކުން ދުލާއި ހަށިގަނޑު ރައްކާތެރި ކުރުން: ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރައްވާފައިވެއެވެ: « مَن لَمْ يَدَعْ قَوْلَ الزُّورِ والعَمَلَ بِهِ، فَلَيْسَ لِلَّهِ حاجَةٌ فِي أنْ يَدَعَ طَعامَهُ وشَرابَهُ» [صحيح البخاري 1903] މާނައީ: ”ދޮގުހެދުމާއި ބާޠިލު ވާހަކަތައް ދެއްކުން ދޫކޮށްނުލާ މީހާ، ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވެގެން ހުރުމަށް الله تَعَالَىٰ ބޭނުންވެވޮޑިގެން ނުވެއެވެ.]

 

 • ކަދުރުން ރޯދަ ވީއްލުން: ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރައްވާފައިވެއެވެ: « إذا كانَ أحَدُكُمْ صائِمًا، فَلْيُفْطِرْ عَلى التَّمْرِ، فَإنْ لَمْ يَجِدِ التَّمْرَ، فَعَلى الماءِ» [سنن أبي داود 2355] މާނައީ: ”ތިޔަބައިމީހުން ކުރެ މީހަކު ރޯދައަށް ހުރެއްޖެނަމަ، ފަހެ ކަދުރުން އެ ރޯދަ ވީއްލާށެވެ! ކަދުރު ނުލިބުނު ނަމަ، ފެނުންނެވެ!]

 

ރޯދަ ދޫކޮށްލުން ހުއްދަ މީހުން

 • ދަތުރުވެރިޔާއާއި ބަލި މީހާ: الله تَعَالَىٰ ވަޙީ ކުރައްވާފައިވެއެވެ: « فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ» [البقرة 184] މާނައީ: [ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (ރަމަޟާން މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުއްޓެވެ.]

 

 • މުސްކުޅިވެ ރޯދަ ހިފުމުގެ ކުޅަދާނަކަށް ލިބިގެން ނުވާ މީހާއާއި ފަސޭހަ ނުވާނޭކަމަށް ބެލެވޭ ބައްޔެއް ޖެހިފައިވާ މީހާ: الله تَعَالَىٰ ވަޙީ ކުރައްވާފައިވެއެވެ: « وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ» [البقرة 184] މާނައީ: [އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) ފިދުޔަ ދިނުމެވެ.] ފިދުޔައިގެ މިންވަރަކީ މިސްކީނަކަށް ކާންދޭ މިންވަރެވެ.
 • މާބަނޑު އަންހެނާއާއި ކިރުމައިމީހާ: ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރައްވާފައިވެއެވެ: « إنَّ اللَّهَ تَعَالَىٰ وضَعَ عَنِ المُسافِرِ الصَّوْمَ، وشَطْرَ الصَّلاةِ، وعَنِ الحامِلِ أوِ المُرْضِعِ الصَّوْمَ» [سنن الترمذي 715] މާނައީ: [ހަމަކަށަވަރުން ދަތުރުވެރިޔާގެ މަތިން الله تَعَالَىٰ ރޯދަ އުފުއްލެވިއެވެ. އަދި ނަމާދު ލުއިކޮށްދެއްވިއެވެ. އަދި މާބަނޑު އަންހެނާއާއި ކިރުމައިމީހާގެ މަތީން ރޯދަ އުފުއްލެވިއެވެ.]

 

ރަމަޟާން މަހުގެ ރޯދަ ވާޖިބުވެގެންވާ މީހުން

ރަށުގައި ޤާއިމުވެހުރި، ޞިއްޙަތު ސަލާމަތުންހުރި، ބާލިޣުވެފައިވާ، ބުއްދި ސަލާމަތުންހުރި، އަދި (އަންހެނެއް ކަމުގައިވާނަމަ) ޙައިޟާއި، ނިފާސުން ޠާހިރުވެހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ރަމަޟާން މަހުގެ ރޯދަ ވާޖިބުވެގެންވާ ކަމަށް އުންމަތުގެ ހުރިހާ ދަންނަބޭކަލުންވަނީ އިޖުމާޢުވެ ވަޑައިގެންފައެވެ.

 

•••✧•✧•✧•✧•✧•✧•✧•✧•••

އެޑިޓަރުގެ ނޯޓް:

މި ލިޔުމަކީ، މަދިީނާ ޔުނިވަރސިޓީގެ ދިވެހި ދަރިވަރުންކޮޅެއް، ހިންގާ ޓެލެގްރާމް ޗެނަލެެއް ކަމަށްވާ pathwaymv ގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މިލިޔުން "ފިޔަ އޮންލައިން" ގައި ޝާއިޢުކޮށްފައި މިވަނީ އެ ޗެނަލްގެ ހުއްދައާއެކުގައެވެ. އެ ޗެނަލްއަކީ ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ހެދިފައިވާ ޗެނަލްއެކެވެ. pathwaymv ގެ ލިޔުންތައް ވިދާޅުވާން ބޭނުންފުުޅުވާނަމަ، ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

https://t.me/pathway_mv

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު