ފުޓްސަލް ކޮމްޕްލެކްސްއާއި ނެޓްބޯލް ކޮމްޕްލެކްސް މަޝްރޫޢު އިޢުލާންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށާއި އަމާޒަކީ ވީހާވެސް އަވަހަކަށް މި ދެ މަޝްރޫޢު ކޮންޓްރެކްޓަރަކާ ޙަވާލުކޮށް، ޢަމަލީ މަސައްކަތް ފެށުންކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ވަނީ ކުޅިވަރުގެ ދާއިރާއިން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާއި ހަފްތާ-14 މަގުޗާޓުގައި ހިމެނިގެން ކުރެވުނު މުހިންމު މަސައްކަތްތައް ހިއްސާކުރައްވާފައެވެ.
ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ، މި ދެ ތަން ޢިމާރާތްކުރުމަށް ބޭނުންވާ ބިން ހުޅުމާލެއިން ހަމަޖެހި، އެޗް.ޑީ.ސީގެ ފަރާތުން އެ ބިން ހަވާލުކޮށްފައިވާކަމަށެވެ.
މީގެ ތެރެއިން ނެޓްބޯލް ކޮމްޕްލެކްސް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައެވެ. އަދި ފުޓްބޯލް ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 ގައެވެ. މިއިން ކޮންމެ ކޮމްޕްލެކްސްއަކީވެސް 5 ދަނޑު ހިމެނޭހެން ސްޕޯޓްސް އެރީނާއަކުން ލިބޭނެ ގިނަ ޚިދުމަތްތަކަކާއެކު ތަރައްޤީކުރާ ތަނެކެވެ.
ވަޒީރު ވިދާޅުވީ، މި ދެތަނުގެ ކޮންސެޕްޓް ކުރެހުން ނިމި، މަޝްރޫޢުގެ ފައިނޭންޝަލް ޕްލޭންވެސް އެކުލަވާލާފައިވާކަމަށެވެ. އަދި މިހާރު އޮތީ ކޮންޓްރެކްޓަރެއް ހޯދުމަށް އިޢުލާންކުރާ ހިސާބަށް ތައްޔާރީތައްވެފައިކަމަށެވެ.
ޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ، މި ދެ ކޮމްޕްލެކްސްވެސް ތަރައްޤީވެގެންދާނީ މި ޒަމާނަށް ފެތޭނެހެން، އެތުލީޓުންނާއި ކުޅި ބަލަންދާ މީހުންނަށްވެސް ބޭނުންވާ ތަފާތު ވަޞީލަތްތަކާއި ޚިދުމަތްތައް ލިބޭނެހެންކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެކްސެސްވެވޭނެހެން ތަރައްޤީކުރެވޭނެ ތަނަކަށްކަމަށެވެ.
މި 2 ކޮމްޕްލެކްސްގެވެސް މަސައްކަތް ކޮންޓްރެކްޓަަރަކާ ޙަވާލުކޮށް ވީހާވެސް އަވަހަށް އަމަލީ މަސައްކަތް ފެށުމަކީ އަމާޒެއްކަމަށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވިއެވެ. އަދި އުއްމީދަކީ މަސައްކަތް ފަށާތާ އެންމެ ލަސްވެގެން 2 އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ އޮޕަރޭޝަނަށް ގެނައުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރު ހަރުފަތަކަށް ގެންގޮސް، ކުޅިވަރުގެ ވަޞީލަތްތައް އިތުރުކުރަމަކީ ސަރުކާރުގެ އަމާޒެކެވެ. ވަކިން ޚާއްސަކޮށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ބޮޑެތި މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ އަމާޒެކެވެ.
މި އަމާޒަށް ވަޞީލުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ފުޓްސަލް އަދި ނެޓްބޯލް ދަނޑުތަކާއި އެކަމަށް ބޭނުންވާ އިތުރު ވަޞީލަތްތައް އެކުލެވޭގޮތަށް ފަރުމާކޮށްގެން މާލޭ ސަރަޙައްދުގައި "ފުޓްސަލް ކޮމްޕްލެކްސް" އަދި "ނެޓްބޯލް ކޮމްޕްލެކްސް" އެއް ޢިމާރާތްކުރުމަށް ބޭނުންވާ މަސައްކަތްތައް ފެށުމަށް ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގައި ވަނީ ހިމަނުއްވާފައެވެ.
ވަޒީރު މިހެން ވިދާޅުވީ، ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.