Thursday, 20 June 2024
ރެހެންދި އެވޯޑް 2018 ގެ ޖަލްސާގައި، ފޮޓޯ: ރައީސް އޮފީސް

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އޭޕްރީލް 18 ގެ ނިޔަލަށް

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާކަމަށް އިޖްތިމާއީ އަދި އާއިލީ ތަރަށްގީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެގޮތުން، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާ، ރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެގޮތުން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ރެހެންދި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ މިދިޔަ ފެބުރުވަރީ މަހުގެ 8 ވަނަ ދުވަހުގައެވެ.

އެ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މުޖުތަމައުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެކި ކަންކަމަށް އަންހެނުން ނުކުތުމަށް ހިތްވަރުދީ އަންހެނުން ބާރުވެރިކުރުމާއި އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާ ޖަމިއްޔާތަކާއި ޖަމާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަކީ މި އެވޯޑު ދިނުމުގެ އެންމެ ބޮޑު އެއް މަގުސަދެވެ.

ރެހެންދި އެވޯޑް ހާއްސަ ކުރެވެނީ މައިގަނޑު 3 ދާއިރާއަކީ:

* ވަކިވަކި ފަރުދުންނަށް ޚާހާއްސަކުރެވޭ ދާއިރާ
* ޖަމިއްޔާ ޖަމާއަތްތަކަށް ޚާއްސަ ކުރެވޭ ދާއިރާ
* އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ދާއިރާ

އެވޯޑަށް ހުށައަޅާއިރު ފުރިހަމަވާންޖެހޭ ބައެއް އަސާސީ ޝަރުތުތައް:

* ވަކި ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަމުގައިވުން
* ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން
* އެވޯޑަށް ހުށަހެޅޭ ފަރާތާއި އިދާރާ ނުވަތަ މުއައްސަސާއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށްވުން
* ހުށަހަޅާ ދާއިރާގައި މެދުނުކެނޑި މަގުވެގެން 5 އަހަރު ޚިދުމަތްކޮށްފައިވުން
* މީގެ ކުރިން ދައުލަތުން ދެއްވާ ޝަރަފުގެ ޤައުމީ އިނާމު ނުވަތަ ހިތްވަރުދިނުމުގެ ޤައުމީ އިނާމު ލިބިފައިވާ ފަރާތަކަށް ނުވުން

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ ސީނިއަރ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ އާމިނަތު އަފާ ވިދާޅުވީ އަހަރަކަށްވުރެ އަހަރެއް އާންމުންގެ ތަރުޙީބު އެވޯޑަށް ލިބެމުންދާ މިންވަރު އިތުރުވަމުން ދާކަމުގައެވެ. އަދި އެވޯޑް ހޯދުމުގެ ނިޔަތުގައި މަސައްކަތް ކުރާ މީހުން އިތުރުވަމުން އަންނަ ކަންވެސް އަފާ ވަނީ ފާހަގަ ކޮށްފައެވެ.

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ ފޯމް ހުށަހެޅުމަށް [email protected] އީމެއިލް ބޭނުން ކުރެވޭނެ ކަމަށާއި އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް އެވުޒާރާގެ ކައުންޓަރުން ފޯމް ބަލައިގަންނާނެ ކަމަށެވެ.
މިއަހަރަކީ ރެހެންދި އެވޯޑު ދެމުންއަންތާ 10 ވަނަ އަހަރު ކަމަށްވާއިރު، މިހާތަނަށް ޖުމްލަ 46 ބޭފުޅަކަށް ރެހެންދި އެވޯޑު ވަނީ ލިބިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު