ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު، އިތުރު ދައުރަކަށް ވާދަކުރަން ފޯމު ހުށަހެޅުމަށް ފަހު ނަން އަނބުރާ ގެންގޮސް އަނެއްކާވެސް އިންތިހާބުގައި ވާދަކުރަން ބޭނުންވެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.
ހައިކޯޓުގެ ރަޖިސްޓްރީ ދައްކާ ގޮތުގައި، ރަޝީދު އިންތިހާބީ މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި މައްސަލަ ބަލައިގަތުމާއި މެދު ކޯޓުން ވަކި ގޮތެއް ނިންމާފައި ނުވެއެވެ.
މި މައްސަލަ ރަޝީދު ހުށަހަޅާފައި ވަނީ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު ގެނެސްފައިވާތީ، އިތުރު ފުރުސަތެއް ދޭން ޖެހޭކަމަށް ބުނެ އެވެ.
މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް ފޯމު ހުށަހަޅަން ދިން މުއްދަތު 15، ފެބްރުއަރީގައި ހަމަވިއިރު ރަޝީދު ހިމެނޭހެން 4 ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިޔަ އެވެ.
ރަޝީދު ނަން އަނބުރާ ގެންދިޔަކަން އިލެކްޝަންސް ކޮމިޝަން މެދުވެރިކޮށް މީޑިއާތަކަށް މައުލޫމާތު ލިބުނުއިރު، އިންތިހާބުގައި ވާދަނުކުރަން ނިންމީ ކޮން ސަބަބަކާއި ހުރެކަން އޭނާ ހާމައެއް ނުކުރެ އެވެ. އަދި އެކަމާއި ގުޅޭގޮތުން އެއްވެސް ވަރަކަށް ވާހަކަ ވެސް ދައްކަވާފައި ނުވެއެވެ.
ހިތަދޫ މެދު ދާއިރާއަށް މިހާރު ވާދަ ކުރާ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ޝުއާއު އާއާއު އާއި ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު އަޒާނެވެ.