Wednesday, 19 June 2024

15 އަހަރަށްފަހު ފުލުހުންގެ މުސާރައަށް ބޮޑު ކުރިއެރުމެއް، %35 ބޮޑުކޮށްފި

ހުރިހާ ފުލުހުންގެ މުސާރަ މިމަހުން ފެށިގެން %35 ސަރުކާރުން ބޮޑުކޮށްދެއްވައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުސާރަ މިމަހުން ފެށިގެން %35 ސަރުކާރުން ބޮޑުކޮށްދެއްވާފައިވާއިރު، އައު މުސާރައިގެ އޮނިގަނޑުގައި ހިމެނެނީ އަސާސީ މުސާރައިގެ އިތުރުން، މަޤާމުގެ އެލަވަންސް، ޖޮބް އެލަވަންސް އަދި ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސްއެވެ. ފުލުހުންގެ ޕޭ ސްޓްރަކްޗަރއަށް ގެނައި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ ފުލުހުންގެ އަސާސީ މުސާރަ އަދި ކުރާ މަސައްކަތުގެގޮތުން ކޮންމެ ފުލަހަކަށްވެސް ޚާއްސަ އިނާޔަތެއް ލިބޭނެގޮތް ހެދުމެވެ.

މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރައާއެކު ފުލުހުންގެ މުސާރައަށް މިހާ ބޮޑު ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރު ކަމަށް ފުލުހުން ވިދާޅުވެއެވެ. މުސާރައިގެ އޮނިގަނޑު ޒަމާނީކޮށް، ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތަޢާރަފުކުރުމުގެ ގޮތުން ކުރިން ދެމުންއައި އެލަވަންސްތަކަށް ވަނީ ބަދަލުގެނެސްފައެވެ.

މި ގެނެވުނު ބަދަލާއެކު ފުލުހުންގެ ތެރެއިން އެންމެ މަދުން މުސާރަ ލިބޭ ކޮންސްޓަބަލުން ރޭންކުގެ ފުލުހުންނަށްވެސް މިހާރު މަދުވެގެން 15،500 ރުފިޔާ ލިބޭނެއެވެ. އަދި އެލަވަންސްތަކާއެކު ކޮންމެ މަހަކުވެސް މަދުވެގެން 17،000 ރުފިޔާ ލިބޭނެއެވެ. ކުރިން މި ރޭންކުގެ ފުލުހެއްގެ މުސާރައަކީ 11،810 ރުފިޔާއެވެ. މީގެ އިތުރުން މަގުމަތީގައި ހަރަކާތްތެރިވާ ޕެޓްރޯލްމަނުންނަށް އިތުރު 1،000 ރުފިޔާ އަދި ޝިފްޓް ޑިއުޓީ އަދާކުރާނަމަ އިތުރު 750 ރުފިޔާ ލިބޭނެއެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ "އަހާ" ގެ ނަމުގައި މިދިިޔަ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހު ބޭއްވި ފޯރަމްގައި ބައިވެރިވެވަޑައިގެން ރައީސް ވަނީ މިމަހުގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު