Saturday, 15 June 2024

ރަމަޟާން މަހުގައި ޢަމަލުތައް ބަހައްޓަންވީ ގޮތް

ރަމަޟާން މަހަކީ އެތަކެއް ދަރުމައާއި ޘަވާބެއް އެ މަހުގައި ކުރާ އަޅުކަންތަކުން ޙާޞިލު ކުރެވޭނެހެން الله تَعَالَىٰ އެކަލާނގެ އަޅުތަކުންނަށްޓަކައި ލައްވާފައިވާ ނިޢުމަތެކެވެ. އަދި އެ މަހުގައި ހެޔޮ ޢަމަލުކުރުމަށް ބާރު އެޅުއްވުމުގެ ގޮތުން އެކަލާނގެ ވަނީ ރަމަޟާން މަހަކީ އަޅުކަމުގެ މޫސުމެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އަދި މި މަހު ކުރާ ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އެހެނިހެން މައްސަރުތަކުގައި ކުރާ ހެޔޮ ޢަމަލުތަކަށްވުރެ އެތައް ގުނައަކަށް އިތުރުކުރެއްވިއެވެ. ވީމާ އަޅުގަނޑުމެންގެ އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި މި ހެޔޮކަމުގެ މޫސުމުގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަންނަން ސަމާލުވާން ޖެހެއެވެ. އެގޮތުން އަޅުކަމުގެ ގޮތުގައި މި މަހުގައި ކުރުން މުހިންމު ބައެއް ކަންތައްތައް ފާހަގަކޮށްލާނަމެވެ.

  • ނަމާދަށް ފަރުވާ ބެހެއްޓުން: މިއީ ރަމަޟާން މަހަށް ޚާއްޞަކަމެއް ނޫނެވެ. ނަމަވެސް ރަމަޟާން މަހުގައި ވަކިން ޚާއްޞަކޮށް ނަމާދުގެ ފުރަތަމަ ވަގުތުގައި، ފިރިހެނެއްނަމަ، މިސްކިތުގެ ޖަމާޢަތުގައި ނަމާދު ޤާއިމު ކުރުމަކީ އަހަރުގެ އެހެނިހެން ދުވަސްތަކުގައި ނަމާދަށް ފަރުވާ ބެހެއްޓުމަށް ނަފުސު ތަމްރީނު ކުރުމަށް ލިބޭ ފުރުޞަތެކެވެ.
  • ޤުރުއާން ކިޔެވުން ގިނަކުރުން: ރަމަޟާން މަހަކީ އެ މަހެއްގައި ޤުރުއާން ބާވައިލެއްވުނު މައްސަރެވެ. އެހެންކަމުން ޤުރުއާނުގެ މަހުގައި ޤުރުއާން ގިނަގިނައިން ކިޔެވުމަކީ މަތިވެރި ދަރުމައާއި ޘަވާބުހުރި ހެޔޮ ޢަމަލެކެވެ. ހަމައެހެންމެ، ކީރިތި ޤުރުއާން ޙަތިމްކުރުމާއި ހިތުން ދަސްކޮށްފައިވާ ބައިތައް މުރާޖަޢާކޮށް ފަރިތަކުރުމާއި ވީވަރަކުން އިތުރު ބައިތައް ހިތުދަސްކުރަން މަސައްކަތްކުރަންވާނެއެވެ. ހަމަމިގޮތަށް ޤުރުއާނުގެ ތަރުޖަމާއާއި ތަފްސީރު ކިޔުމަކީވެސް ޤުރުއާނުން ޙާޞިލްކުރަން ބޭނުންވާ ފައިދާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ޙާޞިލްކުރުމަށް އެހީތެރިވެދޭނޭ ކަމެކެވެ.
  • ރޭ އަޅުކަންކުރުން: ރަމަޟާން މަހަކީ، އެހެނިހެން މައްސަރުތަކަށް ވުރެ ބޮޑަށް، އެ މަހުގައި ރޭ އަޅުކަން ކުރުމުގެ މަތީގައި ޤާއިމުވުމުގެ މައްޗަށް މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ބާރުއަޅުއްވާފައިވާ މަހެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ: «إنَّهُ مَن قامَ مَعَ الإمامِ حَتّى يَنْصَرِفَ كُتِبَ لَهُ قِيامُ لَيْلَةٍ» [سنن الترمذي 806] މާނައީ: [ހަމަކަށަވަރުން އިމާމު މީހާއާއެކު އޭނާ ނިންމައިފުމަށް ދާންދެން ރޭއަޅުކަމުގައި ޤާއިމްވެ ހުރެއްޖެމީހާ މުޅި ރޭގަނޑު އަޅުކަން ކުރިކަމުގައި ލިޔުއްވޭނެއެވެ.]
  • ޞަދަޤާތް ދިނުން: ޞަދަޤާތް ދިނުމަކީ މީހާއަށް ކުރެވޭ ކުދި ފާފަތައް ފުއްސަވާކަމެކެވެ. މިހެންކަމުން މިއީ ރަމަޟާން މަސް ނޫން މައްސަރުތަކުގައިވެސް އަޅުގަނޑުމެން ނިކަން ބޮޑު އަހައްމިއްޔަތުކަމެއް ދޭން ޖެހޭކެމެކެވެ. ވަކިން ޚާއްޞަކޮށް ރަމަޟާން މަހަކީ ދީލަތިވެ ފަޤީރުންނާއި މިސްކީނުން އަދި ދަތި ޙާލުގައި އުޅެމުންދާ މުސްލިމުންނަށް އަޅާލައި އޯގާތެރިވާންވީ މައްސަރެވެ. އިބްނު ޢައްބާސް رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ: [މީސްތަކުން ކުރެ އެންމެ ދީލަތި ބޭކަލަކީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެވެ. އަދި އެކަލޭގެފާނު އެންމެ ދީލަތިވެވަޑައިގެންނެވި މައްސަރަކީ ރަމަޟާން މަހެވެ.] [صحيح البخاري 8/13]
  • މީހަކަށް ރޯދަވީއްލުން ދިނުން: މިއީ ވެސް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ބާރުއަޅުއްވާފައިވާކަމެކެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ: « مَن فَطَّرَ صائِمًا كانَ لَهُ مِثْلُ أجْرِهِ، غَيْرَ أنَّهُ لا يَنْقُصُ مِن أجْرِ الصّائِمِ شَيْئًا» [سنن الترمذي 807] މާނައީ: [ރޯދަވެރިއަކަށް ރޯދުވިއްލުން ދީފި މީހަކަށް، އެރޯދަވެރިޔާގެ ޘަވާބާއި އެއްވަރަށް ޘަވާބުލިބޭނެއެވެ. އެއީ އެމީހާގެ އަޖުރުން އެއްވެސް މިންވަރެއް އުނިވުމެއް ނެތިއެވެ.]

މީގެ އިތުރުންވެސް ވަގުތު ތަރުތީބުކުރުމާއި ވަގުތުތައް ބޭކާރު ގޮތުގައި ދުއްވާ ނުލުމަކީ ފަރުވާތެރިވާން ޖެހޭނޭކަންކަމެވެ. އެއީ މި އަޅުކަމުގެ މޫސުމުގައި ގިނަގިނައިން އަޅުކަންކުރުމުގެ މަތީގައި ދެމިހުރުމަށްޓަކައި އެޅޭނެ އެންމެ ފުރިހަމަ އެއް ފިޔަވަޅެވެ. މުޅި ރެއާއިދުވާލުގެ ވަގުތުތައް ކުޅިވަރާއި މަޖަލުގެ ތެރޭގައި ހޭދަކޮށް ނަގާލުމަކީ މިފަދަ މަތިވެރި މަހެއްގައި ހެޔޮކަންކަމުން މީހާ މަޙުރޫމްކޮށްލާނޭ ކަމެކެވެ.

ދުލުގެ އާފާތްތައްކަމުގައިވާ ޣީބަބުނުމާއި ދެބައުޑުވުމާއި ބޭކާރު ވާހަކަތައް ދެއްކުމުގައި ވަގުތުތައް ނަގައިލުމަކީ ރޯދަވެރިޔާ އެކަންތައްތަކުން މުޅިން ރައްކާތެރިވެ ސަލާމަތްވެގަންނަން ޖެހޭ ކަންކަމެވެ. މިފަދަ ކަންކަމުގައި ރޯދަވެރިޔާގެ ވަގުތު ހޭދަކުރުމުގެ ނުރައްކާތެރިކަން ބަޔާންކުރައްވާ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައި ވެއެވެ: « مَن لَمْ يَدَعْ قَوْلَ الزُّورِ والعَمَلَ بِهِ والجَهْلَ، فَلَيْسَ لِلَّهِ حاجَةٌ أنْ يَدَعَ طَعامَهُ وشَرابَهُ» [صحيح البخاري 6057] މާނައީ: [ދޮގުހެދުމާއި ބާޠިލު ވާހަކަތައް ދެއްކުމާއި ބާޠިލަށް ޢަމަލުކުރުމާއި ޖާހިލުކަން (ފާފަތަކަށް އަރައިގަތުން) ދޫކޮށްނުލާ މީހާ، އޭނާ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވެގެން ހުރުމަށް الله تَعَالَىٰ ބޭނުންވެވޮޑިގެން ނުވެއެވެ.] އަދި ރޯދަވެރިއަކަށް އެހެން މީހަކު ބަދުބަސް ބުނެ ފުރައްސާރަ ކުރާނަމަވެސް ރައްދުދިނުން ނަހީކުރައްވާފައިވެއެވެ. ހަމައެކަނި "އަހަރެންނަކީ ރޯދަވެރިޔަކީމުއެވެ!" މިފަދައިން ބުނެ ފުއްދާލުމަށް އަންގަވައި އަމުރުކުރައްވާފައިވެއެވެ.

މި މަހުގެ ދަރުމައާއި ޘަވާބު ހޯދުމުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ފަރަޤެއް ނުވެއެވެ. ފިރިހެނުންނަށާއި އަންހެނުންނަށް ވެސް އޮތީ އަޅުކަމުގައި ހީވާގިވުމެވެ. الله تَعَالَىٰ ގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންގަނެ ހެޔޮ ޢަމަލުތަކުގައި އެއްބަޔަކު އަނެއްބަޔަކާ ވާދަކޮށް ކުރިއަރައި ދިއުމެވެ. ކުޅިވަރާއި މަޖަލުގެ ތެރޭގައި ވަގުތު ހޭދަކުރުމުން ދުރުހެލިވުމާއި ކާބޯތަކެތިން އިސްރާފުކުރުން ދޫކޮށްލުމެވެ. މި ބަރަކާތްތެރި މަހުގެ ދަރުމައާއި ޘަވާބު ހޯދުމަށްޓަކައި އަޅުކަމުގައި ހީވާގިވުމުގެ ތައުފީޤު الله تَعَالَىٰ އަޅަމެން އެންމެންނަށްވެސް މިންވަރުކުރައްވާށިއެވެ.

•••✧•✧•✧•✧•✧•✧•✧•✧•••

އެޑިޓަރުގެ ނޯޓް:

މި ލިޔުމަކީ، މަދިީނާ ޔުނިވަރސިޓީގެ ދިވެހި ދަރިވަރުންކޮޅެއް، ހިންގާ ޓެލެގްރާމް ޗެނަލެެއް ކަމަށްވާ pathwaymv ގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މިލިޔުން "ފިޔަ އޮންލައިން" ގައި ޝާއިޢުކޮށްފައި މިވަނީ އެ ޗެނަލްގެ ހުއްދައާއެކުގައެވެ. އެ ޗެނަލްއަކީ ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ހެދިފައިވާ ޗެނަލްއެކެވެ. pathwaymv ގެ ލިޔުންތައް ވިދާޅުވާން ބޭނުންފުުޅުވާނަމަ، ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

https://t.me/pathway_mv

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު