މިއަހަރުން ފެށިގެން ދިވެހިރާއްޖޭގައި ފިޠުރު ޢީދު ނަމާދާއި އަޟްޙާ ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމުގައި ކަނޑައަޅައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއިކުރައްވައި، ދިވެހިރާއްޖޭގައި ޢީދު ނަމާދު ޖަމާޢަތްފަށާ ވަގުތު ބަދަލުކުރުމާ ބެހޭ ގޮތުން ނިންމަވާފައިވާ ނިންމެވުން ހާމަކުރެއްވުމަށް އެ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވަނީ، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ޢީދު ނަމާދު ކުރަމުން އައިސްފައިވަނީ ހެނދުނު 07:30 ގައި މިސްކިތްތަކުގައި ކަމުގައިވިޔަސް، އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވެފައި، މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާތީއާއި، ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އުފުލަންޖެހޭތީއާއި، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާގޮތުން ވެސް އެކަލޭގެފާނު ޢީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުޙާ ވަގުތުގައިކަން ފެންނަން އޮންނަ ކަމުގައެވެ.
އެހެންކަމުން، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅުގައިވާ ގޮތަށް ތަބަޢަވުމަކީ މޮޅު އިތުރުގޮތް ކަމަށްވާތީއާއި، ޢާންމު މަޞްލަޙަތަށް ރިޢާޔަތްކުރުމަށް ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ޤަވާޢިދުތަކަށް ރިޢާޔަތްކޮށް، ހިޖުރީ ސަނަތުން 1445، މީލާދީ ސަނަތުން 2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ފިޠުރު ޢީދު ނަމާދާއި އަޟްޙާ ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމުގައި ކަނޑައަޅައިފި ކަމުގައި އެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
"ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތު އަވަސްކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ޤާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށް ފަހުގައެވެ." އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނެރުއްވި ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.
ދިވެހިރާއްޖޭގައި ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ގަޑި ހެނދުނު 7.30 ގައި އޮންނަ އޮތުން ބަދަލުކޮށް 7.00 ގައި ޖަމާޢަތް ފަށާ ގޮތައް ބަދަލުކުރަން ނިންމި ނިންމުމާ ގުޅޭ ބަޔާން. pic.twitter.com/XggiVAn6T0
— Ministry of Islamic Affairs (@MVIaffairs) March 20, 2024