ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ ބައި ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއް ތެރޭ ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން، އެ މިނިސްޓްރީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 127.9 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 85 ހެކްޓަރު ހިއްކުމުގެ މަސައްކަތް ފަށާނީ މިހާރު ހިއްކަމުންދާ ބައި ނިމުމުން ކަމަށެވެ.
އެގޮތުން ގުޅިފަޅުން ހިއްކާ ސަރަހައްދުގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށާއި ހަ މަސް ތެރޭ އެ މަސައްކަތް ވެސް ނިމޭނެ ކަމަށާއި، މަގު ހަދަން ބޭނުންވާ ބިން ވެސ މި އަހަރު ތެރޭ ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސްއާ ހަވާލު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގުޅިފަޅު ހިއްކުމުގެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. ކުރީ ސަރުކާރުން ހަވާލުކުރީ ހަމައެކަނި 65 ހެކްޓަރު ހިއްކުމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިތުރު 85 ހެކްޓަރުގެ ބިން އިތުރުކުރުމަށް ނިންމަވާފައެވެ.
އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލު ކުރީ ޖުމްލަ 130.4 މިލިއަން ޑޮލަރަށެވެ.



