Tuesday, 23 July 2024

ރަމަޟާން މަހަކީ قُرْآن ކިޔެވުމާއި، ރޭއަޅުކަންކުރުމުގެ މައްސަރު: ހުކުރު ޚުޠުބާ

رَمَضَان މަހަކީ އަޅުކަމާއި މަޣްފިރަތުގެ މައްސަރުކަމަށާއި، قُرْآن ކިޔެވުމާއި، ރޭއަޅުކަންކުރުމުގެ މައްސަރު ކަމަށާއި، ހިދާޔަތުގެ މައްސަރު ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ރަމަޟާންމަހާއި ދިރިއުޅުން" މި މައުޟޫޢުގެ މައްޗަށް ރާއްޖޭގެ މިސްކިތްކުގައި އިއްވެވި ހުކުރު ޚުޠުބާގައި ވިދާޅުވީ، ރޯދައިގެ އަޅުކަމުގައި ރޫޙާނީ، އިޖްތިމާޢީ، ޞިއްޙީ ގިނަގުނަ ފައިދާތަކެއްވާ ކަމަށާއި، ރޯދަ އަހަރެމެނަށް ކެތްތެރިކަން ދަސްކޮށްދޭ ކަމަށެވެ.

"ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ރޯދައަކީ މުސްލިމުންގެ އަޚްލާޤު ތަހުޒީބުކޮށް ތަރައްޤީކޮށްދޭ އަޅުކަމެއް ކަން ފާހަގަކުރައްވައި، ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ވާ ކަމަށާއި، މިގޮތުން ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހޭ ކަމަށާއި، އަދި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާންޖެހޭ ކަމަށެވެ.

އެހެންކަމުން، ޙަޤީޤީ މާނާގައި ރޯދަ ހިފާމީހާ ދެބައޮޑުވުމާއި ނެތިމޮށުމާއި އާޑަފުރައްސާރަކުރުން ފަދަ ޢަމަލުތަކުން ދުރުވާންޖެހޭ ކަމަށާއި، ރޯދަވެރިޔާ އަޚްލާޤު ރަނގަޅު ނުކުރުމުން ރޯދައިން ލިބޭ ދަރުމަ އުނިވާނޭ ކަމަށާއި، އެހާރުން އޭނާ ވާހުށީ ޤިޔާމަތް ދުވަހުން މިދުނިޔޭގައި ކުޅަކަންތަކަށް ހިތާމަ ކުރާނޭ މީހަކަށް ކަމުގައި ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

"ރޯދައަކީ ނުބައި އަޚްލާޤުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި، މިފަދަ ފަހި ފުރުޞަތެއް ދެވަނަފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ، މި ބަރަކާތްތެރި މައްސަރުގައި ޙަޔާތަށް ބޮޑުބަދަލެއް ގެންނައުމަށާއި މުޖްތަމަޢު އެއްބައިވަންތަކުރާ މުޖްތަމަޢުގެ ހެވާއި ލާބައަށް މަސައްކަތް ކުރާބަޔަކު ކަމުގައި ވުމަށް ގޮވާލެއްވިއެވެ.

"ރޯދަ އަހަރެމެންނަށް ދަސްކޮށްދެނީ އަނެކާގެ އިޙްސާސްތަކުގައި ބައިވެރިވެ ނިކަމެތި ޙާލުގައި އުޅޭ ފަޤީރުންނާއި މުހުތާދުވެރިންނަށް އެހީތެރިވުމަށެވެ! އެންމެ ހެޔޮމީހަކީ، ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް، ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާއެވެ." ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

މި ބަރަކާތްތެރި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބޭނީ، އަހަރެމެންގެ ލޮބުވެތި ރަސޫލާއާއި މިއުންމަތުގެ ޞަލަފުއްޞާލިޙުން ރަމަޟާން މަހުގައި އަޅުކަން ކުރެއްވިގޮތް ނަމޫނާއަކަށް ބަލައިގެން ކަމަށް ވިދާޅުވެ، ފަރްޟު ފަސްނަމާދާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވެގެން، ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާ މީހަކަށް ވުމަށާއި، ދުވާލާއި ރޭގަނޑުގެ ވަގުތުތައް މާތް ﷲ ރުއްސަވާ ގޮތުގެ މަތީން ހޭދަކުރާ ބަޔަކަށްވުމަށް ނަޞޭހަތްތެރިވެވަޑައިގެންނެވިއެވެ.

"ތާރާވީޙު ނަމާދާއި ރޭއަޅުކަމާއި، ކީރިތި ޤުރްއާން ގިނަގިނައިން ތިލާވަތު ކުރުމަކީ، ހިތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެކަމެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާތް ﷲ ގެ ރަޙްމަތާއި ފުއްސެވުން ލިބެންއޮތީ މާތް ﷲ އަށް تَقْوَى ވެރިވެ، އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަން ވެގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު