Saturday, 22 June 2024

ފެނަކައިގެ ކުރީގެ މެނޭޖްމަންޓުން ހަވާލުކުރި 25 ޕްރޮޖެކްޓެއްގެ މައްސަލަ އޭސީސީއަށް

ވަކި ބަޔަކަށް ފައިދާވާ ގޮތަށް ފެނަކައިން ހަވާލުކޮށްފައިވާ 25 ޕްރޮޖެކްޓެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

މުއާޒް ވިދާޅުވީ އެ ދަރަންޏާއި އެކު، ކުރިޔަށް ދިއުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. ފެނަކައަކީ ދިވެހި އެތައް ރައްޔިތަކަށް ހިދުމަތް ދެމުން ގެންދާ ޔޫޓިލިޓީ ކުންފުންޏަކަށްވާއިރު މުއާޒް ވިދާޅުވީ ހާލަތު އޮތީ އޮޕަރޭޝަންތަކަށް ވެސް ބުރޫއަރާ ހާލަތެއްގައި ކަމަށެވެ. އެގޮތުން ކުންފުނީގެ ލޯނުގެ ގޮތުގައި 871 މިލިއަން ރުފިޔާ އަދި އެކި ފަރާތްތަކަށް ދޭން ޖެހޭ ފައިސާ 3.2 ބިލިއަން ރުފިޔާއަށް އަރާއިރު ދަރަނި ވެސް ހުރީ 4.16 ބިލިއަން ރުފިޔާގައިކަމަށް މުއާޒް ވިދާޅުވި އެވެ.

ފެނަކައިގެ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅުއްވާނެކަން ހާމަކުރައްވާފައި ވަނިކޮށް، މިއަދު މުއާޒް ވިދާޅުވީ ތަހުގީގަށް ހުށަހެޅި ޕްރޮޖެކްޓުތަކަކީ ކުންފުންޏަށް އިންތިހާއަށް ގެއްލުންވާ ގޮތަށް ބީއޯކިއުއެއް އަދި މާކެޓުގައި މަސައްކަތް ކުރެވޭނެ އަގަށް ބެލުމެއް ނެތި ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތައް ކަމަށެވެ.

މުއާޒް ވިދާޅުވީ މަގާމުގެ ނާޖާއިޒް ފައިދާ ނަގައި، އިންހައުސްކޮށްފައިވާ 60 ކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ތެރެއިން 25 ޕްރޮޖެކްޓުގެ މައްސަކަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓުތަކުން ފެނަކައަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބިފައިވާކަން ހާމަކުރެއްވި އެވެ.

މުއާޒް ވިދާޅުވީ ކުންފުނިން ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާތައް ނުދެވި ކުންފުނި އޮތީ ދަރަނިވެރި ހާލަތެއްގައި ކަމަށެވެ. އެހެންކަމުން އެ ފައިސާ ނުދެވި، ކުންފުނި އެ ހާލަތަށް ވެއްޓުމުގައި ޒިންމާ ނަގަން ޖެހޭ ފަރާތްތަކުގެ މައްސަލަ ބަލައި ލަސްނުކޮށް ގާނޫނީ ފިޔަވަޅު އަޅަން ޖެހޭކަމަށް ވިދާޅުވި އެވެ.

ކުންފުންޏަށް މިހާ ބޮޑު ގެއްލުމެއް ލިބުނު ސަބަބެއްކަމަށް މުއާޒް ވިދާޅުވެފައި ވަނީ، އިންހައުސްކޮށް ގިނަ ޕްރޮޖެކްޓުތައް ހިންގާފައިވުމެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑު ގެއްލުންތަކާއި ކުރިމަތިވެ، އެފަދަ ގިނަ ޕްރޮޖެކްޓުތައް ވެސް ހުއްޓުމަކަށް އައިސްފައިވާކަމަށް މުއާޒް ވިދާޅުވި އެވެ.

މީގެ ކުރިން މުއާޒް ހާމަކުރެއްވި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އިންހައުސްކޮށް 60 ޕްރޮޖެކްޓެއް ރިޕޯޓުކޮށްފައި ވެއެވެ. އެކަމަކު މިފަދަ އެއްވެސް ނިންމުމެއްގައި ބޯޑުގެ ބައިވެރިވުމެއް ނުވަތަ ބޯޑުގެ އެޕްރޫވަލްއެއް މަޝްވަރާއެއް ނެތްކަމަށް މުއާޒް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މިއީ ނިންމިދާނެ، ނިންމުންތަކެއްތޯ ސުވާލު ވެސް އުފެދޭކަމަށް މުއާޒް ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު