Saturday, 15 June 2024

ނެޓްވޯކް މައްޗަށް ބިން އަރާފައި ހުރިކަމަށް ބުނެ، ބިން ނުދީ ނުތިބޭނެ؛ މައްސަލަ ހައްލުކުރާނެ: އެޗްޑީސީ

ނެޓްވޯކް މައްޗަށް ބިން އަރާފައި ހުރިކަމަށް ބުނެ ބިން ނުދީ ނުތިބޭނެ ކަމަށާއި މައްސަލަ ހައްލުކުރާނެ ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިތައް ދޫކޮށްފައިވާ ސަރަހައްދު ސާފުކޮށް އިންވަކި ކުރުމުގެ މަސައްކަތް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީން ފެށުމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން މީޑިއާތަކާ ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ، މިގޮތަށް ބިން ސާފުކޮށް އެއްވަރުކޮށް އިންފާރު ވަކިކޮށްދިނުމުން، މަސައްކަތް އަވަސްވެ ޕޯޓަލް މެދުވެރިކޮށް ދޭ ހުއްދައަކާއެކު އިންފާރު ވަގުތުން ރާނަން ފެށޭނެ ކަމަށެވެ. މިއީ ކުރީގައި 3 މަރުހަލާއެއްގައި ކުރަމުން އައި މަސައްކަތްކަން ފާހަގަކޮށް ފަޒުލް ވިދާޅުވީ 3 މަރުހަލާ މިހާރު އެއް މަރުހަލާއަށް ބަދަލުކޮށްދީފައިވާ ކަމަށެވެ.

އެޗް.ޑީ.ސީގެ ފަރާތުން މި މަސައްކަތް ފަށްޓަވައިދެއްވައި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ.

ފަޒުލް ވިދާޅުވީ ނެޓްވޯކް މައްޗަށް ބިން އަރާފައި ހުރިކަމަށް ބުނެ ބިން ނުދީ ނުތިބޭނެ ކަަމަށާއި، އެޗް.ޑީ.ސީ ސްޓެލްކޯ އަދި އެމް.ޑަބްލިއު.އެސް.ސީ ގުޅިގެން އެ ނެޓްވޯކްތައްވެސް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

"އަޅުގަނޑުމެން އުއްމީދަކީ ހުޅުމާލޭގައި ބިންވެރިޔާގެ ގޯތިތަކުގެ ތެރެއިން ހިއްކަމުންދާ ސަރަހައްދު ފިޔަވައި ދެން ހުރި ހުރިހާ މަސައްކަތްތަކެއް މިވަގުތު ހައްލުކޮށްދެވެން ހުރި ކަންތައް ތަކެއް ހައްލުކޮށް ނިންމުން. މީގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ހިމެނޭނެ އެކަމަކުވެސް މިހާރު ދިމާވެފައިވާ ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގާ އަރާފައި ހުރި [ނެޓްވޯކްތައް] ބަދަލު ކުރުމުގެ މަސައްކަތްވެސް އަޅުގަނޑުމެން ކުރިއަށް އެބަގެންދަން." ފަޒުލް ވިދާޅުވިއެވެ

މީގެ އިތުރުން ހިލަފުނި ޖަހާފައި ހުރިތަންތަނުން ވެސް ބިން ދީފައި ހުރިކަން ފާހަގަ ކުރައްވައި މިހާރު އެތަންތަންވެސް ރީލޮކޭޓް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ގުޅިގެން ކުރިއަށްދާކަމަށް ފަޒުލް ވިދާޅުވިއެވެ.

"ހިލަ ހިލަވެއްޔާ ފެނާއި ނަރުދަމާ އަދި މިތަންތަނަށް ހެދިފައި ހުރި ޕްލޮޓްގެ ނިސްބަތުން ބަލާއިރު އަޅުގަނޑުމެންނަކަށް މާގިނަ ދުވަހެއް ނުވާނެ. އެއްޓީމެއްގެ ގޮތުގައި އެމްޑަބްލިއުއެސްސީ ސްޓެލްކޯ އަދި އޭގެ އިތުރުން އެޗްޑީސީ މަސައްކަތް ކޮށްފައްޔާ އެ ބޭފުޅުންނަށް ބިންތައް ދޭކަށެއް. މިއުޅެނީ ސިގްނިފިކެންޓް އަދަދެއް ނޫން ނުދެވިގެން މިއުޅެނީ. ގާތްގަނޑަކަށް ދަންނަވާނަމަ 150 ޕްލޮޓްގެ ވާހަކަ އަޅުގަނޑު މިދަންނަވަނީ." ފަޒުލް ވިދާޅުވިއެވެ.

ބާކީ ދެންހުރި ހުރިހާ ޕްލޮޓެއްވެސް ބިންތައް ސާފު ކުރުމަށްފަހު އިންވަކިކޮށް ދިނުމުގެ މަސައްކަތް އެއްކޮށްހެން ބާރަށް ކުރިއަށްދާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގައި 9001 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، އޭގެތެރެއިން 1351 ގޯތި ދޫކުރަނީ ހުޅުމާލެއިންނެވެ. މިހާތަނަށް ބިން ކަނޑާ ދީފައިވާ ފަރާތްތަކުން ދަނީ ބިމުގެ އިންފާރުވެސް ރާނަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު