Thursday, 20 June 2024
ފައިލް ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

މިނިސްޓަރ ދެއްވީ މާރެންދޫ ރިސޯޓު ދެ އަަހަރު ތެރޭ ތަރައްޤީކޮށް ނިންމަން މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން

ފަތުރުވެރިކަމަށް ތަރައްޤީކުރަން ހަވާލުކޮށްފައިވާ ގއ. މާރެންދޫގެ މަސައްކަތް ނިންމާ އެ ރަށް ރިސޯޓެއްގެ ގޮތުގައި ކުރިއަތް އޮތް ދެ އަހަރު ތަރައްޤީކޮށް މާކެޓަށް ނެރުމަށް އެ ރަށުގައި މަޝްރޫއު ހިންގާ ފަރާތުގައި އެދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިީމް ފައިސަލް ވިދާޅުވެއްޖެއެވެ.

ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާރެންދޫގެ މަސައްކަތް ބައްލަވައިލެއްވުމަށްފަހު، "އެކްސް" ގައި ހިއްސާ ކުރެއްވި ވީޑިއޯ މެސެޖެއްގައި، މިނިސްޓަރު ވިދާޅުވީ މާރެންދޫއަކީ 2016 ވަނަ އަހަރު ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ވަރަށް ހަލުވިކަމާއެކު މަސައްކަތް ކުރިއަށްގެންދިޔަ ރަށެއް ކަމަށާއި ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން އެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
"ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިކަމަށް ހައްލު ހޯއްދަވައިދެއްވާނެ." ގއ. މާރެންދޫގެ މަސައްކަތް ކުރިއަށް ގެންދުމަށް ބާރު އަޅުއްވާނެ ކަމަށް ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވިއެވެ.

ގއ. މާރެންދޫ ރިސޯޓް މާކެޓަށް ނެރުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާނެ ކަމަށާއި އެ ރަށުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާ ވާހަކަދައްކައިގެން މަސައްކަތް އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ރިސޯޓް މާކެޓަށް އައުމަކީ ކޮލަމާފުށީގެ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމެއް ކަން ފާހަގަކުރައްވަމުން، ހާއްސަކޮށް މި ދާއިރާގެ ކޮލަމާފުއްޓާ ކައިރީގައި ޓޫރިޒަމްގެ އެއްވެސް ޕްރޮޕަޓީއެއް ނެތް ކަމަށާއި، ވަޒީފާގެ ދަތިކަން އިންތިހާއަށް ކޮލަމާފުށީގެ ޒުވާނުންނަށް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ރަނގަޅަށް މަސައްކަތް ކޮށްފިއްޔާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ރަށް މާކެޓަށް ނެރެވޭނެ. އަޅުގަނޑު ވެސް މިތަނުގެ މަަސައްކަތްތައް ބަލާލައިފިން. ގާތްގަނޑަކަށް 50 އާއި 60 އާ ދެމެދުގެ އިންސައްތައަކަށް ތަނުގެ މަސައްކަތް އޮތީ ނިމިފައި. މިތަނުގެ ވެރިމީހާއާ އަޅުގަނޑުމެން ބައްދަލު ކުރާނަން، އަދި މަަސައްކަތް އަވަސްކޮށްދިނުމަށް އަޅުގަނޑުމެން އެދޭނަން،" ފައިސަލް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެ ރިސޯޓް މާކެޓަށް ނެރުމުގެ މަސައްކަތް ލަސްވާނަމަ ވުޒާރާގެ ތެރެއިން މަސައްކަތް އަވަސް ކުރުމަށް ކުރަން ހުރި ކަންކަން ކުރައްވާނެ ކަމަށާއި މަސައްކަތަށް ބަދަލު ގެންނަން ޖެހޭނަމަ އެކަންވެސް ކުރައްވާނެ ކަމަށެވެ.

 

ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދޭނީ ސަަރުކާރުގެ ކެންޑިޑޭޓަށް ތާޢީދުކޮށްގެން ކަމަށާއި، ކޮލަމާފުށީގެ ދާއިރާގެ ސަރުކާރު ކެންޑިޑޭޓަށް ތާޢީދުކޮށްދެއްވުމަށް އެދި ވަޑައިގެން، ފައިސަލް ވަނީ ރަށް ޓޫރިޒަމް މާކެޓަށް ނެރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި އެ ވައުދުފުޅު ފުއްދެވުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު