Saturday, 22 June 2024

"ކުރީ ސަރުކާރުން އެ ދޭން ބުނި ތަނަކުން ފްލެޓާއި ގޯތިދޭނެކަމަށް އަޅުގަނޑު ވަޢުދުވީން. އެކަން މިހާރުވެސް މިދަނީ ކުރަމުން"

ކުރީ ސަރުކާރުން އެ ދޭން ބުނި ތަނަކުން ފްލެޓާއި ގޯތިދޭނެކަމަށް އަޅުގަނޑު ވަޢުދުވެވަޑައިގެންނެވި ކަމަށާއި، ވަޢުދުވީގޮތަށް މާލޭގައި ދިރިއުޅޭ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވިލުފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވަމުން، ޤައުމީ މަސްލަޙަތާއި ގުޅުންހުރި މަސައްކަތްތަކަށްފަހު ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަށް ކުރަންޖެހޭ ކަންކަންވެސް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ކެމްޕޭންގެ ތެރެއިން ވަޢުދުވެވަޑައިގަތް ފަދައިން މި 5 އަހަރުތެރޭ މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމަށް ވިދާޅުވާ ވިދާޅުވުން މިރޭވެސް ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.

ހުޅުމާލޭ ފަޅުން ހިއްކާ ބިމާއި، ގުޅީފަޅާއި ގިރާވަރުފަޅުން ހިއްކާ ބިންތަކުގެ މަސައްކަތް ނިމުމާއެކު އެތަންތަނުން ގޯތި ލިބުނު މީހުންނަށް ގޯތި ދޭނެކަމަށާއި، ގޯއްޗާއި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ލިސްޓުގައިވާ އެއްވެސް މީހެއްގެ ނަން އުނިވާން ބޭނުންނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ކުރީ ސަރުކާރުން ދިންގޮތަށް އެ ދޭން ބުނި ތަނަކުން ފްލެޓާއި ގޯތިދޭނެކަމަށް އަޅުގަނޑު ވަޢުދުވީން. އެކަން މިހާރުވެސް މިދަނީ ކުރަމުން. މި 5 އަހަރުގެ ތެރޭގައި މާލޭގައި ދިރިއުޅޭ އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން އެއީ ވީ ވައުދެއް." ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު