"އަހަރު ނިމެންވާއިރަށް ސޮވެރިން ފަންޑަށް 120 މިލިއަން ޑޮލަރު ޖަމާކުރެވޭނެ"

އެންމެ ހަތަރު މަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށާއި، އަހަރު ނިމޭއިރު އެ ޢަދަދު ވަރަށް ބޮޑަށް އިތުރުކުރެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށްގެންދިޔަ ހަރަކާތެއްގައި ރޭ ވާހަކަދައްކަވަމުންނެވެ.

ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، 2018 ވަނަ އަހަރުއި އެމްޑީޕީން ވެރިކަމާއި ހަވާލުވިއިރުގައި 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދަކަށް ފައިސާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރިކަމަށެވެ. ނަމަވެސް އެ ސަރުކާރު ނިމުނުއިރު ހުރީ އެންމެ 3 މިލިއަން ރުފިޔާކަމަށް ސަޢީދު ވިދާޅުވިއެވެ.

އެންމެ 4 މަސްދުވަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރާއްގެ ޙާލަތު ބަދަލުކޮށްލައިފިކަމަށާއި، މިހާރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 30 މިލިއަން ރުފިޔާ އެބަހުރިކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރިއަށްދާނަމަ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި 120 މިލިއަން އެމެރިކާ ޑޮލަރު މިއަހަރު ނިމެންވާއިރަށް ހުންނާނެކަން ފާހަގަކުރައްވައި، ކުރީ ސަރުކާރުގައި ފައިސާ ޗާޕްކުރުި ސިޔާސަތަށްވެސް ސަޢީދު ފާޑުވިދާޅުވިއެވެ. އެގޮތުން ޤާނޫނަށް ބަދަލު ގެނެސްގެން ކުރީ ސަރުކާރުގައި ފައިސާ ޗާޕުކުރިއިރު، އެފުރުޞަތު މިސަރުކާރަށްވެސް އޮތްކަމަށް ސަޢީދު ވިދާޅުވިއެވެ.

ރައީސް ކުރައްވަން ބޭނުންފުޅު ނުވިކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ. ފައިސާ ޗާޕްކުރުމުގެ ބަދަލުގައި، އިޤްތިޞާދީ ކައުންސިލަށް ރައީސް ދެއްވި އިރުޝާދަކީ ފައިސާ ޗާޕުނުކޮށް ޑޮލަރުގެ ކުރިމަތީގައި ދިވެހި ފައިސާގެ ބާރުގަދަކުރުންކަމަށްވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ފައިސާ ޗާޕްކުރުމަށް ކުރީ ސަރުކާރުގައި ޤާނޫނަށް އިޞްލާހު ގެނެސް، ތިން އަހަރު ތެރޭގައި 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަމަށް މަރުކަޒީ ބޭންކުން ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު