ގެދޮރު އެޅުމަށްޓަކައި ފަސް ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ގޮތަށް ލޯނުތަކެއް ވަރަށް އަވަހަށް ދޫކުރަން ފަށާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި މައްޗަށްގޮޅި މެދުދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓް މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަޙްމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަލަށް އެތައް ކަމެއް ކުރަން ފަށާނެ ކަމަށް މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވެސް ވިދާޅުވެފައި ވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އެންމެ މުހިންމު އެއް ކަމަކީ ފަސް ޕަސެންޓަށް ވުރެ އިންޓްރެސްޓް ރޭޓް މަތި ނުވާނެ ލޯނު ސްކީމްތަކެއް ތައާރަފު ކުރުން ކަމަށެވެ.
"އަމިއްލަ ގެދޮރު ހުރެ، އެ ގޭގައި ނުވަތަ އެ ގޯތީގައި ގެ އެއް އިމާރާތް ކުރެވޭނެ ފަދަ ތަނަވަސްކަން ނެތް، އާންމުކޮށް މި ހުންނަ ކޮމާޝަލް ރޭޓްތަކުގައި ބޭންކަށް ގޮސް ލޯނު ނަގައިގެން ގެ ނެހެދޭނެ މީހުންނަށް އަތްފޯރާ ފަށުގައި ލުއި ލޯނުތަކެއް ތައާރަފް ކުރުމަށް ނިންމާފައި ވަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އޭގެ ތެރެއިން އެއް ލޯން ސްކީމަކީ ފުރަތަމަ އަމިއްލަ ގެ ހެދުމަށްޓަކައި ދޭ ލޯން ސްކީމް ކަން ފާހަގަކުރައްވައި، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ ވަރަށް ގިނަ ކަންކަން ކޮށްފައި ވާނެ ކަމަށާއި ލޯނު ދޫކުރުމަށް މިހާރު ހުރިހާ ކަމެއް ނިމިފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެ ލޯނުތަކަށް ހުޅުވައިލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެއީ ކޮންވެންޝަނަލް އަދި އިސްލާމިކް ފައިނޭންސް ލޯނުތަކެއް ކަމަށް ވިދާޅުވަމުން، އޭގެ އިތުރުން ގެ ނުވަތަ އިމާރާތް އަޅަން ފެށުމަށް ފަހު ވަކި ހިސާބަކަށް ގޮސް ނުނިމި ހުރި ގެތައް ނިންމުމަށް "ހޯމް ކޮމްޕްލިޝަން ލޯން" އެއް ތައާރަފް ކުރާނެ ކަމަށް އެ މަނިކުފާނުގެ ވާހަކަފުޅުގާ ފާހަގަކުރެއްވިއެވެ.
އަދި ގިނަ ދުވަސްވެ، މަރާމާތު ކުރަން ޖެހިފައިވާ ގެ ތަކަށް ބޭނުންވާ ލޯން ސްކީމެއް ވެސް ތައާރަފް ކުރަން ނިންމާފައިވާ ކަން ރައީސް މުއިއްޒު މިރޭ އިއުލާން ކުރެއްވިއެވެ.
"ހޯމް ކޮމްޕްލިޝަން ލޯން" އަދި "ރިނޮވޭޝަން ލޯން" އެ އަށް ވުރެ ތަންކޮޅެއް ލަސްވި ނަމަވެސް އެ ދެ ލޯނު ވެސް މި އަހަރު ތެރޭގައި ދޫކުރަން ފަށާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ޕީޕީއެމް/ޕީއެންސީ މައްޗަންގޯޅި މެދު ދާއިރާގެ ކެންޑިޑޭޓް އަޙްމްދު ޒަމީރު ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު، ރައީސް ޑރ.މުޢިއްޒުގެ ދެކަނބަލުން ޝަރަފްވެރި ކޮށްދެއްވުން.@MMuizzu#DhiveheengeRaajje #DhiveheengeRaajjeMajileehah #DhiveheengeMajlis pic.twitter.com/HADXhMhHxF
— PNC Secretariat (@pnc_secretariat) March 25, 2024
ރައީސް ވިދާޅުވީ، މުޅި ރާއްޖެއަށް ދޫކުރާ އެ ލޯނުތަކަކީ ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ވަރަށް މުހިންމު ލޯނުތަކަކަށް ވާނެ ކަމަށެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އާމްދަނީ ނުލިބޭ ބަޔަކަށް ލޯނުދިނީމާ ގައުމު އިތުރަށް ދަރާނީ. މިހާރުވެސް ގިނަރއްޔިތުން އުޅެނީ ލޯނުތައް ނުދެއްކިގެން. މިހާރު ތިކުރެވުނު ކަމަކީ ރައްޔިތުންނާއި ޕާޓީގެ އިތުބާރު ގެއްލުން. ރައްޔިތުންގެ ފައިސާ ހިތުހުރި މީހަކަށް ނުބެހޭނެ.