29 އެޕްރީލް 2025

ޗައިނާ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތަކެއް ހަދަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވެއްޖެ

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލެ ސިޓީގެ ހުރިހާ މަގުތަކެއް ހެދުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

ރައީސް މިމިހެން އިއުލާނުކުރެއްވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި، މައްޗަންގޮޅި މެދު ދާއިރާއަށް ސަރުކާރު ހިންގާ ކޯލިޝަންގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު، އަހުމަދު ޒަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ޗާންދަނީ މަގުގައި ރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، މާލެ ސަރަހައްދަށް އެންމެ ބޮޑު އިސްކަމެއް ދީގެން ރާވަމުން އަންނަ މަސައްކަތަކީ ބޯހިޔާވަހިކަމާއި މަގު ހެދުމުގެ މަސައްކަތް ކަމަށެވެ. ރައީސް ވަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ހުރިހާ މަގުތަކެއް ހެދުމަށް ނިންމާފައިވާކަން އިޢުލާން ކުރައްވާފައެވެ.

"އަޅުގަނޑު ވަރަށް އުފަލާ އެކު މި ދަންނަވަނީ، ޗައިނާ ސަރުކާރުން ހިލޭ އެހީގައި، ހިލޭ އެހީގައި މުޅި މާލެ ސިޓީގެ ހުރިހާ މަގުތަކެއް ހަދާ ގޮތަށް މިހާރު ހަމަޖެހިފައި އޮތީ" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ މަސައްކަތް ތަކުގައި މިހާރު ޗައިނާގެ ޑެލިގޭޝަން ކަމާ ބެހޭ ޓީމް މިހާރު ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ކޮށް ނިމުމުން އެ މަސައްކަތް އަމަލީ ގޮތުން ފެށިގެންދާނެކަމަށެވެ.

އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވެސް މަގުތައް ހެދުމުގެ މަސައްކަތް ކުރައްވަން އެމަނިކުފާނު ފެއްޓެވި ނަމަވެސް އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އެ ކަމަށް ހުރަސް އަޅާ، ބަޖެޓު ހިފެހެއްޓި ކަމުގައިވެސް ރޭގެ ޖަލްސާގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު