18 ޖަނަވަރީ 2025

ޑާރވިން ބަދިގެ: ޗިކަން ކޮއްތު

ބޭނުންވާ ތަކެތި:

  • 6 ރޮށި (ކުދިކޮށް ކޮށާފައި/ގޮދަންބާ ނަމަ 2)
  • 1 ކުޑަ ބޯތަށި ކުކުޅު ރިހަ
  • ½ ކުޑަ ބޯތަށި ކެރެޓް (ދިގު އެތި އެތި ކޮޅަށް ކޮށާފައި)
  • ½ ކުޑަ ބޯތަށި ލީކްސް (ތނިކޮށް ކޮށާފައި)
  • ¼ ކުޑަ ބޯތަށި ޓޮމާޓޯ (ކުދިކޮށް ކޮށާފައި) ނުވަތަ ކުޑަ ޓޮމާޓޯއެއް
  • 1 ނުވަތަ 2 ރޯމިރުސް (ތުނިކޮށް ކޮށާފައި)
  • 1 ސައި ސަމުސާ ޗަސްކޮށްފައި ހުރި ލޮނުމެދު
  • 1 ސައި ސަމުސާ ޗަސްކޮށްފައި ހުރި އިގުރު
  • 2 މޭޒުމަތީ ސަމުސާ ފިޔާ (ކުދިކޮށް ކޮށާފައި)
  • 1 ކުކުޅުބިސް
  • ލޮނު ހެޔޮވަރުމިނަށް
  • 1 މޭޒުމަތީ ސަމުސާ ތެޔޮ

ތައްޔާރުކުރައްވާނެ ގޮތް:

  1. ތަވައަކަށް ތެޔޮ އަޅުއްވާ ހޫނުވެލުމުން ލޮނުމެދާއި އިގުރު އަޅުއްވާ ކުޑަކޮށް ރަތްވެލަން ފެށުމުން ލީކްސްގެ ހުދުބައި ނަމަ އަޅުއްވާ ކުޑަކޮށް ފްރައިކޮށްލައްވާ.
  2. ކުކުޅު ރިހައިގައި ހުރި ކުކުޅުކޮޅު އަޅުއްވާ ބޮޑެތިކޮށް ހުރިނަމަ ކޮއްޓަވައި ލައްވާ އަޅުއްވާ ކުޑަކޮށް ކުކުޅުކޮޅު ރަތްވެލަންދެން އެއްކުރައްވާ.
  3. ތަވާގައި ހުރި ތަކެތި ތަވާގެ ކައިރިއަކަށް ޖައްސަވާލައްވާ ތަވާގެ މެދަށްވާނެހެން ބިސް އަޅުއްވާ ކުޑައިރުކޮޅަކު ފްރައިވެލުމުން ސްކްރެމްބަލް އެގް ހައްދަވާގޮތައް އެތި އެތި ކޮޅު ހުންނަގޮތައްވުމުން ތަވާގައި ހުރި އެހެން އެއްޗެއްސާ އެއްކޮށް މިކްސްކޮށްލައްވާ.
  4. އަނެއްކާވެސް ކުރިން ހެއްދެވިހެން ތަވާގެ އެއްކައިރިއަށް އެއްކުރެއްވި މިކްސްކޮޅުޖައްސަވާލައްވާ ފިޔާއާއި ރޯމިރުސްކޮޅުއަޅުއްވާ ކުޑަކޮށް ފަރައިވުމުން ތަވާގައިހުރި އެހެން މިކްސްއާއި އެއްކޮށްލައްވާ.
  5. ތަވާގައި ހުރި މިކްސް ތަވާގެ އެއްކައިރިއަށް ޖައްސަވާލައްވާ ކެރެޓް ކޮޅުއަޅުއްވާ މާމަޑު ނުވާވަރަށް ފްރައިވުމުން ތަވާގައި ހުރި މިކްސްއާއި އެއްކޮށްލައްވާ ޓޮމާޓޯކޮޅު އަޅުއްވާ، ލޮނު ހެޔޮވަރުކޮށްލައްވާ.
  6. މި މިކްސް ގެ ތެރެއަށް ކޮށްޓަވާފައިހުރި ރޮށި އަދި ލީކްސް ގެ ފެހިފަތްކޮޅު ހުރި ނަމަ އަޅުއްވާ ރަނގަޅަށް އެއްކުރައްވާ، އެއްކުރައްވާއިރު ހިކިނަމަ ބޭނުންފުޅުވާވަރަށް ރިހަ އަޅުއްވާ މަޑުގިނީގައި އެއްކޮށްލެއްވުމަށްފަހު އުނދުން ނިއްވާލައްވާ.

ނޯޓް: ރޯމިރުހުގެ ބަދަލުގައި ގިތެޔޮމިރުސް، ޓޮމާޓޯ ޕޭސްޓް އަދީ ކުޑަ އަސޭމިރުސްކޮޅެއްވެސް ބޭނުންކުރެއްވިދާނެ.

 

ޑާވިން 7/24 ރެސްޓޯރަންޓް ހުޅުވީ 2022 ގައެވެ. އެތަނުގެ އަމާޒަކީ އެންމެންނަށް ވެސް ހަމަހަމަކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެއުންތަކާ ވަދެނިކުމަށް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.

ޑާވިން 7/24 ރެސްޓޯރަންޓްއިން ދިވެހި ކެއުންތަކުގެ އިތުރުން އިންޑިއާއާއި ބޭރުގެ އެހެން ގައުމުތަކުގެ ރަހަތައް ވެސް ތަޖުރިބާ ކުރެވޭނެއެވެ. ޑާވިން 7/24 ރެސްޓޯރަންޓް ހުންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗު ފަޅީގައި، ފަތާ ޓްރެކް ކައިރީގައެވެ. އެއީ ހިރުނދު މަގާއި ނިރޮޅު މަގުގެ 14 ވަނަ ގޯޅި ގުޅޭ ކަންމައްޗެވެ.

ޑާވިން އަށް ގުޅޭނެ ފޯނު ނަންބަރަކީ 7370066 އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު