އިރާގުގެ ހަނގުރާމަވެރިން ޣައްޒާގެ ދިފާޢުގައި އިސްރާއީލުގެ ދެ ތަނަކަށް ހަމަލާދީފި

އިރާގުގެ ހަނގުރާމަވެރިން ޣައްޒާގެ ދިފާޢުގައި އިސްރާއީލުގެ ދެ ތަނަކަށް ހަމަލާދީފިއެވެ.

އިރާގުގެ އިސްލާމިކް ރެސިސްޓެންސް އިން އިއުލާން ކުރި ގޮތުގައި އެ ޖަމާޢަތުގެ ހަނގުރާމަވެރިން ވަނީ އަންގާރަ ދުވަހުގެ ރޭގަނޑާއި ބުދަ ދުވަހުގެ ވަގުތެއްގައި ޑްރޯން ބޭނުންކޮށްގެން އިސްރާއީލުގެ "އޮވްޑާ" އެއާބޭސް އާއި ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި ހުންނަ "ސްޕީއާ" އަސްކަރީ ސައިޓަށް ޙަމަލާތައް އަމާޒުކޮށްފައެވެ.

އިރާގުގެ ރެސިސްޓެންސް އިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި މި ދެ އޮޕަރޭޝަން ކުރިއަށް ގެންދަނީ އިސްރާއީލުގެ އިސްތިއުމާރީ ޖަމާއަތުން ފަލަސްތީނުގެ އާންމުންނާއި ޢުމުރުން ދުވަސްވީ މީހުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

އަދި ދުޝްމަނުންގެ ވަރުގަދަ ތަންތަނަށް ހަމަލާދިނުމަށް އިރާގުގެ ރެސިސްޓެންސް އިން ވައުދުވެފައިވާކަން ވެސް އެ ބަޔާނުގައި ވަނީ ކަށަވަރުކޮށްދީފައެވެ.

ފާއިތުވި ހަފްތާތަކުގައި އިރާގުގައި އިސްލާމިކް ރެސިސްޓެންސް އިން ވަނީ ހިފާފައިވާ ފަލަސްތީނުގެ ބިމުގައި، އިސްރާޢީލުން ހިންގަމުންދާ ޢުދުވާނާ ދެކޮޅަށް ޙަމަލާތައް ވަރުގަދަކޮށްފައެވެ.

ރެސިސްޓެންސް އިން އިއުލާން ކުރި ގޮތުގައި މާޗް 24 ވަނަ ދުވަހު އެ ޖަމިއްޔާގެ ހަނގުރާމަވެރިން ވަނީ  އިސްރާއީލުގެ ސަލާމަތީ މިނިސްޓްރީގެ މައި މަރުކަޒު އިމާރާތަށް ޑްރޯންތަކުން ހަމަލާ އަމާޒުކޮށްފައެވެ.

އެ ޖަމާޢަތުން ބުނީ މި ހަމަލާ ދީފައިވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޖަރީމަތަކާ ދެކޮޅަށް ރައްދު ދިނުމުގެ ގޮތުން، ބަރަކާތްތެރި ރަމަޟާން މަހު ކުރިއަށް ގެންދާ ދެވަނަ ފިޔަވަހީގެ އޮޕަރޭޝަންތަކުގެ ތެރެއިން ކަމަށެވެ.

ރެސިސްޓެންސްގެ އޮޕަރޭޝަންތަކުގެ ދެވަނަ މަރުހަލާގައި ހިމެނެނީ، މެޑިޓެރޭނިއަން ކަނޑުގައި އިސްރާއީލުގެ ކަނޑުގެ ދަތުރުފަތުރަށް ހުރަސްއެޅުމާއި، އިސްރާއީލުގެ ބަނދަރުތަކުގެ ޚިދުމަތް ހުއްޓުވުމެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު