ގެދޮރު އެޅުމަށް އިންޓްރެސްޓް ކުޑަ ލޯނު ދޫކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައިސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ގެދޮރު އެޅުމަށް އިންޓްރެސްޓް ކުޑަ ލޯނު ދޫކުރުމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރާއާއި ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދޫކުރާ ލޯނު ސްކީމަށް ދީފައިވަނީ "ހިޔާވެހި ފައިނޭންސް ސްކީމް"ގެ ދަށުން މި އެއްބަސްވުމުގައި ގެދެރުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ. އަދި އެޗް.ޑީ.އެފް.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުންޏާއި އަލަށް ހަވާލުވި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޒީނާދެވެ.

މި ސްކީމާގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. ޙައިދަރު ވިދާޅުވީ ގެދޮރު އެޅުމަށް ލުއި ލޯނެއް ހަމަޖައްސަވައިދެއްވުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށެވެ.

މާލެ ސަރަޙައްދާއި އާރބަން ސެންޓަރުތަކަށް ލޯން ދޫކުރަނީ ތިން މިލިއަން ރުފިޔާއާއި ހަމައަށެވެ. އަދި މި ލޯން އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދައްމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެނޫން ސަރަޙައްދުތަކަށް އެއް މިލިއަން ރުފިޔާއާއި ހަމައަށް ލޯން ދޫކުރާއިރު އެ ފަރާތްތަކަށްވެސް 25 އަހަރަށް ބަހާލައިގެން ލޯން ދެއްކުމުގެ އިންތިޒާމު ހަމަޖޭހެނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާތަނަށް އެންމެ ބޮޑަށްވެސް ނެގޭން ކުރީ ސަރުކާރުތަކުން ނިންމާފައި އޮތީ 700،000ރ. އާއި ހަމައަށް، މިހާރު އަޅުގަނޑުމެން އެބައި އިތުރުކޮށްލީ 1 މިލިއަން ރުފިޔާއާއި ހަމައަށް. އިންޓްރެސްޓް ރޭޓް ކުރިން އެންމެ ދަށްވެގެންވެސް ދެމުން އައީ 6 އިންސައްތައިގައި. މިހާރު 5 އިންސައްތަ އާއި ހަމައަށް ދަށްކުރީ. ކުރިން އެންމެ ދިގުކޮށް ލޯން ދެއްކުމަށް ދޭ މުއްދަތަކީ 20 އަހަރު. މިހާރު އަޅުގަނޑުމެންގެ ލޯނު ނަގާ ފަރާތްތަކަށް 25 އަހަރަށް ދަންމާލަން ފުރުސަތު އޮންނާނެ. " ވަޒީރު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ދޫކުރަން ފަށާނީ އަރބަން ސެންޓަރުތަކާއި މާލެ ސަރަޙައްދު ނޫން ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދޫކުރާ ލޯނު ކަން ފާހަގަކުރައްވަމުން، އަރބަން ސެންޓަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދޫކުރާ ލޯނުވެސް ވީހާ އަވަހަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ. މިގޮތުން ލޯނަށް އެދޭނީ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އެހައި ހިސާބުން އެ މައުލޫމާތު އެޗްޑީއެފްސީއަށް ފޯރުކޮށްދީގެން އެޗް.ޑީ.އެފް.ސީގެ ސްކްރީނިންގ ފުރިހަމަ ކުރާ ފަރާތްތަކަށް ލޯނު ދޫކުރެވިގެން ދާނެކަމަށް ސަރުކާރުން ހާމަކުރެއެވެ.

މި ލޯނުތައް ދޫކުރާނީ ދެ ކެޓަގަރީ އަކަށް ބަހާލައިގެން ކަމަށެވެ. އެއީ މާލެ ސަރަޙައްދާއި ރައީސް ކަނޑައަޅުއްވާ އާރބަން ސެންޓަރުތަކަށް ޚާއްސަ ލޯން ސްކީމަކާއި، އެނޫން ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ.

ބިން ލިބި ގެދޮރު އެޅުމަށް ގިނަ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވެފައިވާއިރު، މިކަމަށް ލުޔެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު