މި އަހަރުގެ ފިޠުރު ޢީދު ދުވަހު މާލޭގައި ފައިމަގުގައި އުޅެވޭނެ، ވެހިކަލް ދުއްވުން މަނާ ވަގުތުތަކެއް މާލެސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 140 ވަނަ ރަސްމީ އާންމު ޖަލްސާގައި ކަނޑައަޅުއްވައިފިއެވެ.
ސިޓީ ކައުންސިލުން ކަނޑައަޅުއްވާފައިވާ ގޮތުގައި، ފައިމަގުގައި އެކަނި އުޅެވޭނެ ގޮތަށް ނިންމާފައިވަނީ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އާއި ހަމައަށެވެ. ނަމަވެސް މި ވަގުތުތަކުގައި ޚާއްސަ ހުއްދައިގެ ދަށުން މާލޭގައި އުޅަނދުފަހަރު ދުއްވޭނެއެވެ.
ފިޠުރު ޢީދު ދުވަހު ފައިމަގުގައި އުޅޭ ގަޑި ހަވީރު 04:00 އިން ރޭގަނޑު 08:00 އާ ހަމައަށް އިތުރު ކުރަން މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އަޙްމަދު ޒަމީރު ހުށަހެޅުއްވި ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވެއެވެ.
މިދިޔަ ފިތުރު އީދުގައި ވެސް މާލެ ސިޓީ ކައުންސިލުން ވަނީ ފައި މަގުގައި އުޅޭނެ ވަގުތު ކަނޑައަޅައިފައެވެ.
މާލޭ ސަރަހައްދުގައި މި އަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި އޮންނާނެކަން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ބޮޑު ޖަމާއަތުގައި ނަމާދު އޮންނާނީ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލެ ބޯޅަދަނޑާއި، ހުޅުމާލެ ފުރަތަމަ ފިހަވެހީގެ ސިންތެޓިކް ޓްރެކް ސަރަހައްދު އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކްރިކެޓް ސްޓޭޑިއަމް ސަރަހައްދުގައެވެ.
މިއަހަރުން ފެށިގެން ރާއްޖޭގައި ފިޠުރު ޢީދު ނަމާދާއި އަޟްހާ އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކަނޑައަޅާފައިވެއެވެ.
ޢީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތު އަވަސްކުރުމަށް ނިންމީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ގާއިމުކޮށްފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށް ފަހުގައެވެ.