ދައުލަތުގެ ދަރަނި އަދާކުރަން ދުރާލާ ތައްޔާރުވާން އުފެއްދި ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލަށް ރައްޔިތުންގެ މަޖިލީހުން ވޯޓަށް އެހި ދުވަހު އަމަލުކުރީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މިއަދު ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން، ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިރާޖު ވިދާޅުވީ ސޮވެރިން ފަންޑުގެ ބިލަށް ވޯޓަށް އެހުނު ދުވަހު މަޖިލީހުގައި އަމަލުކޮށްފައި ވަނީ އުސޫލުތަކާ ހިލާފަށް ކަމަށާއި ވޯޓަށް އެހުމުގެ ކުރިން މަޖިލިސް މެދުކަނޑާލުމަކީ މަޖިލީހުގައި ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ވޯޓު ގަޑީގައި ނިޒާމީ ނުކުތާއެއްވެސް ނުނެގޭނެ ގޮތަށް މަޖިލީހުގެ ގަވައިދުތައް ހެދިފައިވީނަމަވެސް އެދުވަހު ވޯޓު ކުރިޔަށް ދަނިކޮށް ދިމާވި ކަމަކާއި ގުޅިގެން ވޯޓު މެދުކަނޑާލެވުނު ކަމަށް ސިރާޖު ވަނީ ވިދާޅުވެފައެވެ.
ފޮނަދޫ ދާއިރާގެ މެންބަރު ސިރާޖު ވިދާޅުވީ އެ ދުވަހު އެންޓި ޑިފެކްޝަން ބިލުގެ ވޯޓަށް އެހުނު އިރު ޕީއެންސީން އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެ ބިލް ކޮމިޓީއަށް ފޮނުވަން ފާސްކުރުމުން ޕީއެންސީގެ މެންބަރުން ނުހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
"މަޖިލީހުގެ ކޮމިޓީތައް ވަރަށް ހަރުދަނާ އުސޫލެއްގެ ދަށުން ގާއިމުކުރެވިފައިވޭ. ދާއިމީ ކޮމިޓީތަކަށް މައްސަލަތައް ފޮނުވާގޮތަށް ގަވައިދުގައި ލިޔެވިފަ އޮންނަނީ މި މަޖިލީހުގައި ތަމްސީލުވާ ހުރިހާ ޕާޓީތަކާއި އަދި އާންމު މެންބަރުންވެސް ހިމެނޭ ގޮތަށް ކުރިޔަށް ދިޔުމުގެ ބޭނުމަށްޓަކައި. ނަމަވެސް އެ ދުވަހުގައި ބިލް ފާސްކުރުމާއެކީގައި ވަކިން ޕާޓީއެއް، ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ގޮތުގައި ތިބި އަޅުގަނޑުމެން ނުލާ ކޮމިޓީއެއް މިވަނީ އެކުލަވާލާފައި." ސިރާޖު ވިދާޅުވިއެވެ.
މި މައްސަލައިގެ އިހުތިޖާޖުގައި ސޮވެރިންގް ފަންޑުގެ ވޯޓު ކުރިޔަށް ގެންދުވުނުއިރު މަޖިލީހުގެ ކޯރަމް ގެއްލުވާލާފައިވާނެ ކަމަށް ސިރާޖު ވަނީ ވިދާޅުވެފައެވެ. މެދުކެނޑުމަށްފަހު އަލުން މަޖިލިސް ފެށި ކަމެއް އަންގާފައި ނެތް ކަމަށާއި މަޖިލިސް ގޯތިތެރޭގައި ތިއްބެވިއިރު ވެސް ވޯޓަށް އަހަން ޖަހާ ބެލް ނުޖަހާ ކަމަށް ސިރާޖު ވިދާޅުވިއެވެ.
"އާންމު އުސޫލަކީ ކޯރަމް ގެއްލުނީމަވެސް ވޯޓު ރަނގަބީލު ޖަހާފާ މަޖިލިސް ގުރޫޕުގައި މަޖިލިސް އޮންނާނެ ވާޙަކަ ދަންނަވާފަ ކުރިޔަށް ދާނީ، އެހެންނަމަވެސް ފަނަރަ ވަރަކަށް ވިއްސައްކަށް މިނެޓް ފަހުން ވޯޓަށް އަހާ ނިންމާލީ އަޅުގަނޑުމެންނަށް މަޖިލިސް އޮތް ކަމެއް ނާނގާ." ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވި ގޮތުގައި މަޖިލީހުގެ 25 ޕަސެންޓު މެންބަރުން މަދުވެގެން ހާޒިރުވެވަޑައިގެން ވޯޓުލާ ގޮތަށް ގާނޫނުގައި ވަނިކޮށް މަޖިލީހުގެ ރައީސް ހިމެނޭ ގޮތަށް އެންމެ 2 މެންބަރުން ވޯޓު ދޭން ތިއްބާ އެ ވޯޓު ނެގުމަކީވެސް ގާނޫނާ ހިލާފަށް ކުރެވުނު ކަމެއް ކަމަށެވެ.