ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތް، ފައިލް ފޮޓޯ

ރޯދަމަހު ފަހު 10ގައި ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތެއް

ރަމަޟާންމަހުގެ ފަހު 10 ގައި، ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި ސަރުކާރުންވަނީ ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެގޮތުގައި ހަމަޖައްސަވާފައެވެ. އަދި އެ ދުވަސްތަކުގައި ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އިނާޔަތެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ، އެޢިނާޔަތް ދޭނެ މުވައްޒަފުން މާލީ ވުޒާރާއިން މިހާރުވަނީ ކަނޑައަޅުއްވާފައެވެ.

މިކަމާބެހޭ ގޮތުން މާލީ ވުޒާރާއިން ނެރުއްވި ސާކިއުލާއެއްގައި ވަނީ އެޢިނާޔަތް ދޭންވާނީ ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އެކަނި ކަމަށެވެ.

ކޮންމެހެން ވަޒީފާއަށް ނުކުންނަންޖެހޭ މުވައްޒަފުންގެ ތެރެއިން ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުނުވާ މުވައްޒަފުންނަށް ކުރިންވެސް ދެމުން ގެންދާ އުސޫލުން ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ޢިނާޔަތް ދޭން ޖެހޭނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މި ޢިނާޔަތް ދިނުމުގައި މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައިގެ އިނާޔަތްދޭނީ ޑިއުޓީ އުސޫލުން އާންމުކޮށް މަސައްކަތްކުރަންޖެހޭ މުވައްޒަފުންނަށެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާންމަހުގެ ފަހު 10 ދުވަސްތަކަކީ ވަޒީފާއާ ބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ "ރަސްމީ ބަންދު ދުވަސް"ތައް ފަދަ ދުވަސްތަކެއްގެ ގޮތުގައި ބަލައިގެން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތްކުރުމުން ލިބޭނެކަމަށް އެ ޤާނޫނުގެ 38ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުސާރައިން ދުވާލަކަށްޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ ޢިނާޔަތެއް ދޭން ޖެހޭނެ ކަމަށް  މާލީ ވުޒާރާއިން ވިދާޅުވިއެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރަމަޟާންމަހުގެ ފަހު 10 ދުވަހުގައި އިތުރުގަޑީގެ ފައިސާ ދިނުމުގައި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައި ހިމެނޭ އިތުރުގަޑީގެ ފައިސާ ދޭނެ ގޮތުގެ މިންގަނޑަށް އަމަލުކުރަން ޖެހޭނެ ކަމަށްވެސް މާލީ ވުޒާރާގެ ސާކިއުލާގައިވެއެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން، ދައުލަތުގެ އިދާރާތަކުގައި ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، އެ އިދާރާއަކުން ކަނޑައަޅާގޮތެއްގެ މަތިން، މަސައްކަތަށް ނުކުންނަންޖެހޭ މުވައްޒަފުން ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކުގައި ހާޒިރީ އިނާޔަތް ދޭން ޖެހޭނެކަމަށްވެސް މިސަރކިއުލާގައިވެއެވެ.

އަދި ފަންނުތަކުގެ މުވައްޒަފުންގެ ތެރެއިން އާންމު ހާލަތުގައި ހަފުތާގެތެރޭގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ދުވަސްތަކުގެ ތެރެއިން ރޯދަމަހުގެ ފަހު 10ގެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަސްތަކަށް އެ މުވައްޒަފަކަށް ކަނޑައަޅާފައިވާ ހާޒިރީ އިނާޔަތް ދިނުމަށް ވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.

މިޢިނާޔަތް ދެނީ އޭޕްރީލްމަހުގެ މުސާރައާއެކުގައި ކަމަށްވެސް މާލީ ވުޒާރާއިން ހާމަކުރެއެވެ.
މި އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު