Thursday, 20 June 2024

ދިވެހި އުފެއްދުންތަކުގެ މަޤުބޫލުކަން އިތުރުކުރަން "ދިވެހީންނަށް އިސްކަން" ކެމްޕޭން ފަށައިފި

ދިވެހި އުފެއްދުންތަކަށް ޢާންމުންގެ މަޤްބޫލުކަން އިތުރުކޮށް ދިވެހި އުފެއްދުންތައް ކުރިއެރުވުމަށްޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން "ދިވެހީންނަށް އިސްކަން" މި ނަމުގައި ޚާއްޞަ ސޯޝަލް މީޑިޔާ ކެންޕޭނެއް ފަށައިފިއެވެ.

ބީސީސީގެ މި ކެންޕޭނު ފައްޓަވާދެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. މި ކެންޕޭން ކުރިއަށް ގެންދަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ބަހައިލައިގެންނެވެ. އަދި ކެންޕޭން ކުރިއަށް ގެންދާނީ އަންނަ މަހުގެ 16ވަނަ ދުވަހާ ހަމައަށެވެ.

ބީސީސީން ވިދާޅުވީ ކެންޕެއިން ކުރިއަށް ދާނީ އެކަމަށް ޚާއްސަކޮށް ބީސީސީން އުފައްދާފައިވާ ތިމާވެއްޓާ ރައްޓެހި ކޮތަޅެއްގައި ކޮންމެވެސް ދިވެހި އުފެއްދުމެއް ކޮންމެވެސް ފަރާތަކަށް ހަދިޔާކުރާ ގޮތަށް ކަމަށެވެ. އަދި އެ ހަދިޔާ ލިބޭ ފަރާތުން އެ ކޮތަޅުގައި އެހެން ފަރާތަކަށް ދިވެހި އުފެއްދުމެއް ހަދިޔާކުރާ ގޮތަށް ދެމިގެންދާ ގޮތަކަށް ކަމަށް ބީސީސީން މައުލޫމާތުދެއްވިއެވެ. އަދި މިގޮތަށް އުފެއްދުންތައް ގަނެ ހަދިޔާކުރާއިރު އެ ތަން ވީޑިއޯކޮށް ސޯޝަލް މީޑިޔާގައި ބީސީސީއާއި އުފެއްދުމެއް އުފެއްދި ފަރާތް ޓެގްކޮށް ޕޯސްޓުކުރުމުން ކެންޕޭނުގައި ބައިވެރިވެވޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި ކެންޕެއިން ފައްޓަވައިދެއްވުމަށްފަހު އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު ދެއްކެވި ވާހަކައިގައި ވިދާޅުވީ ހަދިޔާ ބަދަލުކުރުމުގެ ސަގާފަތެއް ދިވެހިންގެ ތެރޭގައި އަބަދުވެސް އޮންނަ ކަމަށެވެ. އަދި މި ކެންޕޭނުގެ ދަށުން ބަދަލުކުރެވޭ ހަދިޔާއަކީ ދިވެހި އުފެއްދުމަކަށްވުމީ، އުފެއްދުންތެރިންނަށް ލިބޭނެ ބޮޑު ހިތްވަރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކެންޕޭނުގެ މަޤުސަދަކީ ދިވެހި މަސައްކަތްތެރިން އުފައްދާ އުފެއްދުންތަކުގެ މަޤުބޫލުކަން އިތުރުކޮށް އެފަރާތްތަކުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އެތަކެއްޗަށް އިސްކަންދީ ޢާންމުންގެ ޝައުގުވެރިކަން އިތުރުކުރުމެވެ. ބީސީސީން ބުނާ ގޮތުގައި މި ކެމްޕޭނުގައި ދިވެހި ކޮންމެ އުފެއްދުމެއްވެސް ބޭނުންކުރެވޭނެއެވެ. އެގޮތުން ދިވެހި ކާބޯތަކެތި އުފައްދާ ފަރާތްތަކާއި ފަންނުވެރިންގެ އުފެއްދުންތައް ބޭނުންކުރެވޭނެއެވެ.

ކެމްޕޭން ކުރިއަށްދާ މުއްދަތުގައި އެ ކޯޕަރޭޝަނުން ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށްގެން މާލޭގައި ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައިން ގަންނަ ކޮންމެ އެއްޗަކަށް 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ބީސީސީއިން ފާހަގަކުރައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު