Thursday, 20 June 2024

ފެބްރުއަރީ މަހު ރަސްމީ ރިޒާވް އިތުރުވެއްޖެ

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގެ ރަސްމީ ރިޒާވް މިއަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު ފެބްރުއަރީ މަހު އިތުރުވެއްޖެއެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 551.1 މިލިއަން ޑޮލަރެވެ. އެހެންނަމަވެސް ފެބްރުއަރީ މަސް ނިމުނުއިރު މި އަދަދު ވަނީ 588.8 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ 37 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

މިދިޔަ ޑިސެމްބަރުމަހު ރަސްމީ ރިޒާވްގައި ހުރީ 588.61 މިލިއަން ޑޮލަރެވެ. އަދި މިދިޔަ ނޮވެމްބަރު މަހު ހުރީ 581.17 މިލިއަން ޑޮލަރެވެ. އެ މަސްތަކާ އަޅާބަލާއިރު ޖެނުއަރީ މަހު ރަސްމީ ރިޒާވް ދަށްވެފައި ވީނަމަވެސް މިދިޔަ މަހު މިވަނީ އެ އަދަދު އިތުރުވެފައެވެ.

އެމް.އެމް.އޭގެ ތަފާސްހިސާބުދައްކާ ގޮތުން، ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވްވެސް ޖެނުއަރީ މަހާއި އަޅާބަލާއިރު ފެބްރުއަރީ މަހު ވަނީ އިތުރުވެފައެވެ. ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ފެބްރުއަރީ މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 128.8 މިލިއަން ޑޮލަރެވެ. ޖެނުއަރީ މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 109.7 މިލިއަން ޑޮލަރެވެ.

މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާއިރު، ފާއިތުވި 4 މަސްދުވަހުގެ ތެރޭގައި ކުރެއްވުނު މަސައްކަތްތަކުން، ފައިސާގެ އަގު ހިފެހެއްޓި، އިޤްތިޞާދު ރަނގަޅުވާން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ ރާއްޖޭގެ އިޤްތިޞާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާވަނީ ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު