Saturday, 22 June 2024

"އެއީ ހަމައެކަނި ލިޔެކިއުންތަކުގައި ސިޔާސީ މިނިވަންކަން އޮތް 5 އަހަރު، ހުރިހާ މަގަކުން ރާއްޖެ އޮތީ އަޅުވެތިވެފަ"

ނިމިދިޔަ ފަސް އަހަރުގެ ވެރިކަމަކީ ހަމައެކަނި ލިޔެކިއުންތަކުގައި ސިޔާސީ މިނިވަންކަން އޮތް ފަސް އަހަރު ކަމަށާއިމ ވޭތުވެދިޔަ 5 އަހަރުގެ ދައުރުގައި ރާއްޖެއޮތީ އަމަލީގޮތުން މިނިވަންކަން ގެއްލިފައޮތް ޤައުމެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ކޯލިޝަނުގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ހުޅުދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓު، މުޙައްމަދު ޝާހިދު (ޝާޑު)ގެ ކެމްޕެއިން ޙަރަކާތުގައި ރޭ ވާހަކަ ދައްކަވަމުން، ރައީސް ވިދާޅުވީ އަމިއްލަވަންތަ ޤައުމެއް ޤާއިމްކުރުމުގެ މުހިއްމުކަމަށާއި، މާކުރީގެ އަހަރުތަކެއްގައި ރާއްޖޭގެ މިނިވަންކަމާ ބަޔަކު ތޮޅުނު ދުވަސްތަކެއް ދިޔަ ނަމަވެސް ދިވެހިރާއްޖެއަކީ އެތައްހާސް އަހަރެއްވަންދެން މިނިވަންކަންމަތީ އޮތް ފަޚުރުވެރި ޤައުމެއްކަމަށެވެ.

ރައީސް ވިދާޅުވީ، ކަން މިހެން އޮތް ކަމުގައި ވިޔަސް ވޭތުވެދިޔަ 5 އަހަރުގެ ދައުރުގައި މި ޤައުމު ފެނިގެންދިޔައީ ރަސްމީކޮށް ލިޔެކިއުމުގައި ސިޔާސީ މިނިވަން ޤައުމެއްގެ ގޮތުގައި އޮތްނަމަވެސް އަމަލީގޮތުން މިނިވަންކަން ގެއްލިފައޮތް ޤައުމެއްގެ ގޮތުގައި ކަމަށާއި،  އޭރު ޤައުމުގެ ކަންކަން އޮތީ ވަކި ޤައުމެއްގެ ހައިކޮމިޝަނަރެއްގެ ހުއްދަނެތި ދިވެއްސަކަށް ތަމްރީނު ދަތުރެއްގައިވެސް ބޭރުގެ އެހެން ޤައުމަކަށް ނުދެވޭ ހިސާބުގަ ކަމަށާއި، ދިވެހީންގެ ރާއްޖެއެއް ގެންނަން ރައްޔިތުން ބޭނުންވީ އެފަދަ އެތައް ސަބަބުތަކާހެދި ކަމަށެވެ.

"ހުރިހާ މަގަކުން އޮތީ އަޅުވެތިވެފަ. ބޭރުގެ ސިފައިން ތިބި، ޤައުމުގެ އިޤްތިޞާދުއޮތީ އަތުނުޖެހޭ ހިސާބަށް ދަރަނިވެރިކަމުގެ ތެރެއަށްގޮސް ހުސްވެފަ. އަޅުގަނޑުމެންގެ އަމިއްލަ ވަންތަ ކަމެއް ނެތް. ބަލި މީހަކު އުފުލާލަން ޖެހުނަސް އެހެން ބައެއްގެ އެހީތެރިކަން ހޯދަންޖެހިފައޮތީ. ކުންފުނިތައް އޮތީ ބަނގުރޫޓުވެފައި. ފައިސާ ޗާޕުކުރީ އިންތިހާއަށް" ރާއްޖޭގެ މިނިވަންކަން އޮތް ޙާލަތު ކިޔައިދެއްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ފައިސާ ޗާޕުކުރުން ހުއްޓާލައި އިޤްތިޞާދު ހަމަމަގަށް ގެނައުމަށް ކުރާ މަސައްކަތުގެ ސަބަބުން މިހާރު ފައިސާގެ އަގު ރަނގަޅުވެ ޑޮލަރުގެ އަގު ތިރިވަމުންދާ ކަމަށާއި، ފައިސާ ޗާޕުނުކޮށް ބޭރުގެ ދަރަނި ދައްކަމުންގެންދާ ކަމަށާއި، މިދިޔަ ސަރުކާރު ނިމުނުއިރު ކުންފުނިތައް ދަރާފައޮތް ނުވަހާސް މިލިޔަން ރުފިޔާގެ ދަރަނި ދެއްކުމަށް ކުންފުނިތަކަށް ފައިސާ ދެމުންގެންދާތީ މިހާރު ރަށްރަށުގެ މަޝްރޫޢުތައް ފެށެމުންދާކަމަށެވެ.

ކުރީގެ ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް މިއަދުގެ ސަރުކާރުން ހުއްޓާލާފައިވާކަމަށްބުނެ އެ ސަރުކާރުގެ އިސް ފަރާތްތަކުން ހަޤީގަތާ ޚިލާފު ވާހަކަތައް ދައްކަމުންގެންދިޔަ ނަމަވެސް ހަޤީގަތަކީ އޭރު ކުންފުނިތަކަށް ފައިސާ ނުދީގެން މަޝްރޫޢުތައް ހުއްޓިފަހުރީކަމަށާއި، މިހާރު އެ މަޝްރޫޢުތައް ކުރިއަށްގެންދަން ފަށާފައިވާކަން ފާހަގަކުރައްވަމުން، އިޤްތިޞާދު ހަރުދަނާ ކުރަމުން ރާއްޖޭގެ އަމިއްލަވަންތަ ޤައުމެއް ޤާއިމްކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކަށް ދެވޭނެ އެންމެ ބޮޑު އެއްބާރުލުމަކަށްވާނީ ސަރުކާރާ އެއްގޮތް ވިސްނުން ރައްޔިތުންގެ މަޖިލީހުގެތެރެއަށްވެސް ގެންގޮސްގެންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، އެކަންކަމުގައި އެންމެ ބޮޑު އެއްބާރުލުމެއް ސަރުކާރަށް ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު