ޞާލިޙަށް ފަތުރުވެރިކަމުގެ ތަފާސްހިސާބު އޮޅިވަޑައިގެންފި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފަތުރުވެރިކަމުގެ ތަފާސްހިސާބު އޮޅިވަޑައިގެންފިއެވެ.

އިއްޔެ އެމްޑީޕީން ގަލޮޅު އުތުރާއި ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ ރައީސް ޞާލިޙު، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވުމުގެ ސަބަބުން ރާއްޖެއަށް 2 ބިލިއަނެއްހާ ރުފިޔާގެ ގެއްލުންވެފައިވާކަމަށް ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރާ އަޅާބަލާއިރު 20،000 އިން މަދުވުމުގެ ސަބަބުން ރާއްޖޭގެ މުޅި އިޤުތިޞާދަށާއި ހުރިހާ ދިވެހިންނަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަމުންދާކަމަށް ވިދާޅުވެ، ވަކި ހިސާބު ޢަދަދުތަކެއް ކިއުއްވައި، ކުރީގެ ރައީސް ޞާލިޙު ވަނީ ފަތުރުވެރިކަމާއި ރާއްޖޭގެ އިޤްތިޞާދާ ގުޅޭ ގޮތުން ޙަޤީޤަތް އޮޅޭ ފަދަ ވާހަކަތަކެއް ދައްކަވާފައެވެ.

އެހެނީ އެމްއެމްއޭއިން ދާދިފަހުން ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދު މިހާރު ހުރީ ރަނގަޅު މިސްރާބަށެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގެ ރަސްމީ ރިޒާވް މިއަހަރުގެ ޖެނުއަރީ މަހާއި އަޅާބަލާއިރު ފެބްރުއަރީ މަހު އިތުރުވެއްޖެއެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 551.1 މިލިއަން ޑޮލަރެވެ. އެހެންނަމަވެސް ފެބްރުއަރީ މަސް ނިމުނުއިރު މި އަދަދު ވަނީ 588.8 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. މިއީ 37 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މާރިޗު 28 ވަނަ ދުވަހު މައުލޫމާތު ދެއްވަމުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ މި އަހަރު އިގުތިސާދު ކުރިއަރާ ވަރު 5.4 ޕަސަންޓުގައި ހުރި އިރު، ލަފާކުރި ވަރަށް ވުރެ އިތުރަށް ފުރަތަމަ ތިން މަހުގެ އާމްދަނީ ވެސް އިތުރު ކަމަށެވެ.

"އާމްދަނީ ހިލޭ އެހީގެ ގޮތުގައި މިއޮތީ 33.5 ބިލިއަން ރުފިޔާ ކަމަށް. މާޗް 14 އާ ހަމައަށް 7.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް. އެހެންވީމާ، އާމްދަނީ ވަރަށް ބޮޑަށް އިންލައިން އެބަވޭ،" އިމާދު ވިދާޅުވިއެވެ.

ރައީސް ޞާލިޙު އިތުރުފުޅު ހައްދަވައި ވާހަކަފުޅު ދައްކަވާފައި ވަނިކޮށް، އެކްްސްގައި ކުރެއްވި ޕޯސްޓެއްގައި، ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވީ، މި އަހަރުގެ މާރޗް މަހާ ހަމައަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 15.1 އިންސައްތަ މަތިވެފައި ކަމަށެވެ.

އަދި އޮކިއުޕަންސީ ވަނީ މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހުވެސް މިދިޔަ އަހަރުގެ އެމަސްތަކާއި އަޅައިބަލާއިރު އިތުރުވެފައިވާ ކަމަށްވެސް ފައިސަލް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މާރިޗު 28 ވަނަ ދުވަހު މައުލޫމާތު ދެއްވަމުން އެމްއެމްއޭ ފާހަގަކުރެއްވި އިތުރު ކަންކަން:

ދައުލަތުގެ ރިކަރަންޓް ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަން ފާހަގަކުރައްވަމުން، ރިކަރަންޓް އެކްސްޕެންޑިޗާ އާއި ކެޕިޓަލް ހަރަދުތައް މާޗުގެ މިހާތަނަށް ކުޑަކަން ހިސާބު ތަކުން ފެންނަކަމަށާއި، ކެޕިޓަލް އެކްޕެންޑިޗާ 2023 ގައި ހުރީ 3.2 ބިލިއަންގައި ކަމަށާއި، އެކަމަކު މިހާރު ހުރީ 1.5 ބިލިއަން ރުފިޔާގައި ކަމަށް އިމާދު ވިދާޅުވިއެވެ.

ރިކަރަންޓާއި ކެޕިޓަލް ހަރަދުތަކުން މިދިޔަ އަހަރާ އެކަނި އަޅާ ބެލިޔަސް، އޭނާ ވިދާޅުވީ ދެ ބިލިއަން ރުފިޔާގެ ކޮންޓްރެކްޝަނެއް ފެންނަ ކަން ފާހަގަކުރައްވަމުން، ކޭޝްފްލޯ މެނޭޖު ކުރުމަށްޓަކައި، ޑޮމެސްޓިކް މާކެޓުން ދަރަނި ނަގާ ނިސްބަތް ވެސް ވަރަށް ބޮޑަށް ދަށްވެފައިވާ ކަން އިމާދު ވިދާޅުވިއެވެ.

ފާއިތުވި ތިން މަހެއްހާ ދުވަހު ތެރޭގައި، ރާއްޖޭގެ އެތެރޭގައި ވިއްކި ބޮންޑާއި ޓީބިލްގެ އަދަދު އުޅެނީ 175 މިލިއަނެއްހާ ރުފިޔާގައި ކަމަށް އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވި ގޮތުގައި ފާއިތުވި ތިން މަހު ގްރޮސް ރިޒާވްގައި އެމްއެމްއޭގެ މިންގަނޑާ އެއްގޮތަށް ގާތްގަނޑަކަށް 580 މިލިއަން ޑޮލަރު އެބަހުއްޓެވެ. އަދި އަހަރު ނިމޭ އިރު، ގާތްގަނޑަކަށް 600 މިލިއަން ޑޮލަރުގައި އެ އަދަދު ހިފެހެއްޓޭނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށް އިމާދު ފާހަގަކުރެއްވިއެވެ.

އަދި އައިއެމްއެފްގެ ޕެކޭޖަކަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅުވައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމާދު ވިދާޅުވީ އެފަދަ ކަމެއްގެ މައުލޫމާތެއް ރަސްމީ ސިފައެއްގައި އަދި ލިބިފައި ނެތް ކަމަށެވެ.

ގުޅުންހުރި:

ފައިސާ ޗާޕުކުރުން ހުއްޓާލުމާއެކު، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ހެޔޮ އަސަރު ދަނީ ކުރަމުން: އެމްއެމްއޭ

ފެބްރުއަރީ މަހު ރަސްމީ ރިޒާވް އިތުރުވެއްޖެ

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު