22 އެޕްރީލް 2025

ވެމްކޯއަށް އާންމުން ގެންދާ ކުނި ޓަނަކަށް ނަގާފީ 500 ރުފިޔާއަށް ކުޑަކުރަނީ

މާލެ ސަރަހައްދުގައި ހުންނަ ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކަށް ޢާންމުން ގެންދާ ކުނި ޓަނަކަށް ނަގާ ފީ، އަނެއްކާވެސް ކުޑަކޮށް، އެއަދަދު 500 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަން ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވައިފިއެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އާންމުން އެންމެ ކަންބޮޑުވާ މައްސަލަތަލުގެ ތެރެގައި ކުނީގެ މައްސަލަވެސް ހިމެނޭކަމަށާއި، ވެމްކޯއިން ފޯރުކޮށްދޭ އެ ޚިދުމަތުގެ އަގުތަކަށް އިތުރު ލުއިތަކެއްދޭން ސަރުކާރުން ނިންމަވާފައިވާކަމަށެވެ.

އެގޮތުން ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެވަޑައިގެންނެވި ވަޢުދާއެއްގޮތަށް މާލެއާއި ހުޅުމާލެ އާއި ވިލިމާލޭގައި ހުންނަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ޚިދުމަތުގެ ފީ 1060 ރުފިޔާއިން 750 ރުފިޔާއަށް ކުޑަކުރީ މި ނިމުނު މާޗުމަހުން ފެށިގެންނެވެ.

ވިޔަފާރިތަކާއި އެފަދަ ކުންފުނިތަކަށް ރޭޓްތައް މިދިޔަ މަހުން ފެށިގެން ކުޑަކޮށްފައިވީނަމަވެސް، މިހާރު ނަގަމުންދާ އަދަދަކީވެސް އާންމު މީހުންނަށް އެންމެ އެކަށީގެންވާފަދަ އަގެއްނޫންކަން ފާހަގަކުރެވިފައވާކަމަށް ރައީސް ވިދާޅުވިއެވެ.

"ވަރަށް ގިނަ ރައްޔިތުންގެ އެދުމެއް އޮތްކަމެއްމީ، އަޅުގަނޑު މިހާރު ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރާއި ކަމާގުޅޭ ވަޒީރުންނާ މަޝްވަރާކޮށްފިން. އެހެންވީމަ ޓަނަކަށް މިނަގާ 750 ރުފިޔާ، 500 ރުފިޔާއަށް ސަރުކާރުން ކުޑަކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.

އެއަގުތައް ނަގަން ފަށާނެ ތާރީޚު މާލަސްތަކެއްނުވެ ވެމްކޯއިން ޢިއުލާންކުރައްވާނެ ކަމަށާއި، އެބަދަލާއެކު ކުނި އުކާލުމަށް އާންމު ފަރާތްތަކުން އުފުލާތަކުލީފަށް ލުއިތަކެއް ލިބިގެންދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ހުންނަ އެފަދަ ކަންބޮޑުވުންތައް ޙައްލުކޮށްދެވުމަށް އިސްކަންދީގެން ކަން ފާހަގަކުރައްވަމުން، ވެމްކޯގެ އިތުރުން އެހެން އެސްއޯއީ ތަކުގެ ކަންކަން ވެސް ރަނގަޅުކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފައިސާ ޗާޕް ނުކޮށް، ހުރިހާ ބިލްތަށް ދައްކަވަމުން، ފައިސާގެ އަގު ހިފަހައްޓަވަމުން، ޑޮލަރުގެ ރޭޓު ތިރިކުރައްވަމުން، ކުރައްވާ މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް ވީހާވެސް ގިނަ ލުއިތައް ވެސް ހޯއްދަވާދެއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު