18 ޖަނަވަރީ 2025

ޤައުމުގެ އޭރުގެ ރައީސަށް ކީރިތި ކުރެއްވުނު ރޭޕް ކޭސްއަށް ވީ ކިހިނެތް؟

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްސަލަ އޮއްބާލުމަށްޓަކައި، ރިޔާސީ އިންތިޚާބާ ދިމާކޮށް އަނބުރާ ފޮނުވާލުމުން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން 15 މީހެއްގެ ބަޔާން ނަގައި، ފުލުހުންގެ ފަރާތުން 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިމައްސަލާގައި ދަޢުވާ ކުރުމަށް ފޮނުވިއެވެ. އަދި ޢަލީ ވަޙީދަށް ތުހުމަތު ކުރެވޭ މައްސަލާގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީ.ޖީ) އޮފީހުން 7 ދަޢުވާއެއް އުފުލިއެވެ. ޖިންސީ އަނިޔާކުރުމާއި ރޭޕް ކުރަން އުޅުމުގެ މައްސަލާގައި ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާ ތަކުގެ ތެރޭގައި، ރޭޕް ކުރަން އުޅުމާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމާއި، ހުއްދަ ނޫން ޖިންސީ މުޢާމަލާތްތައް ހިންގުމުގެ ކުށުގެ ދައުވާ ހިމެނޭ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ 18 ނޮވެމްބަރު 2020 ގައެވެ.

ޖިންސީ އަނިޔާ ދިނުމުގެ މިފަދަ ސީރިއަސް ތުޙުމަތު ތަކެއްކޮށް، ތަހުޤީގް ކުރެވި މިމައްސަލާގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހުޤީގަށް ބަޔާން ދީފައިވާ މީހުން، އެމައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށާއި ބަޔާންތައް އަނބުރާ ގެންދަން އެދި ފުލުހުންނަށް ތަކުރާރުކޮށް ދިޔައީ ސިޓީ ފޮނުވަމުންކަމަށާއި، އެހެންވެ މައްސަލަ އަލުން މުރާޖައާ ކޮށްދޭން ފުލުހުން އެދުނު ކަމަށް ޕީޖީ އޮފީހުން އޭރު ވިދާޅުވެފައިވެއެވެ.

ޕީޖީގެ އެބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތަށާއި ޕީޖީ އޮފީހަށް ފޮނުވަމުން އައި ސިޓީތަކާ ގުޅިގެން ޕީޖީ އޮފީހުންވަނީ އެފަރާތްތަކާއި ބައްދަލުކޮށް މައްސަލަ ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ދެކޭގޮތް ސާފުކޮށްފައެވެ. އަދި އެމީހުންގެ ހެކިބަހާއި ނުލައި މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް އޮތްތޯ ބަލައި ދިރާސާ ކުރިއިރު، މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށްވެފައި، އެއާއި ނުލައި މައްސަލަ ސާބިތު ކުރެވޭނެ އެއްވެސް މަގެއް ނެތްކަމަށް ފެނުމުން، އެ މައްސަލައިގެ ދައުވާތައް ޕީ.ޖީ އޮފީހުން ވަނީ 6 ޖޫން 2023 ގައި އަނބުރާ ފޮނުވާލާފައެވެ.

ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ޖިންސީ ފުރައްސާރަ ކުރުމާއި ޖިންސީ އަނިޔާ ކުރުމާއި ގެވެށި އަނިޔާ ފަދަ ކުށުގެ މައްސަލަތައް ނުބެލި ޝަރީޢަތުގެ މަރުޙަލާ ދިގުލައިގެން ދިއުމަކީ، އަނިޔާ ލިބޭ މީހުންނާއި ހެކިބަސް ދޭ މީހުންނަށް ވަރަށްބޮޑަށް ފިއްތުންތައް ކުރިމަތިވެ، މާޔޫސްވެގެން މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމުގެ ހިތްވަރު އެލިގެންދާކަމެކެވެ. އެންމެފަހުން ގޮތްހުސްވެގެން މައްސަލަ އަނބުރާ ގެންދަނީއެވެ. އިންސާފު ހޯދުމަށްކުރާ މަސައްކަތުގައި ޝަރީޢަތުގެ މަރުޙަލާ ދިގުދެމިގެން ދިއުމަކީ އިންސާފު ނުލިބުން ފަދަ ކަމެކެވެ.

އަނިޔާ އާއި ފުރައްސާރައިން ރައްޔިތުންނަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދައި ދިނުމަށް ޤާނޫނާއި ޤަވާއިދުތައް ހެދިފައި ވީނަމަވެސް އެބާވަތުގެ އަމަލުތަކުގެ ޝިކާރައަށް ވާ މީހުން ހުށަހަޅާ މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅޭ ވަރަށް ހެއްކާއި ގަރީނާ ލިބެނީ މަދު ފަހަރަކުއެވެ. އަދި މަދު ފަހަރަކު ޝަރީޢަތަށް ހުށަހެޅޭ މައްސަލަ ކުރިއަށް ނުގެންދެވި މައްސަލަ އަނބުރާ ގެންދާނަމަ ޤާނޫނާއި ޤަވާއިދުތައް ހެދުމަކީ އެއްވެސް މަޤްޞަދެއް ހާސިލުވާ ކަމެއް ކަމެއް ނޫނެވެ.

މިފަދަ މައްސަލަތަކުގައި  އާއްމުކޮށް ކަންހިނގާގޮތަށް ބަލާއިރު، ހެކިންނަށް ބިރުދެއްކުމުގެ ސަބަބުން، ދަޢުވާ ކުރަން ބޭނުން ނުވެ މައްސަލަތައް އަނބުރާ ގެންގޮސްފައި އެބަހުއްޓެވެ. އަދި ޢަލީ ވަހީދުގެ މައްސަލާގައިވެސް އެގޮތަށް ކަންހިނގާފައިވުން އެކަށީގެންވާއިރު، އަދި މިމައްސަލަ ދިގުލައިގެން ދިއުމުގެ ސަބަބުން އަނިޔާ ލިބުނު ވިކްޓިމްސް އަށް އިންސާފު ނުލިބޭ ކަމަށް ޤަބޫލުކުރާންޖެހެއެވެ.

އެހެންކަމުން ދައުވާ އަނބުރާ ގެންގޮސް، އަނިޔާ ލިބުނު ވިކްޓިމްސް އަށް އިންސާފު ލިބުމުގެ ފުރުޞަތު ގެއްލިގެން ދިއުމަކީ ދިވެހި މުޖްތަމަޢުގެ ކޮންމެ ފަރުދަކު އިންތިހާއަށް ކަންބޮޑުވާން ޖެހޭނެ ކަމެކެވެ. މިމައްސަލަ ކުރިއަށް ނުގެންދެވުމަކީ ޖިންސީ ގޯނާ އާއި ރޭޕް ފަދަ ބޮޑެ ކުށްތައް މަދުކޮށް ހުއްޓުމުގައި ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ. މިއީ އެފަދަ ޢަމަލުތަކުގެ ވިކްޓިމުންނަށް ލިބޭ އިތުރު ނިކަމެތި ކަމެއްގެ އިތުރުން، އެފަދަ ޢަމަލުތައް ހިންގާ މީހުންނަށް ލިބުނު އިތުރު ހިއްވަރެކެވެ.

ޖިންސީ ގޯނާ ކުރުމާއި ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހެކީންނަށް ރައްކާތެރިކަން ލިބޭނެ ނިޒާމެއް ޤާއިމް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އިންސާފު ލިބުމުގައި ޚާއްސަކޮށް އަންހެނުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ، އިންސާފު ލިބުމަށްހުރި ހުރަސްތައް ނައްތާލުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަކީވެސް އެހާމެ މުހިއްމު ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު