ޝައްވާލު މަހުގެ ހަ ރޯދަ ހިފުން
ރަމަޟާން މަހުގެ ފަރުޟު ރޯދަތަކަށްފަހު އަޅުގަނޑުމެންނާ ބައްދަލުކުރާ މަހަކީ ޝައްވާލު މަހެވެ. ޝައްވާލު މަހުގެ ހަ ރޯދައާއި ބެހޭގޮތުން ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވާފައިވެއެވެ: « مَن صامَ رَمَضانَ ثُمَّ أتْبَعَهُ سِتًّا مِن شَوّالٍ، كانَ كَصِيامِ الدَّهْرِ» [صحيح مسلم 1164] މާނައީ: [ރަމަޟާން މަހު ރޯދަ ހިފުމަށް ފަހު، ދެން ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ ދަންނައެވެ! އޭނާ މުޅި އަހަރު ރޯދަ ހިފި ފަދައެވެ.]
މި ސުންނަތް ހަ ރޯދަ ވިދިވިދިގެން ނުވަތަ ވަކިވަކިން ހިފުން ވެސް ޙުއްދަވެގެންވެއެވެ. ރަމަޟާން މަހުގެ ރޯދައެއް ޢުޛުރަކާ ނުލައި، ޤަޞްދުގައި މީހަކު ދޫކޮށްލައިފިނަމަ، ޝައްވާލު މަހުގެ ހަ ރޯދަ ހިފުމުގެ ކުރިއަށް ރަމަޟާން މަހުގައި ދޫކޮށްލި ރޯދަތައް ޤަޟާ ކުރުން ވާޖިބުވެގެންވެއެވެ. އެހެންނަމަވެސް ޝަރުޢީ ޢުޛުރަކާ އެކު ރަމަޟާން މަހުގެ ރޯދައެއް ދޫކޮށްލައިފައިވާ މީހާއަށް ފަރުޟު ރޯދައިގެ ކުރިއަށް ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަކީ ޖާއިޒުކަމެކެވެ.
ޢަމަލުތައް ޤަބޫލުކުރެއްވުން އެދި ދުޢާ ކުރުން
ރަމަޟާން މަހު އަޅުގަނޑުމެން ހިފި ރޯދައާއި އަދާކުރި ރޭއަޅުކަން އަދި ކޮށް އުޅުނު އެހެނިހެން ވެސް ހެޔޮ ޢަމަލުތަކަކީ الله تَعَالَىٰގެ ހަޟްރަތުގައި ޤަބޫލުވެވިގެން ދިޔަ ޢަމަލުތަކަކަށްވޭތޯ އެ މަހަށް ފަހުގައިވެސް ގިނަގިނައިން ދުޢާ ކުރާންވާނެއެވެ. އެހެނީ، ސަލަފުއްޞާލިހުންގެ ބޭކަލުން އެ ބޭކަލުން ރަމަޟާން މަހު ކުރެއްވި ޢަމަލުތައް الله تَعَالَىٰގެ ޙަޟްރަތުގައި ޤަބޫލުވެވިގެން ދިއުމަށް އެދި ހަ މަސްދުވަސް ވާންދެން ދުޢާ ކުރައްވާ ކަމުގައިވެއެވެ.
ޢަމަލުތައް ޤަބޫލުވެވިގެން ދިއުމުގެ ޢަލާމާތްތަކުގެ ތެރޭގައި ޢިލްމުވެރިން ފާހަގަކުރައްވާފައިވާ ބައެއްކަންކަމަކީ:
- ހެޔޮ ކަމަކަށް ފަހު ހެޔޮކަމެއް މެދު ނުކެނޑި ކުރެވެމުން ދިއުން އަދި ރަމަޟާން މަހަށް ފަހުގައިވެސް ކިޔަމަންތެރިކަމުގައި އަޅާގެ ވަގުތުތައް ހޭދަކޮށް އުޅުން؛ އެހެނީ އެ ކަންކަމަށް ރައްކާތެރިވުމަކީ الله تَعَالَىٰ އެކަލާނގެ އަޅާއަށް ރުއްސަވާކަމުގެ ދަލީލެކެވެ. އަދި އެކަލާނގެ ރުއްސަވައިފި އަޅަކަށް ހެޔޮކަންކަމުގައި ދެމިހުރުމަށާއި ފާފަތަކުން ދުރުހެލިވެ ހުރުމުގެ ތައުފީޤު މިންވަރުކުރައްވައެވެ.
- އަޅުކަންތަކާއި މެދު ހިތްހަމަޖެހި، އީމާންކަމުގެ ފޮނިމީރުކަން އިޙުސާސްވުމާއި ހެޔޮ ޢަމަލުތައް ކުރުން އިސްކުރުމަކީ އޭނާއަށް ލިބޭ އުފަލެއް ކަމުގައި ދެކުން؛ އެހެނީ މުއުމިނާއަކީ ހެޔޮކަންކަމަށް ލޯބި ކުރާ، ނުބައިކަންކަމަށް ނަފްރަތު ކުރާ މީހެކެވެ.
- ކުރެވިފައިހުރި ފާފަތަކަށް ތައުބާވެވުން؛ ކުރީގައި ކުރެވިފައިހުރި ފާފަތަކުގެ މައްޗަށް ހިތާމަކޮށް، އެފަދަކަމެއް ތަކުރާރު ނުކުރުމަށް ޢަޒުމް ކަނޑައަޅައި، އެ ފާފަތަކުން ތައުބާވުމަކީ الله تَعَالَىٰ އެ އަޅަކާ މެދު ރުހިވޮޑިގެންވާކަމުގެ އެންމެ ބޮޑު އެއް ޢަލާމާތެވެ.
- ރަމަޟާން މަހުގައި ކުރެވުނު ހެޔޮ ޢަމަލުތައް ޤަބޫލު ނުކުރެވިގޮސްދާނެ ކަމަށްޓަކައި ބިރުވެތިވުން.
- ދީނާއިމެދުގައި ޣީރަތްތެރިވުމާއި الله تَعَالَىٰ ޙުރުމަތްތެރި ކުރައްވާފައިވާ ކަމަކަށް ބަޔަކު އަރައިގަންނަ ހިނދު އެކަމަކަށް ހިތުގައި ނަފްރަތު އުފެދުން.
ހެޔޮކަންކަމުގެ މަތީގައި ސާބިތުވުން
الله تَعَالَىٰ ވަޙީ ކުރައްވާފައިވެއެވެ. ﴿وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ﴾ [الحجر 99] މާނައީ: [އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް (އެބަހީ: މަރު) އަތުވެއްޖައުމަށް ދާންދެން، ކަލޭގެފާނުގެ ވެރި ރައްބަށް އަޅުކަން ކުރައްވާށެވެ!]
ސުފްޔާން ބުން ޢަބްދުالله އައްޘަޤަފީ رَضِيَ اللهُ عَنْهُ ދެންނެވިއެވެ. "އޭ اللهގެ ރަސޫލާއެވެ! އިސްލާމް ދީނާ މެދު ކަލޭގެފާނަށް ފަހު އިތުރު މީހެއް ކުރެން އެފަދަ ބަހަކަށް ތިމަންކަލޭގެފާނު ނޭދޭނެވަރުގެ ބަސްފުޅެއް ތިމަންކަލޭގެފާނަށް ޙަދީޘް ކޮށްދެއްވާށެވެ!] ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ: « قُلْ: آمَنتُ بِاللهِ، فاسْتَقِمْ » [صحيح مسلم 38] މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ: އަހުރެން اللهއަށް އީމާންވެއްޖައީމުއެވެ! ދެން އޭގެ މަތީގައި ކަލޭގެފާނު ސާބިތުވެވަޑައިގަންނަވާށެވެ!]
الله تَعَالَىٰގެ ހަޟްރަތުން ވާގިއެދުން
ހެޔޮކަންކަމުގައި ސާބިތުވެވޭނެ އެންމެ ބޮޑު ސަބަބަކީ الله تَعَالَىٰގެ ޙަޟްރަތުން ވާގިވެރިކަން އެ އަޅަކަށް ލިބުމެވެ. މިފަދައިން ވާގިވެރިކަން ހޯދުމަށްޓަކައި ގިނަގިނައިން الله تَعَالَىٰއަށް ދަންނަވަން ޖެހެއެވެ. އެއީ؛ އަޅަކު ހެޔޮކަންކަމުގައި ދާއިމުކުރައްވާތޯއާއި ކިޔަމަންތެރިކަމުގައި ދެމި ހުރުމުގެ ސާބިތުކަން ދެއްވާތޯ އޭނާގެ ވެރިރަސްކަލާނގެއަށް ދެންނެވުމެވެ. އެއީ ކޮންމެ ނަމާދެއްގައި ފާތިޙާ ސޫރަތުގައި އަޅުގަނޑުމެން ދަންނަވާ ފަދައިންނެވެ!
﴿إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ﴾ ﴿اهْدِنَا الصِّرَاطَ الْمُسْتَقِيمَ﴾ [الفاتحة 5 – 6]
މާނައީ: [އަޅަމެން އަޅުކަން ކުރަނީ (ހަމައެކަނި) އިބަ އިލާހަށެވެ. އަދި އަޅަމެން ވާގި އެދެނީވެސް (ހަމައެކަނި) އިބަ އިލާހުގެ ޙަޟްރަތުންނެވެ. ސީދާވެގެންވާ ތެދުމަގަށް އަޅަމެންނަށް މަގު ދައްކަވާށިއެވެ.]
މުއުމިނުނުތަކުންގެ މައިކަމަނާ އުންމު ސަލަމާ رَضِيَ اللهُ عَنْهَا އާ ސުވާލުދެންނެވުނެވެ. ކަމަނާގެ އަރިހުގައި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވާއިރު، އެކަލޭގެފާނު އެންމެ ގިނައިން ކުރައްވާ ދުޢާއަކީ ކޮބައިތޯއެވެ؟ ޖަވާބުގައި އެ ކަމަނާ ވިދާޅުވިއެވެ: [އެކަލޭގެފާނު އެންމެ ގިނައިން ކުރައްވާ ދުޢާއަކީ: «يا مُقَلِّبَ القُلُوبِ ثَبِّتْ قَلْبِي عَلى دِينِكَ » [سنن الترمذي 3522] މި ދުޢާގެ މާނައަކީ: [އޭ ހިތްތައް އެފުށް މި ފުށަށް ފުރޮޅުއްވާ ފަރާތެވެ! މި އަޅާގެ ހިތް އިބަރަސްކަލާނގެ ދީނުގެ މަތީގައި ސާބިތު ކުރައްވާށިއެވެ!]
އެހެންކަމުން އަޅުގަނޑުމެން ގިނަގިނައިން މި ދުޢާ ކުރުން މާ އައުލާކަން ބޮޑު ނޫންތޯއެވެ!
ހެޔޮލަފާ ޞާލިޙު މީހުންނާއެކު ވަގުތު ހޭދަކުރުން
ހެޔޮކަންކަމުގައި ސާބިތުވުމުގެ ސަބަބުތަކުގެ ތެރޭގައި: ޞާލިޙުންނާއި ހެޔޮކަމުގައި ސާބިތުވެ ތިބި މީހުންނާ އެކުވެ އުޅުންވެއެވެ. އަދި ތިބާގެ ރަހްމަތްތެރިން ކަމުގައި އެފަދަ މީހުން އިޚްތިޔާރު ކުރުންވެއެވެ. ހެޔޮލަފާ ޞާލިޙު ރަޙުމަތްތެރިންގެ ކިބައިން ތިބާއަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް މަންފާ ކުރާނެއެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވާފައިވެއެވެ: «الرَّجُلُ عَلى دِينِ خَلِيلِهِ، فَلْيَنْظُرْ أحَدُكُمْ مَن يُخالِلُ» [سنن أبي داود 4833] މާނައީ: [މީހާވަނީ އޭނާގެ ރަޙްމަތްތެރިޔާގެ ދީނުގައެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކުވެސް ތިމާއަށް ރަޙްމަތްތެރިކަމުގެ ގުޅުން ޤާއިމް ކުރެވެނީ ކާކާތޯ ބަލާށެވެ.]
ރަމަޟާން މަހަށް ފަހުގައިވެސް ހެޔޮކަމުގެ މަތީގައި ސާބިތުވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން:
- ކީރިތި ޤުރުއާނުން ކޮންމެސް މިންވަރެއް ހިތުދަސްކުރުން އަދި އެހެންމީހަކަށް އެ ޤުރުއާން އުނގަންނައިދިނުން: ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވާފައިވެއެވެ. «خَيْرُكُمْ مَن تَعَلَّمَ القُرْآنَ وعَلَّمَهُ» [صحيح البخاري 5027] މާނައީ: [ތިޔަބައިމީހުންކުރެ އެންމެ ހެޔޮވެގެންވާ މީހަކީ، ޤުރުއާން އުނގެނި އެ (ޤުރުއާން) އުނގަންނައިދޭ މީހާއެވެ.]
- ޝަރުޢީ ޢިލްމު އުނގެނުމަށް މަސައްކަތް ކުރުން: ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވާފައިވެއެވެ. «ومَن سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا، سَهَّلَ اللهُ لَهُ بِهِ طَرِيقًا إلى الجَنَّةِ» [صحيح مسلم 2699] މާނައީ: "(ޝަރުޢީ) ޢިލްމު ޙާޞިލުކުރުމަށްޓަކައި މަގެއް އިޚްތިޔާރުކޮށްފި މީހަކަށް، އޭގެސަބަބުން ސުވަރުގެ ދިއުމަށް މަގެއް الله تَعَالَىٰ ފަހިކޮށްދެއްވާނެތެވެ."
- ރަމަޟާން މަހަށް ފަހުގައިވެސް ކުޅަދާނަވެގެންވާ މިންވަރަކުން ރޭ އަޅުކަން ކުރުން މަތީގައި ސާބިތުވުން: ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވާފައިވެއެވެ. «أحَبَّ الأعْمالِ إلى اللَّهِ أدْوَمُها وإنْ قَلَّ» [صحيح البخاري 6464] މާނާއީ: [ހަމަކަށަވަރުން الله تَعَالَىٰ އެންމެ ލޯބިވެވޮޑިގެންވާ ޢަމަލަކީ ކިތަންމެ މަދުވިޔަސް ދާއިމީ ގޮތެއްގައި ކުރާ ކަންކަމެވެ.]
- މައިންބަފައިންނަށް ހެޔޮކޮށްހިތާ އެ ދެމީހުންނަށް ޚިދުމަތްކުރުމުގައި ދެމިހުރުން:
ޢަބްދުﷲ ބްނު މަސްޢޫދު رَضِيَ اللهُ عَنْهُ ވިދާޅުވިއެވެ: [اللهގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ ކޮން ކަމެއްތޯ ތިމަންކަލޭގެފާނު ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَއާ ސުވާލު ދެންނެވީމެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ: [ނަމާދު އޭގެ ވަގުތުގައި އަދާކުރުމެވެ!] ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ: ދެން ކޮން ޢަމަލެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ: [އެއަށްފަހު މައިންބަފައިންނަން ހެޔޮކޮށް ހިތުމެވެ!] ދެން އެއަށްފަހު ކޮން ޢަމަލެއްތޯ ތިމަންކަލޭގެފާނު ސުވާލު ދެންނެވީމެވެ. ޙަދީޘް ކުރެއްވިއެވެ: [اللهގެ މަގުގައި ހަނގުރާމަ ކުރުމެވެ!] [صحيح البخاري 527]
- ހެޔޮކަންކަމަށް މަގުދައްކައި، މީސްތަކުންނަށް ހެޔޮ ނަޞޭޙަތް ދިނުން: ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވާފައިވެއެވެ. «مَن دَلَّ عَلى خَيْرٍ فَلَهُ مِثْلُ أجْرِ فاعِلِهِ» [صحيح مسلم 1893] މާނައީ: [މީހަކަށް ހެޔޮ ކަމަކަށް މަގު ދައްކާ މީހާއަށް އެ ހެޔޮކަން ކުރި މީހާއަށް ލިބޭ އަޖުރާ އެއްވަރަށް އަޖުރު ލިބޭނެއެވެ.]
الله تَعَالَىٰ އަޅަމެން އެންމެންނަށް އެކަލާނގެ ދީނުގައި ސާބިތުވުމުގެ ތައުފީޤު މިންވަރު ކުރައްވާށިއެވެ!
•••✧•✧•✧•✧•✧•✧•✧•✧•••
އެޑިޓަރުގެ ނޯޓް:
މި ލިޔުމަކީ، މަދިީނާ ޔުނިވަރސިޓީގެ ދިވެހި ދަރިވަރުންކޮޅެއް، ހިންގާ ޓެލެގްރާމް ޗެނަލެެއް ކަމަށްވާ pathwaymv ގައި ޝާއިޢުކޮށްފައިވާ ލިޔުމެކެވެ. މިލިޔުން "ފިޔަ އޮންލައިން" ގައި ޝާއިޢުކޮށްފައި މިވަނީ އެ ޗެނަލްގެ ހުއްދައާއެކުގައެވެ. އެ ޗެނަލްއަކީ ދީނީ މަޢުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި، ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ހެދިފައިވާ ޗެނަލްއެކެވެ. pathwaymv ގެ ލިޔުންތައް ވިދާޅުވާން ބޭނުންފުުޅުވާނަމަ، ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.