Saturday, 22 June 2024
ބިން ހިއްކާފައިވާ ތިލަފުށި، ފޮޓޯ: އެޗްޑީސީ

ނިމިދިޔަ ސަރުކާރުން 3 ފަޅު ހިއްކަން ދިނީ 20 މިލިއަން ޑޮލަރާއި 20 ހެކްޓަރު ބިން ލިބޭގޮތަށް: އެޗްޑީސީ

ކުރީ ސަރުކާރުގައި ތިން ފަޅެއްގެ ބިން ހިއްކުމަށް ސްރީލަންކާގެ ކުންފުނި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ)އާއި ހަވާލުކޮށްފައިވަނީ 20 މިލިއަން ޑޮލަރާއި، 20 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ލިބޭގޮތަށްކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހާމަކުރައްވައިފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ނިމެންދަނިކޮށް، ރިޔާސީ އިންތިޚާބުގެ ކުރިން، ހުޅުމާލެ ފޭސް 3، ތިލަފުށި އަދި ދިޔަނަރު ފަޅު ހިއްކަން ސީއެމްސީއާއި ހަވާލުކުރީ 96 ހެކްޓަރުގެ ބިން ހިއްކުމަށެވެ. އެއީ ހުޅުމާލެއިން 62.6 ހެކްޓަރު، ދިޔަނެރުން 24.6 ހެކްޓަރު އަދި ތިލަފުށިން 9.6 ހެކްޓަރެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޟުލް ރަޝީދު ވިދާޅުވީ އެއްބަސްވުން ޤާއިމުކޮށްފައިވަނީ ހިއްކާ ބިމުގެ ތެރެއިން ސަރުކާރަށް ހަމައެކަނި 76 ހެކްޓަރުގެ ބިން ލިބޭގޮތަށްކަމަށެވެ. ފަޟުލް ވިދާޅުވީ އެއްބަސްވުމުގައިވާގޮތުން 20 ހެކްޓަރު ބިން 99 އަހަރަށް ސީއެމްސީއަށް ލިބޭކަމަށެވެ. އެގޮތުން ހުޅުމާލެއިން 10 ހެކްޓަރު ސީއެމްސީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ތިލަފުށިން ހިއްކާ 9.6 ހެކްޓަރުގެ ބިން މުޅިން ލިބޭނީ އެ ކުންފުންޏަށް ފަޟުލް ވިދާޅުވިއެވެ.

"މި ބިންތައްވެސް ދީފައިވަނީ އެންމެ މުހިންމު ސަރަޙައްދުތަކުންކަން. ތިލަފުށިންވެސް ބިން ދީފައިވަނީ ވިޔަފާރި ބަނދަރުގެ މަސައްކަތް ހިމެނޭ ސަރަޙައްދުން. ހުޅުމާލޭއިންވެސް ބިން ދީފައިވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ޚިދުމަތްތައް ޤާއިމުކިރެވޭނެ ސަރަޙައްދަކުން." އެމްޑީ ފަޟުލް ވިދާޅުވިއެވެ.

ފަޟުލު ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ދިވެހި ދަޢުލަތަށް ގެއްލުންބޮޑުކޮށްކަމަށެވެ. އެގޮތުން ހިއްކާބިމުން ބޮޑު ބައެއް ގެއްލޭއިރު، 20 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ކުންފުންޏަށް ދައްކަންޖެހެއެވެ.

މި ސަރުކާރުގެ ބިޔަ ޕްރޮޖެކްޓް "ރަސްމާލެ"ގެ ބިން ހިއްކުމުގެ މަސައްކަތްވެސް ގެންދަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން، ސީއެމްސީއާއި ޙަވާލުކޮށްގެން ދައުލަތުން އެއްވެސް ފައިސާއެއް ކަރަދު ނުކޮށެވެ. މި މަޝްރޫޢުގެ ދަށުން 1093 ހެކްޓަރުގެ ބިން އެކުންފުނިން ހިއްކައެވެ.

މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ރާއްޖެއަށް އެންމެ ފައިދާ ބޮޑުވާނެގޮތަށް ބަލައިގެންކަމަށާއި، ސަރުކާރުން ޚަރަދު ނުކުރާގޮތަށް ހިއްކާ ބިމުގައި، މި ޕްރޮޖެކްޓަށް ބަދަލުގެ ގޮތުގައި އެކުންފުންނަށް ދޭން ކަނޑައަޅާފައިވަނީ 10 ހެކްޓަރުގެ ބިން ކަމަށާއި، ފައިސާގެ ގޮތުގައި އެއްވެސް ބަދަލެއް ސަރުކާރުން ނުދޭނެކަމަށް ފަޟުލް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ހިއްކަން ހަވާލުކުރި ބިމަށްވުރެ މާބޮޑު އަދި ބިޔަ ސަރަހައްދެއް މިސަރުކާރުން ހިއްކަނީ ދައުލަތުން އެއްވެސް ފައިސާއެއް ކަރަދުނުކޮށް އަދި ދިވެހި ދަޢުލަތަށް އެންމެ ފައިދާވާގޮތަށެވެ. ރަސްމާލެ ޕްރޮޖެކްތަކީ ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢަށް ފަހިވާގޮތަށް ހިންގާ ޕްރޮޖެކްޓެކެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގައި ވާގޮތަށް، ރަސްމާލޭގައި 65،000 ގެދޮރު ޔަގީންވާގޮތަށް، ތަރައްގީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު 30،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށްވެސް ޗައިނާއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. ބިން ހިއްކުމުގެ މަޝްރޫއު ނިމުމާއެކު ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ވަގުތުން ފެށޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު