8 ފެބުރުވަރީ 2025

"މުޅި ދައުލަތް ކޮންޓްރޯލްކޮށްގެންވެސް ކުރީ ސަރުކާރަށް ޙައްލު ނުކުރެވުނު ބޯހިޔާވަހިކަން"

މުޅި ދައުލަތް ކުރީ ސަރުކާރުން ކޮންޓްރޯލް ކުރިއިރުވެސް ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ނުދެވޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭގައި ރޭ ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަ ދައްކަވަމުންނެވެ.

ބޯހިޔާވަހިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި މުޅި ދައުލަތް ކުރީ ސަރުކާރުން ކޮންޓްރޯލް ކުރިއިރުވެސް ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ނުދެވެއެވެ. އަދި ރަނގަޅު ލޭންޑް ޔޫޒް ޕްލޭނެއް ނެތި ގޮޅި ޖަހައި ބިން ދޫކޮށްފައި ހުރިކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެމަސައްކަތްވެސް އޭރު ސަރުކާރުން ފެށީ ދައުރުގެ ފަހުކޮޅުގައިކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނަށް އެންމެ މުހިންމީ ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުން ކަމަށްވާތީ ވެރިކަމުގެ މި ފަސް އަހަރަށް ވަޢުދު ވެވަޑައިގަތީ ގޯތިގެދޮރުގެ މައްސަލަ ހައްލު ކުރުމަށެވެ. އަދި އެމައްސަލަ ހައްލުކުރަން ކުރީ ސަރުކާރުތަކާއި ޚިލާފަށް ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފަށްޓަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"މިދިޔަ ސަރުކާރުން އެކަން ކުރިގޮތަށް ނުކޮށް، އަދި ކުރީގައިވެސް އެކަން ކުރިގޮތަށް ނުކޮށް ދައުރު ނިމެން ދެތިން ދުވަހަށް ވީމައެއް ނޫން އަޅުގަނޑު މިކަން ހައްލުކުރަން ބޭނުންވީކީއެއް. ދައުރު ނިމޭއިރު އެންމެންނަށް ހައްލުވެފައި އޮންނަން އަޅުގަނޑު ބޭނުންވާތީ ފުރަތަމަ މަހު ފެއްޓީ. ފުރަތަމަ މަހު އެއޮތީ އިތުރު ބިމެއް ހިއްކަން ފަށާފައި. " ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ފުށިދިއްގަރުފަޅު ހިއްކަން ފަށާފައިފައިވަނީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ. އެގޮތުން ހުޅުމާލެއިން މިހާރު ހިއްކާ ބިމާއި، ގިރާވަރުފަޅުން ހިއްކާ ބިމާއި، ގުޅިފަޅުން ހިއްކާ ބިމުން ވަރަށް އަވަހަށް ގޯތި ދޫކުރަން ފަށްޓަވާނެކަމަށާއި، އަދި މިމަސައްކަތް ކުރުމަށް މިހާރު ގިރާވަރުފަޅާއި ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން ހަދައި ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ފެށި އެއް މަސައްކަތަކީ ފުށިދިއްގަރުފަޅު ހިއްކަން ފެށުންކަން ރައީސް ވިދާޅުވިއެވެ. އަދި އެމަސައްކަތް ފެއްޓެވީ ހުޅުމާލެއާއި، ގިރާވަރުފަޅު އަދި ގުޅިފަޅުން މާލެ ސަރަހައްދުގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ނުކުރެވޭނެކަމަށް ފެނިވަޑައިގަތުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ޤާނޫނުތައް ހެދުމަށް މަޖިލީހަށް ހުށައަޅުއްވާނެ ކަމަށާއި، ބަޖެޓު ކުރުމަށްވެސް ހުށައަޅުއްވާނެކަމަށާއި، ސަރުކާރުގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ ފަރާތްތައް މަޖިލީހުގައި ތިބެން ޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިއަހަރަށް ބަޖެޓުކޮށްފައިވާ ބޯހިޔާވަހިކަމުގެ މަސައްކަތްތަކުގެ ޢަމަލީ މަސައްކަތް ޖުލައި މަހުގެ ފަހުކޮޅު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު