Tuesday, 23 July 2024
ހިޔާ ސަރަޙައްދުގައި ބޭއްވި މަޖިލިސް ކެމްޕެއިން ޖަލްސާގެ ތެރެއިން، ފޮޓޯ: ފިޔަ

އަންނަ މަހުގެ 10ގެ ކުރިން، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ފައިބާ ނިމޭނެ: ރައީސް

ރާއްޖޭގައި ޤާއިމްވެފައި ތިބި ބޭރުގެ ހުރިހާ ސިފައިން އަންނަ މެއި މަހުގެ 10ގެ ކުރިން ރާއްޖެއިން ފައިބާ ނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެކަމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ، ދިވެހިރާއްޖެއަކީ ތާއަބަދަށް މިނިވަން ޤައުމެއްގެ ގޮތުގައި ބޭއްވުމުގެ ވަޢުދާއެކުކަމަށާއި އެކަމުގައި އެމަނިކުފާނު ދެމި ހުންނަވާނެކަމަށެވެ.

ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމަށް ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހު މަސައްކަތް ފެއްޓެވިގޮތަށް، ޑިޕްލޮމަސީގެ ރިވެތި ހަމަތަކުގެ ތެރެއިން މަސައްކަތް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

"އެކަންވެސް އިރާދަކުރެއްވީތީ ދެފަރާތުން އެއްބަސްވިގޮތަށް، ލިޔެކިއުމުގައި ސޮއިކުރެވިފައިވާ ގޮތަށް އެދަނީ ތަންފީޒުވަމުން މިމަހުގެ ތެރޭގައި ދެވަނަ ޕްލެޓްފޯމްގައި ތިބި ބޭރުގެ ސިފައިން ފައިބާނެ، 3 ވަނަ ޕްލެޓް ފޯމްގައި ތިބި ސިފައިން ދެން އަންނަ މަހުގެ 10ގެ ކުރިން ފައިބާނެ. އޭރުން ފައިބާ ނިމުނީ" ރައީސް ވިދާޅުވިއެވެ.

ދިވެހީންގެ ރާއްޖެ ބިނާކުރުމަށް ސަރުކާރުން ކުރައްވަމުންގެންދާ އެފަދަ އެތައް މަސައްކަތެއް ކުރުމުގައި ދިވެހިންގެ ވިސްނުން އިސްކުރާ، އަދި އެހެން ބައެއްގެ އެޖެންޑާ ދިވެހިރާއްޖޭގައި އިސްނުކުރާނެ ވިސްނުމުގެ މީހުން ރައްޔިތުންގެ މަޖިލީހަށް ގެންނަންޖެހެނީ އެފަދަ އެތައް ސަބަބުތަކައްޓަކައިކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދާއެއްގޮތަށް ރާއްޖޭގައި ޤައިމްވެތިބި ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގައި ޤާއިމުކޮށްފައިވާ 3 ޕްލެޓްފޯމެއްގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން ދިޔައެވެ.

ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތްކޮށް، ރަހުމަތްތެރި ޤައުމުތަކާއެކު ދިފައީ އަދި ސަލާމަތާއި ގުޅުންތައް ބަދަހިކުރައްވާނެ ކަމަށް މި ސަރުކާރުން ވިދާޅުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު