Tuesday, 18 June 2024
ހިޔާ ސަރަޙައްދުގައި ބޭއްވި މަޖިލިސް ކެމްޕެއިން ޖަލްސާގެ ތެރެއިން، ފޮޓޯ: ފިޔަ

500 އަަށްވުރެ ގިނަ މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ކުރިއަށް

527 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އޭގެ ތެރޭގައި ސަރުކާރު ބަދަލުވިއިރު އެކި ސަބަބުތަކާހުރެ ހުއްޓިފައިހުރި މަޝްރޫޢުތައް ހިމެނޭއެވެ.

ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީ ހިޔާ ސަރަހައްދުގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން، ރައީސް ޑރ. މުޢިއްޒު ވަނީ ކުރީ ސަރުކާރުން ފެށި ތަރައްޤީގެ މަޝްރޫޢުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ތުޙުމަތުތަކަށް ރައްދުދެއްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި ޢުމްރާނީ ތަރައްޤީގެ ރޮނގުން އެކި ދާއިރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފާސްހިސާބު ވަނީ ހިއްސާކުރައްވާފައެވެ.

މިދިޔަ ސަރުކާރު ނިމުނުއިރު ފެނާއި ނަރުދަމާގެ 27 މަޝްރޫޢަކާއި، ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ޚިމާޔަތްކުރުމުގެ 30 މަޝްރޫޢަކާއި، މަގުހެދުމުގެ 17 މަޝްރޫޢެއް އޮތީ ހުއްޓިފައިކަމަށެވެ. އަދި ކުޅިވަރު ވަޞީލަތްތައް ބިނާކުރުމުގެ 84 މަޝްރޫޢަކާއި، ތަޢުލީމީ ދާއިރާއާގުޅުންހުރި 90 މަޝްރޫޢެއްގެ އިތުރުން މިސްކިތްތައް ބިނާކުރުމުގެ 20 މަޝްރޫޢަކާއި، އެއަރޕޯޓުތައް ތަރައްޤީކުރުމުގެ 7 މަޝްރޫޢެއް އަދި 11 ރަށެއްގެ ބޯހިޔާވަހިކަމުގެ 220 މަޝްރޫޢެއްގެ މަސައްކަތްވެސް އޮތީ ހުއްޓިފައިކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

2023 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައިވެސް އެ މަސައްކަތްތައް ހުއްޓިފައި ހުރިކަން ފާހަގަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއީ މިދިޔަ ސަރުކާރުގެ ތެރޭގައި. އަޅުގަނޑުމެން އައިސް ސަބަބުތައް ބެލިއިރު ހުއްޓިފައިހުރީ އެ މަޝްރޫޢުތައް ހިންގި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ނުދީގެންކަން އެހުރީ ހިސާބުތަކުން ފެންނަން. 9000 މިލިއަން ރުފިޔާގެ ފައިސާ އެކިއެކި ކުންފުނިތަކަށް ދޭން ހުރި މިދިޔަ ސަރުކާރު ނިމުނުއިރު. އެ ފައިސާތައް ނުދީ ހުރީމަ ރަށްރަށުގެ މަސައްކަތްތައް ހުއްޓިފައި ހުރީ. އަޅުގަނޑުމެން އައިސް އެފަރާތްތަކަށް ފައިސާ ދޭން ފަށައިގެން މަސައްކަތްތައް އެހުރީ ފެށިފައި." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މި މަޝްރޫޢުތައް ހުއްޓެން މެދުވެރިވި ސަބަބުތަކުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލައްވާލައްވަމުން، ކުރީ ސަރުކާރުން މަޝްރޫޢުތައް އެވޯޑްކުރުމުގައި އެއްބަސްވުންތައް އެކުލަވާލުމުގައިވެސް ގޯސްތައް ހަދާފައިވާކަމަށާއި، ގިނަ މަޝްރޫޢުތަކަކީ މާބޮޑެތި ޕްލޭންތަކެއް ނެތި، ސިޔާސީ ބޭނުމަށް އެވޯޑްކޮށްފައި ހުރި މަޝްރޫޢުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ކުރީ ސަރުކާރުން ފައިސާ ނުދީގެން މިސް މެނޭޖްކޮށްގެން މަޝްރޫޢުތައް ހުއްޓިފައި ހުރި ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ކުރީ ސަރުކާރުން ޕާޓީގެ ބައެއް ބޭފުޅުންނަށް ފައިސާ ދޭންވެގެން ކުންފުނި ހަދާލާފައި، އެގްރީމެންޓް ހަދާލާނީ، އެޑްވާންސް ޕޭމަންޓް ދޫކޮށްލަނީ. ދެން އެ ކުންފުނި ފިލަނީ. އަނެއްކާ އަނެއް ކުންފުނި އަންނަނީ މަޝްރޫޢާއި ޙަވާލުވާން، އައިސް އެމީހުންނަށްވެސް އެޑްވާންސް ޕޭމަންޓްދެނީ. އެމީހުންވެސް ދަނީ. އެގޮތަށް ތިން ހަތަރު ފަހަރު ޙަވާލުކޮށްފައި ހުރި މަޝްރޫޢުތައް އެބަހުރި ރަށްރަށުގައި އަޅުގަނޑުމެން ވެރިކަމަށް ޙަވާލުވިއިރު." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް އެގޮތުގައި ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ރޭ ވެސް ވަނީ ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު