ކެލާ ފަޅުތެރޭގައި ރިސޯޓު ތަރައްޤީކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ކެލާ ކައުންސިލާއެކު ސޮއިކުރި އެއްބަސްވުމާއި ގުޅޭ ތަފްސީލްތައް ހިއްސާކުރައްވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދަޅުވީ މިއީ ދެފަރާތުން ގުޅިގެން މަޝްރޫޢު ކުރިއަށްގެންދިޔުމަށްވެފައިވާ އެއްބަސްވުމެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ވަރަށް އަވަހަށް ފެށޭނެކަމަށާއި، ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ސިންގަޕޫރު، ދުބާއި، ތައިލޭންޑު އަދި މެދުއިރުމަތީގެ ޤައުމުތަކުގައި އިންވެސްޓުމަންޓު ފޯރަމްތައް ބާއްވާނެ ކަމަށާއި، މި ފޯރަމްތަކުގައި މި މަޝްރޫޢުއަށް އިންވެސްޓަރުން ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އަމާޒަކީ މި ދައުރުގެތެރޭގައި ކެލާ ފަޅުތެރެއިން ބިން ހިއްކާ ރިސޯޓެއް ތަރައްޤީކޮށް، ފަތުރުވެރިކަމަށް ހުޅުވާލުން ކަމަށެވެ.
މިއަދު އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވާއިރު، މިދިޔަ ފެބްރުއަރީމަހު ކެލާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އެރަށުގެ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ. މުޢިއްޒު ކެލާއަށް ކުރެއްވި ދަތުރުފުޅުގައިވަނީ، ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމުން، އެރަށުގެ އިތުރުން، އެސަރަޙައްދުގެ އެހެން ރަށްރަށުގެ ޒުވާނުންނަށްވެސް ރަށް ކައިރީގައި ވަޒީފާ އަދާކޮށް އާމްދަނީ ހޯދޭނެ ފުރުޞަތު ފަހިވެގެންދާނެކަމަށެވެ.