29 އެޕްރީލް 2025
ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތު ކުރަނީ

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް ޢީދަށް ހުޅުވަނީ

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް ޢީދަށް ހުޅުވާލުމުގެ މަސައްކަތް ފަށައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މި މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްގެންކަމަށެވެ.

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން، އަޅާނުލުމުގެ ސަބަބުން ހަލާކުވެ ވަރަށް ބޮޑަށް ވީރާނާވެފައިކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް އެތަން އަލުން މަރާމާތުކޮށް، ކުޑަޢީދަށް ހުޅުވާލުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ފެންއަރުވާ ވަޑާން މަރާމަތުކޮށް ތަރައްޤީކުރާނީ ބައެއް ބަދަލުތައް ގެނެސް، ކުރިން ހުރި ވަރަށްވުރެ ފުރިހަމައަށް ކަމަށެވެ.

މިހާރު މަރާމާތު ކުރަމުންދާ، ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާމަކީ 2015 ވަނަ އަހަރު އޭރުގެ ސަރުކާރުން، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބިނާ ކުރި ތަނެކެވެ. މިއީ މިއުޒިކާ އެކުގައި ފެން އަރާގޮތަށް ފަރުމާކޮށްފައިވާ "މިއުޒިކަލް ފައުންޓެއިން" އެކެވެ. މިއީ ރާއްޖޭގެ ފުރަތަމަ މިއުޒިކަލް ފައުންޓެއިންވެސްމެއެވެ. މިއީ ކުޑަކުދިންނާ އާއްމުންގެވެސް ބޮޑު މަޤުބޫލުކަމެއް ލިބުނު ތަނެކެވެ. ނަމަވެސް އެއަށްފަހު މި ވޭތުވެދިޔަ އަހަރުތަކުގައި އެތަން އޮތީ ވަރަށް ބޮޑަށް ވިރާނާވެ ބޭނުން ނުކޮށެވެ. އަދި އެކަށީގެންވާ މަރާމާތެއް ކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު