ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރަށް އަޣުލަބިއްޔަތު ނުލިބޭ ހާލަތެއްގައި މަޝްރޫއުތައް އުނިކޮށް ޖެއްސުން ކުރާ މަންޒަރު ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ހުޅުމާލެ ހިޔާ ސަރަޙައްދުގައި ބޭއްވި ޕީއެންސީގެ މަޖިލިސް ކެމްޕެއިން އިވެންޓެއްގައެވެ.
ރައްޔިތުންނަށް ވި ވައުދުތައް ފުއްދުމުގައި އެހީ ނުވެ، މަޖިލިސް މެމްބަރުންގެ ނިޔަތް ހުރީ ސަރުކާރަށް އުނދަގޫކޮށް ޖެއްސުން ކުރުމަށް ވާނަަމަ އެއީ ގައުމަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއްކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ކުރިޔަށް އޮތް ފަސް އަހަރަށް އެކަން ދިގު ދެމިގެން ދާ ހާލަތެއްގައި ބަޖެޓަށް ވޯޓު ނުދިނުމާއި މުހިންމު މަޝްރޫއުތައް ބަޖެޓުން އުނިކުރާ މަންޒަރު ފެންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި އަހަރުގެ ބަޖެޓު ފާސްކޮށް ދިނުމުގައި ވެސް މެމްބަރުން ކުރީ ޖެއްސުންކަމަށާއި އެހެންކަމުން ކުރިޔަށް އޮތްތަނުގައި އެއަށް ވުރެ ގޯސްކޮށް އެ މަސައްކަތް ކުރުން އެކަށީގެންވާ ކަމަށެވެ.
ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެހެން އިދާރާތަކުގެ އެއްބާރުލުން ވެސް ބޭނުންވާނެކަމަށާއި އުންމީދަކީ ރައްޔިތުން މަޖިލިސް އިންތިހާބު ސަރުކާރަށް ކާމިޔާބުކޮށް ދީ ގިނަ ގޮނޑި ހޯދައިދިނުންކަމުގައި ރައީސް ވިދާޅުވި އެވެ.