Thursday, 20 June 2024

މާލޭ ސަރަޙައްދުގައި މިފަހަރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި 4 މައިދާނެއްގައި އޮންނާނެ

1445 ވަނަ އަހަރު މާލޭ ސަރަޙައްދުގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި 4 މައިދާނެއްގައި ކުރާގޮތަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މޫސުން ތަން ދޭނަމަ، މާލެ، ވިލިމާލެ އަދި ހުޅުމާލޭ ފޭސް އެކަކާއި ދޭއްގައި ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދުކުރުން އޮންނާނެކަމަށެވެ.

މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމްގައެވެ. ވިލިމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނީ ބޯޅަދަނޑުގައެވެ. ހުޅުމާލޭ ފޭސް 1 ގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން ސިންތެޓިކް ޓްރެކް ސަރަޙައްދުގައި އަދި ފޭސް 2 ގައި ކްރިކެޓް ސްޓޭޑިއަމް ސަރަޙައްދުގައި އޮންނާނެއެވެ.

މާލޭ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ކަނޑައަޅާފައިވާ 4 މައިދާނުގެ އިތުރުން، މި ސަރަހައްދުގެ 22 މިސްކިތެއްގައިވެސް ޢީދު ނަމާދުކުރާގޮތަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ކަނޑައަޅުއްވާފައެވެ.

އަދި މޫސުން ތަންނުދިނުމުގެ ސަބަބުން މައިދާންތަކުގައި ކުރަން ހަމަޖެހިފައިވާ ބޮޑު ޖަމާޢަތުގެ ޢީދު ނަމާދު ކެންސަލްކުރަން ޖެހިއްޖެނަމަ، މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޢީދު ނަމާދުކުރާގޮތަށްވެސް އެ ވުޒާރާއިން ވަނީ ނިންމަވާފައެވެ.

އެހެން އަހަރުތަކާ ޚިލާފަށް ރާއްޖޭގައި ޢީދު ނަމާދުކުރަން ފަށާ ގަޑިއަށް މިއަހަރު ސަރުކާރުން ވަނީ ބަދަލުގެންނަވާފައެވެ. އެގޮތުން މީގެކުރިން އާއްމުކޮށް ހެނދުނު 7:30 ޢީދު ނަމާދުކުރަން ފެށިނަމަވެސް، އެ ގަޑި 7:00 މިހާރު ވަނީ އަވަސްކޮށްފައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނެރުއްވި ޤަރާރުގައި ޢީދު ނަމާދުކުރާ ގަޑިއަށް ބަދަލުގެންނެވީ އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީކަމަށް ވިދާޅުވެފައިވެއެވެ.

ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އެފަރާތްތަކަށް އުފުލަން ޖެހޭތީކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޤަރާރުގައިވެއެވެ.

ޢީދު ނަމާދު ހުޅުވިފައިވާ ސަރަޙައްދެއްގައި ބޮޑު ޖަމާޢަތެއްގައި ކުރުމަކީ ސުންނަތެކެވެ.

ކަލަންޑަރުގައިވާގޮތުން މި އަހަރުގެ ފިޠުރު ޢީދު ދިމާވަނީ މިމަހުގެ 10 ވާ ބުދަ ދުވަހަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު