Saturday, 22 June 2024

ހިޔާ ފްލެޓް ލިބި، ކުރީ ސަރުކާރުން އެ ފުލެޓްތައް އަތުލި މީހުންނަށް ފުލެޓް ލިބޭނެ: ރައީސް

ސަރުކާރުގެ ފުރަތަމަ ސޯޝަލް ހައުސިންގ މަޝްރޫޢުގެ ތެރެއިން ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބޭ މީހުންނަށް ފްލެޓް ހަމަޖައްސައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓް ލިބޭނެކަމުގެ ލިޔުން މީގެ ކުރީން ލިބިފައިވާ ފަރާތްތަކަށް ފްލެޓް ދެއްވުމާއި ގުޅޭގޮތުން "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން މާލެ ސިޓީ، ދަފްތަރު 12152، މުޙައްމަދު ސަލީމް ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓް ދާއިމީ ލިސްޓުގައި ހިމެނި، މިދިޔަ ސަރުކާރުން ފްލެޓް ނުދީ ތިބި ރައްޔިތުންނަށް، މި ސަރުކާރުން ފްލެޓް ދޭނެކަމަށް ވަޢުދުވެފައިވާއިރު، އެ ފަރާތްތަކަށް ފްލެޓު ދޭނީ ކޮންއިރަކުންތޯ ސުވާލުކޮށްފައެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމަށް އޭނާ ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބޭ މީހުންނަށް މި ސަރުކާރުން ފަށާ ފުރަތަމަ ސޯޝަލް ހައުސިން މަޝްރޫޢުގެ ތެރެއިން ފްލެޓް ލިބޭނެކަމަށެވެ.

އަދި މި އަހަރުތެރޭވެސް ހައުސިން އައު މަޝްރޫޢުތައް ފެށުމަށް ނިންމާފައިވާ ކަމަށާއި، މި މަޝްރޫޢުތަކުގެ ތެރެއިން އެ މައްސަލަ ހައްލުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެފަރާތްތަކަށް ފްލެޓު ދޭނެ ކަމަށް ވާނީ ވަޢުދުވެފައި، މި ވަޢުދު ފުއްދާނަން، ވީހާވެސް އަވަހަކަށް، މި އަހަރުތެރޭވެސް އައު މަޝްރޫޢުތައް ފެށިގެންދާނެ، ހުޅުމާލެ ގުޅީފަޅު އަދި ގިރާވަރުފަޅުގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައި، މި މަޝްރޫޢުތަކާއި އެކު ހައްލު ވާނެ،" ރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ވަނީ ހިޔާ ފްލެޓް ލިބުނު ބައެއް މީހުންނަކީ ޝަރުތު ހަމަނުވާ މީހުންކަމަށް ކަނޑައަޅައި، އެ މީހުންނަށް ލިބިފައިވާ ފްލެޓްތައް އަތުލާފައެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުޢިއްޒު ވަނީ ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު، ނަމަވެސް ފްލެޓް ނުލިބުނު މީހުންނަށް އެމަނިކުފާނުގެ ވެރިކަމުގައި ފްލެޓް ދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު