Wednesday, 19 June 2024

ސަރުކާރުން މަޝްރޫއުތައް ހުއްޓާލާ ކަމަށް ބުނުމަކީ ސިޔާސަތާއި ދިމާ އިދިކޮޅު ކަމެއް: ރައީސް

މި ސަރުކާރުން މަޝްރޫއުތައް ހުއްޓާލާކަމަށް ބުނުމަކީ ސަރުކާރުގެ ވިސްނުމާއި ސިޔާސަތާއި ދިމާ އިދިކޮޅު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި، އާމިނަތު ނަޒީރާ، ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ސުވާލަކީ ކުރީން ހިންގަމުން އައި މަޝްރޫޢުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ވާދަވެރި ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅޭގޮތުންނެވެ.

އޭނާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މިއީ އެމަނިކުފާނާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ފަތުރާ ހަޤީގަތާ ޚިލާފު ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑު އެއްވާހަކަ ކަމަށެވެ.

އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު އެ ފާހަގަކުރާ ޕްރޮޖެކްޓްތައް އޭރުގެ ސަރުކާރުގެ ދުވަސްވަރުވެސް ހުރީ ހުއްޓިފައިކަމަށް ރައީސް ވިދާޅުވިއެވެ. މިކަންކަމަށް އެ ރަށްރަށުގެ ރައްޔިތުން ހެކިވެވަޑައިގަންނަވާނެކަމަށާއި، ރިޔާސީ ކެންޕޭން ތެރޭގައި އެކި ރަށްރަށައް ވަޑައިގެންނެވިއިރު ކޮންމެ ރަށެއްގައި ކަހަލަގޮތަކަށް މަޝްރޫއުތައް ހުރީ ހުއްޓިފައިކަމަށް ރައީސް ވިދާޅުވިއެވެ.

"މަދު މަޝްރޫއެއް ނޫނިއްޔާ ގިނަ މަޝްރޫއުތައް ހުރީ އެކި ސަބަބުތަކާއި ހެދި ހުއްޓިފައި. އަޅުގަނޑަށް ފެނުނު ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސްރޫއުގެ ހޮޅިތައް މަގުމަތީގައި، މަސައްކަތް ކުރާނެ މީހަކު ނެތް. މަގުހަދަން ފަށާފައި މީހެއްގެ ހިލަމެއް ނެތް. ބަނދަރުތަކުގެ މައްސަލަ ސްކޫލްތަކުގެ އިމާރާތްތައް ފަށާފައި އޮނިގަނޑުން ކޮންމެވެސް ވަރެއް ނިންމާލާފައި އަހާލީމަ މީގެ 2 އަހަރު ކުރިން ހުއްޓިފައި ކަމަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެއިރު ކަންކުރި ގޮތަކީ ތިން ހަތަރު ފަހަރު މިގޮތަށް ހުއްޓިފައި ހުރި މަޝްރޫއުތައް އެކި ފަރާތްތަކަށް ހަވާލުކުރުންކަމަށެވެ. އަދި އެތައް ބަޔަކަށް ފައިސާ ނުދީ ހުރިކަމަށާއި، އޭގެ ސަބަބުން ކުންފުނިތަކަށް މަސައްކަތް ކުރިއަށްގެންދިއުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ. އެގޮތައް ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށައިގަތީ މި ސަރުކާރުން ވެރިކަމަށް އައުމަށްފަހުގައިކަމަށް ރައީސް ވިދާޅުވިއެވެ. ހުއްޓިފައިވާ ވަރަށް ގިނަ މަޝްރޫއުތައް މިހާރު ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން އައިއްސް މަސައްކަތް ފެއްޓުވީ އެކަމަކު ވާހަކަ ދައްކަނީ ތިމަންނަމެންގެ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތައް ހުއްޓާލީއޭ. މިއީ ރައްޔިތުން ސަމާލުވަންޖެހޭ ދޮގު ހަދާ ގޮތަކީ އެބޭފުޅުން. މިގޮތައް ކަންކަމުގެ ހަޤީގަތް އޮޅުވާލަމުން މިދަނީ އެބޭފުޅުން. އަޅުގަނޑުމެންނަކީ ތަރައްޤީގެ މީހުން."

ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވަވަޑައިގަތީ ރައްޔިތުންނަށް ތަރައްޤީ ގެނެސްދީ ނަތީޖާ ނެރެދޭންކަމަށެވެ. ހުރިހައި ސަމާލުކަމެއް އޮތީ ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުމަށްކަމަށާއި އެހެންކަމުން އަދުގެ ސަރުކާރުން މަޝްރޫއުތައް ހުއްޓާލާކަމަށް ބުނުމަކީ މި ސަރުކާރުގެ ސިޔާސަތާއި ވިސްނުމާއި ފިކުރާއި ދިމާ އިދިކޮޅަށް ދައްކާ ވާހަކައެއްކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރު ބަދަލުވިއިރު އެކި ސަބަބުތަކާހުރެ ހުއްޓިފައިހުރި މަޝްރޫޢުތައް ހިމެނޭހެން 527 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަމަށް ވިދާޅުވެ، އެމަޝްރޫޢުތަކުގެ ތަފާސްހިސާބު ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު