މާލެ ސަރަހައްދުން ކުނި އުކާލަދޭ އާންމު މީހުންގެ އުޅަނދުތަކުން ނަގާ ފީ އަނެއްކާވެސް ކުޑަކޮށްފިއެވެ.
މާލެ، ވިިލިމާލެ އަދި ހުޅުމާލެއިން ކުނި އުކާލާ އާންމު މީހުންގެ އުޅަނދުތަކުން ނަގާ ފީ މިދިޔަ މާޗު މަހުވެސް ވަނީ ކުޑަކޮށްފައެވެ.
ކުނި ގެންދާ އާއްމު އުޅަނދުގެ ޓަނަކަށް ނަގަމުން އައި 1،060 ރުފިޔާގެ ބަދަލުގައި 750 ރުފިޔާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އުޅަނދުތަައް ވަންނަ ކޮންމެ ފަހަރަކު 150 ރުފިޔާ އަށް ވަނީ ކުޑަކޮށްފައެވެ.
ވެމްކޯއިން އިއްޔެ ކުރި އިއުލާނުގައި ވަނީ އާންމު މީހުންގެ އުޅަނދުތަކަށް ނަގާ ފީ އަންނަ ހޯމަދުވަހުން ފެށިގެން އަނެއްކާވެސް ކުޑަކުރަން ނިންމާފައިވާކަމަށެވެ.
އާންމުންގެ އުޅަނދުތަކުން ހޯމަ ދުވަހުން ފެށިގެން ނަގަމުންދާނީ ކިލޯއަކަށް 50 ލާރީގެ މަގުންނެވެ. އެއީ އާންމުންނާއި، އަމިއްލަ ކުންފުނިތަކުން ގެންދާ ދުވަހު ކުނި، ބޮޑެތި ކުނި، ސީއެންޑީއެވެ.
ހުރިހާ ބާވަތެއްގެ ކުންޏަށް ސަރުކާރު އޮފީސް އަދި ސަރުކާރު ކުންފުނިތަކުން ނަގަމުންދާނީ ކިލޯއަކަށް 2.66 ރުފިޔާއެވެ. އަދި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ ކޮންމެ އުޅަނދަކުން ހިދުމަތުގެ އަގުގެ ގޮތުގައި މިހާރެކޭ ވެސް އެއްގޮތަށް ކުނި އުކަން ވަންނަ ކޮންމެ ފަހަރަކަށް 150 ރުފިޔާ ނަގާނެ ކަމަށް ވެމްކޯއިން ވިދާޅުވެއެވެ.
އަގަށް ގެންނަ އެ ބަދަލާ އެކު ހަމަހަމަ އުސޫލަކުން މިނެކިރުމަށް، މާލޭގެ ހުރިހާ ސަރަހައްދެއްގައި މިނެ ކިރާނެ ނިޒާމު ގާއިމްކުރެވެންދެން ކުނީގެ ބަރުދަން ބަލާނީ ކުނި ގެންނަ އުޅަނދު ރަޖިސްޓްރީގައި އުފުލާ ބަރުދަނަށް ބިނާކޮށް ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
ރޯދަމަހާ ދިމާކޮށް މާލޭ ސަރަހައްދުގެ މަގުތަކަށް ކުނި ޖަމާކުރުމުގެ މައްސަލަތައް ބޮޑުވެ، މިދިޔަ މަހުގެ 10 ވަނަ ދުވަހު އެފަދަ ކުނި އުކާލަން ދާ އާންމުންނަށް ހިލޭ ކުނި އުކާލެވޭނެ އިންތިޒާމު ވެމްކޯއިން ވަނީހަމަޖައްސާފައެވެ. ނަމަވެސް، ވިޔަފާރިތަކުން ގެންދާ ކުނި އުކާލަން ކުނީގެ ބަރުދަނަށް ބަލައި ކިލޯއަކަށް 75 ލާރީގެ ފީއެއް ނަގާނެކަން އޭރު ވެމްކޯއިން އެންގިއެވެ.