Saturday, 15 June 2024

ކްރިޓިކަލް ހާލަތުގައި އޮތް ހަތަރު ރަށަކަށް ޖަނަރޭޓަރު ފޮނުވައިފި

މިހާރުން މިހާރަށްވެސް ހިދުމަތް ރަނގަޅު ކުރުމަށް ފާހަގަ ކުރެވިފައިވާ ކްރިޓިކަލް ރަށްތަކުގެ ތެރެއިން 4 ރަށަކަށް ޖަނަރޭޓަރު މިހާރު ފޮނުވާފައިވާނެކަމަށް ފެނަކަ ކުންފުނިން ހާމަކުރައްވައިފިއެވެ.

އެކުންފުނިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މ. މުލިއަށް 600 ކިލޯވޯޓު , ނ. ހޮޅުދޫއަށް 800 ކިލޯވޯޓު, ތ. ގުރައިދޫއަށް 800 ކިލޯވޯޓު, ތ. ތިމަރަފުށްޓަށް 800 ކިލޯވޯޓުގެ ޖަނަރޭޓަރު ފޮނުވާފައިވާ ކަމަށެވެ. އަދި މިހާރު ތ. ގުރައިދޫއަށް ޖަނަރޭޓަރު ލިބި ލޯޑަށް ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށް ފެނަކައިން ބުނެފައިވެއެވެ.

ބާކީ ހުރި މިފަދަ ރަށްތަކަށް ވެސް ޖަނަރޭޓަރުތައް ފޮނުވުމުގެ މަސައްކަތް ކުރެވެމުންދާކަން ފެނަކައިން ވިދާޅުވެއެވެ.

ފެނަކައިން މި ޖަނަރޭޓަރުތައް ރަށްރަށަށް ފޮނުވާއިރު، ރާއްޖޭގެ އެކި ރަށްރަށުގައި ކަރަންޓުގެ މައްސަލަތައް ކުރިމަތިވަމުން އަންނާތީ، "ރައީސްގެ ޖަވާބު" ޕްލެޓްފޯމުގައި އާންމުންގެ މީހަކު އެކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފެނަކަ ކުންފުނި ކޮޅަށް ޖެހުމުގެ މަސައްކަތާއެކު، އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށެވެ.

ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާ ބައެއް ރަށްރަށަށް މިހާރު ވެސް ހައްލު ހޯދައިދީފައިވާކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފެނަކައިގެ ހާލަތު ރަނގަޅުވަމުން އަންނަތަން ފެންނާނެ ކަމަށް ރައީސް ވިދާޅުވިއިރު، ރަށްރަށުގައި ދިމާވާ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން ވެސް ރައީސްގެ ވާހަކަފުޅުގައި ދެއްވިއެވެ.

ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައު ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ފެނަކަ ކުންފުނިން އަތޮޅުތެރޭގައި ހިންގާ ބްރާންޗްތަކުގެ ހާލަތު ވަނީ ބޮއްސުންލާފައި ކަމަށެވެ.

ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ބޮޑު އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައި އޮތީ ހަމައެކަނި ފެނަކަ ކުންފުނި ނޫންކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެ ކުންފުނީގެ ބްރާންޗުތަކުގެ ހާލަތު ވެސް ހުރީ ވަރަށް ދަށްކޮށް ކަމަށެވެ. ގިނަ އާލާތްތަކެއް މެއިންޓެއިން ނުކޮށް ހުރުމުގެ ސަބަބުން އެ ތަކެތި ވެސް ހަލާކުވެފައި ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު