މާލޭގައި ޓެކްސީ ޑްރައިވަރުން އެކި އަގުތައް ނަގަމުން އަންނާތީ އެކަން ރިޕޯޓު ކުރެވޭ ގޮތް ޓްރާންސްޕޯޓް މިނިސްޓްރީން ހަދައިފިއެވެ.
މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރު ކުރުމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބެމުންދާތީ އެކަމަކީ މަނާ ކަމެއް ކަމަށެވެ. އަދި ދަތުރު ކުރަން ބޭނުންވާ މަންޒިލެއްގެ ސަބަބުން ދަތުރު ކުރަން އުޒުރުވެރިވުމަކީ ވެސް މަނާ ކަމެއް ކަމުގައި އެ ޕޯސްޓުގައިވެއެވެ.
ސަރުކާރުން ކަނޑަ އަޅާފައިވާ އަގު ތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރު ކުރުމުގެ ޝަކުވާ މި ވުޒާރާއަށް ލިބެމުންދާތީ އެކަމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. pic.twitter.com/Zj7PxbYG9N
— Ministry of Transport and Civil Aviation (@MoTCAmv) April 9, 2024
މިފަދަ މައްސަލަތައް ކިއު އާރު ކޯޑު މެދުވެރިކޮށް ސްކޭން ކުރެވޭނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯސްޓުގައިވެއެވެ.
ޓެކްސީތަކަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަކީ މާލެ އިން ހުޅުމާލެ ދެވަނަ ފިޔަވައްސަށް 100ރ. އާއި މާލެ އިން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް 85ރ. އާއި މާލެ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 70ރ. އާއި ހުޅުމާލެ ފުރަތަމަ ފިޔަވަހިން އެއާޕޯޓަށް 80ރ. އާއި ހުޅުމާލެ ދެވަނަ ފިޔަވަހިން އެއާޕޯޓަށް 85ރ. އެވެ.