1445 ވަނަ އަހަރު، މާލޭގައި ބޮޑު ޖަމާޢަތުގައި ކުރެވުނު ޢީދު ނަމާދުގެ ތެރެއިން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިޔަތެއް: ހުކުރު ޚުޠުބާ

އެންމެ ތުއްތުއިރުން ފެށިގެން ދަރިން، ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިޔަތެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ދަރީން ނަމާދަށް އަހުލުވެރިކުރުވުން" މި މައުޟޫޢުގެ މައްޗަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާގައި ވިދާޅުވީ، މިޤައުމަށް މިއަދު މިވަނީ، ހެޔޮ ލަފާ މުޖްތަމަޢެއް ބިނާކުރުމަށާއި، ތަރައްޤީއާއި ތަހުޒީބުގެ އާ އުސްމިންތަކަކަށް ވާޞިލުވުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމުގައެވެ. މި މަސައްކަތްތައް ކާމިޔާބުވާނީ ހެދިބޮޑުވަމުން އަންނަ ޒުވާނުންނަކީ ހެޔޮލަފާ ޖީލަކަށް ހެދިގެން ކަމުގައެވެ.

ޚުޠުބާގައި ވިދާޅުވީ، ކޮންމެ މަންމައަކާއި ބައްޕައަކުވެސް އަމާނާތެއްގެ ގޮތުގައި، އެދެމީހުންނާ الله سُبْحَانَهُ وَتَعَالَى ޙަވާލު ކުރައްވާފައިވާ ދަރީންނާމެދު ޒިންމާދާރު ބަޔަކަށް ވާންޖެހޭ ކަމަށާއި، އެ ދަރިންނަށް އިސްލާމީ ތަރުބިޔަތުން ތަރުބިޔަތު ލިއްބައިދީ އެކަމުގައި ނަމޫނާ ދައްކަން ޖެހޭ ކަމަށާއި، މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަނޑު ޝަރުޠަކީ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ޤަބޫލުކޮށް، ބަހާއި ޢަމަލުން ކިޔަމަންތެރިކަން އަދާކުރުން ކަމުގައެވެ.

"އެއަށްފަހު، ދެން އެންމެ އިސްކަމެއް ދޭން ޖެހެނީ ނަމާދަށެވެ. ނަމާދަކީ ދީނުގެ ތަނބު ކަމުގައިވީ ހިނދު، ނަމާދަކީ އަހަރެމެން ކޮންމެ މުސްލިމަކުމެ އަދާކުރުން ވާޖިބު އަޅުކަމެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

އެންމެ ތުއްތުއިރުން ފެށިގެން ދަރިން، ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިޔަތެއް ކަން ފާހަގަކުރައްވަމުން އެންމެ ތުއްތު އިރުން ފެށިގެން ގޭތެރޭގައި ނަމާދުކުރާ މަންޒަރު ކުއްޖާއަށް ފެނުމަކީ ނަމާދު ކުރުމަށް އާދަވާނެކަމެއް ކަމަށާއި، އެންމެ ފުރަތަމަ ނަމާދުގެ ޙަރަކާތްތައް ކުއްޖާ ދަސްކުރާނެ ކަމަށާއި، އޭގެ ފަހުން ބަސްމޮށުންތެރިކަން އައުމުން ނަމާދުގައި ކިޔާ ދުޢާތައް ކިޔަން މަސައްކަތް ކުރާނެ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން ދަރިފުޅާ އަވަހަށް ނަމާދަށް ދާށޭ ބުނުމުގެ ބަދަލުގައި، ދަރިފުޅާ ނަމާދު ކުރަން ހިނގާށޭ ބުނަން ޖެހެއެވެ.  އަދި ނަމާދު ވަގުތު ޖެހުމުން، އެންމެ އިސްކަމެއް ދޭން ޖެހޭ ކަމަކީ، ނަމާދު ކުރުން ކަމުގައި ހަދަން ޖެހެއެވެ. ދަރިންގެ ހިތުގައި މިސްކިތަށް ލޯބި ޖެއްސުމާއި، ނަމާދަށް ޝައުޤުވެރި ކުރުވުމަކީ އެންމެންގެ ޒިންމާއެކެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

ކުޑަކުދިން މިސްކިތަށް އަހުލުވެރި ކުރުވުމުގައި ބެލެނިވެރިންގެ ސަމާލުކަން ނުހަނު ބޭނުންވާނެ ކަން ފާހަގަކުރައްވަމުން، މިސްކިތުގެ އަދަބުތައް އެކުދިންނަށް ދަސްކޮށްދިނުމާއި، ސަފުގައި ހުއްޓި ހުންނަންވާ ގޮތް އެކުދިންނަށް ކިޔައިދިނުމަކީ، މިސްކިތުގެ ޖަމާޢަތަށް ޙާޟިރުވާ ބޮޑެތި މީހުންގެ ފަރާތުން ލިބިދޭން ޖެހޭ އިރުޝާދެެއް ކަމަށާއި، މިސްކިތަކީ ބިންމަތީގައިވާ މާތް اﷲ ގެ ގެކޮޅުކަން ދަރިންނަށް ކިޔައިދީ މިސްކިތުގެ ސާފުތާހިރުކަމާއި މިސްކިތުގައި ކުރެވޭނެ ކަންތައްތަކާއި ކޮށްގެންނުވާނެ ކަންކަން ބެލެނިވެރިން ދަރިންނަށް ކިޔައިދޭން ޖެހޭނެ ކަމުގައި ޚުޠުބާގައި އަލިއަޅުއްވާލެއްވިއެވެ.

"ނަމާދަށް އަހުލުވެރި ބަޔަކަށް ހެދުމަށް ޢަމަލީ ގޮތުން ކުރެވޭ މަސައްކަތްތަކުގެ އިތުރަށް، ދަރިންނަށްޓަކައި ހެޔޮ ދުޢާކުރުމަކީ ވެސް، ކުރަން ޖެހޭނެކަމެކެވެ. އަދި މިފަދަ ދުޢާތައް ދަރިންނަށް ކިޔައިދިނުމަކީ، އެ ކުދިންގެ ހިތްތަކުގައި ނަމާދަށް އޮންނަ ޝައުޤުވެރިކަން އިތުރުވާނެ ކަމެކެވެ." ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ޚުޠުބާގައި ވިދާޅުވި ގޮތުގައި، ނަމާދަކީ ތިމާ ކުރަން ޖެހޭ އެހެން ހުރިހާ ކަމެއް ނިމުމުން، ކުރަން ޖެހޭ ކަމެއް ކަމުގައި އިޙުސާސްކުރެވޭ ގޮތަށް ދަރިންނަށް މަގު ދެއްކައިގެން ނުވާނެއެވެ. ބަރާބަރަށް ނަމާދު އަދާކުރުމަކީ، މީހާގެ ޢަމަލުތައް ސީދާވުމަށް ލާޒިމުކަމެއް ކަމަށް، ނަބަވީ ސުންނަތުގެ މިސާލުތަކުން ސާބިތުވެއެވެ.

"ލޮބުވެތި މުދައްރިސުންނޭވެ! ތިޔައީ އަހަރެމެންގެ ދަރިންގެ ދެވަނަ މައިންބަފައިންނެވެ. ދަރިންނަށް ޢިލްމު އުނގަންނައިދިނުމުގެ ޛިންމާ އަދާކުރާ ފަރާތްތަކެވެ. ތިޔަ މުދައްރިސުން އެ ކުދިންނަށް އުނގަންނައިދޭ ފިލާވަޅުތަކަކީ ހަމައެކަނި ކިޔަވައިދޭ އެއްޗެއް ކަމުގައި ނުހަދާށެވެ! އެ ކުދިންނަށް ރިވެތި ނަމޫނާ ދައްކައިދޭ  ބަޔަކަށް ވާށެވެ! ނަމާދު ކުރުމުގެ މުހިއްމުކަން ކުދިންނަށް ކިޔައިދޭއިރު މުދައްރިސުންގެ ފަރާތުން އެ ނަމޫނާ ފެނުމަކީ ކުދިންވެސް ނަމާދުތަކަށް ފަރުވާތެރި ވާނެ ސަބަބެކެވެ." މުދައްރިސުންނަށް އިރުޝާދު ދެއްވަމުން ޚުޠުބާގައި ވިދާޅުވިއެވެ.

ނަމާދަކީ ޢުމުރުން ދުވަސްވީ މީހުންނާއި ބަލިތަންމަތީގައި އޮންނަ މީހާއާއި ދަތުރެއްމަތީ އުޅޭ މީހާއާއި ހަނގުރާމައިގެ ޙާލަތުގައި ހަނގުރާމައިގެ މައިދާނުގައި ހުންނަ މީހާވެސް ކުރަން އަންގަވާފައިވާ އަޅުކަމެއް ކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު