Friday, 11 October 2024

މަނަދޫ، ކެނދިކުޅުދޫ އަދި އަލިފުށީ މަގުހެދުމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ފޮނުވައިފި

ނ. މަނަދޫ، ނ. ކެނދިކުޅުދޫ އަދި ރ. އަލިފުށީގެ މަގުތައް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެ 3 ރަށަށް ފޮނުވައިފިއެވެ.

މި 3 ރަށުގެ މަގު ހެދުމުގެ މަސައްކަތްވެސް ކުރިއަށްގެންދަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީންނެވެ.

މިކަމާ ގުޅޭގޮތުން އާރް.ޑީ.ސީން ވިދާޅުވީ މި 3 ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އަދި މަސައްކަތު ސައިޓް ހެދުމަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށެވެ.

ނ. މަނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން 4.2 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމާއި މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުން ހިމެނެވެ. މި މަޝްރޫޢަކީ 75.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ނ. ކެނދިކުޅުދޫ މަގުތައް ހެދުމުގެ މަޝްރޫޢުގައި ރަށުގެ 3.7 ކިލޯމީޓަރުގެ މަގު ތާރުއަޅާ ތަރައްޤީކުރާނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 90.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

މީގެ އިތުުރުން، ރ. އަލިފުށީގެ މަގުހެދުމުގެ މަޝްރޫޢު ފެށުމަށްވެސް އާރް.ޑީ.ސީން ވަނީ ތައްޔާރުވެފައެވެ. މި މަޝްރޫޢުގެ ދަށުން އަލިފުށީގެ 8.3 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގައިވެސް މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކޮށް، މަގުތަކުގައި މަގުބައްތިޖެހުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަށް 90 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ.

މި 3 ރަށުގެ މަގު ހެދުމުގެ މަސައްކަތަކީ މިދިޔަ އަހަރު ޙަވާލުކޮށްފައިވާ މަޝްރޫޢުތަކެއް ކަމުގައި ވިޔަސް މި މަސައްކަތް ފެށިފައެއް ނުވެއެވެ.

މި ސަރުކާރުން ރާއްޖޭގެ ސިޓީތަކުގެ ހުރިހާ މަގުތައް ތަރައްޤީކުރުމަށް ނިންމަވާފައިވެއެވެ. އެހެން ރަށްތަކުގައި އާއްމުކޮށް ބޭނުންކުރާ ބޮޑެތި ހުރިހާ މަގުތައް ތަރައްޤީކުރުމަށް ނިންމާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު