އިންޑިއާއާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިންގެ ދެވަނަ ބެޗު މިހާރު ފޮނުވާލާފައިވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިޚާބުގެ ކެމްޕެއިނަށް ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ސިފައިން ބޭލުމުގެ މަސައްކަތް ހިނގަމުން އަންނަކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވިއިރު، މި މަހު 10 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިންގެ ދެވަނަ ބެޗު ރާއްޖެއިން ފޮނުވާލާނެކަން މީގެ ކުރިންވެސް ސަރުކާރުން އޮތީ އިއުލާންކޮށްފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ދެވަނަ ބެޗު މި މަހު ނުވަވަނަ ދުވަހު ރާއްޖެއިން ފައިބައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ މަސައްކަތް ގޮސްފައިވާ ހިސާބަކީ ދެފަރާތުން އެއްބަސްވެވި ޓައިމް ޓޭބަލެއް، ތިން ބެޗަށް، ތިން ޕްލެޓްފޯމްގައި ތިބި ސިފައިން ފައިބާ ގޮތަށް، ފުރަތަމަ ޓީމް ފައިބާފައި، މިހާރު 9 އޭޕްރިލްގައި ދެވަނަ ޕްލެޓްފޯމްގެ ސިފައިން ފައިބާފައި ވަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާއެކު އައްޑޫ ސިޓީގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރާއެކު އެސިޓީގައި ތިބި އިންޑިއާ ސިފައިން (އިންޑިއާ ސިފައިންގެ ފުރަތަަމަ ބެޗު) ރާއްޖެއިން ފޮނުވާލީ މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު ދުއްވަން އައްޑޫ ސިޓީ ގަމުގައި ތިބި 26 ސިފައިންނެވެ.
އަދި ބާކީ ތިބި އިންޑިއާ ސިފައިން އަންނަ މެއި މަހުގެ 10 ގެ ކުރިން ރާއްޖެއިން ފޭބުމަށް ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި އެއްބަސްވެފައެވެ.