"ބޮއް" ދައްކާ ވާހަކަ އިންސާނުންނަށް އަޑު ނީވުނު ކަމުގައިވިޔަސް، ބޮއް ދައްކާ ވާހަކަ، އެހެން ބައެއް ޖަނަވާރުންނަށް އަޑުއިވެނީ އެ ޖަނަވާރުންގެ ކަންފަތް ބީރުވާ ވަރަށް ކަމަށް ސައިންސްވެރިން ހޯދައިފިއެވެ.
އެމެޒޯނިއާގެ ޖަންގަލީގައި ބޮކާބެހޭ ދިރާސާއެއް ކުރަމުން ދިޔައިރު، ބްރެޒިލްގެ ސައިންސްވެރިންނަށް އާދަޔާ ޚިލާފު ކަމެއް ފާހަގަ ކުރެވުނެވެ.
ފެންގަނޑުގައި ކުދި ބޮއްތައް އަނގަ ފުޅާކޮށް ހަދަމުން ދިޔަކަން ސައިންސްވެރިންނަށް ފާހަގަކުރެވުނެވެ. އެ ބޮއްތައް ހަޅޭއްލަވާހެން ހީވި ނަމަވެސް ސައިންސްވެރިންނަށް އެއްވެސް އަޑެއް ނީވެއެވެ.
ސައިންވެރިން ހައި ފްރީކުއެންސީ އޯޑިއޯ ރެކޯޑަރު ބޭނުންކޮށްގެން އެ ބޮއްތަކުގެ ރެކޯޑް ކުރިއިރު، ބޮއްތައް ހަޅޭއްލަވަމުން ދިޔައިރު އެހެން ޖަނަވާރުތަކާއި ސޫފާސޫފިތަކަށް އުނދަގޫވެގެން އެ އަޑުން ސަލާމަތްވުމަށް މަސައްކަތްކޮށްފައިވާ ކަން ސައިންސްވެރިންނަށް ފާހަގަކުރެވިފައެވެ.
އެ ބޮއްތައް ހަޅޭއްލަވަނީ، ޝިކާރަކުރާ ޖަނަވާރުތަކުގެ ޙަމަލާއިން ސަލަމާތްވުމަށް ދޭ އިންޒާރުގެ މެސެޖެއްގެ ގޮތުން ކަމަށް ބްރެޒިލްގެ ސްޓޭޓް ޔުނިވާސިޓީ އޮފް ކެމްޕިނާސްގެ ސައިންސްވެރިން ބުނެފައިވެއެވެ.
އެ ދިރާސާވެރިން ވަނީ ދެ ފަހަރެއްގެ މަތިން ޑިސްޓްރެސް ކޯލް ރެކޯޑްކޮށްފައެވެ. އެމީހުން ޚާއްޞަ ސޮފްޓްވެއަރއެއް ބޭނުންކޮށްގެން އަޑު ތަޙުލީލުކުރިއިރު، އެ އަޑުގެ ފްރީކުއެންސީ ރޭންޖް 7 ކިލޯހަރޓްޒް (ކިލޯ ހެޒް) އާއި 44 ކިލޯ ހެޒްޒް އާއި ދެމެދުގައި ހުންނަކަން ފާހަގަކުރެވުނެވެ.
ސައިންސްވެރިން ބުނާގޮތުން، އަލްޓްރާސައުންޑްގެ ގޮތުގައި ގިންތިކުރެވޭ 20 ކިލޯ ހެޒްއަށްވުރެ މަތީ ފްރީކުއެންސީތައް އިންސާނުންނަށް އަޑެއް ނީވޭނެއެވެ.
އެހެންކަމުން، އެހެން ޖަނަވާރުންގެ ކިބައިން ސަލާމަތްވުމަށް ރައްކާތެރިކަމެއް ގޮތުގައި ބޮކަށް ދެއްވާފައި މިވަނީ އާދަޔާ ޚިލާފު ބާރެކެވެ.