ފ. ނިލަންދޫގައި އެއަރޕޯޓު ތަރައްޤީކުރާނީ އެންމެ ޒަމާނީ ފެންވަރަށް ރައްޔިތުން އުންމީދުކުރާގޮތަށް ކަމަށާއި، އެ އެއަރޕޯޓު ތަރައްޤީކުރައްވާނީ ޖެޓު ޖެއްސޭގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ނިލަންދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ނިލަންދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނިލަންދޫގެ ތަރައްޤީގެ ލިސްޓުގައި ހިމެނޭ ހުރިހާ ކަމެއް ހަގީގަތަކަށް ހައްދަވައިދެއްވާނެކަމަށެވެ. އެގޮތުން އެއަރޕޯޓު ތަރައްޤިކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ނިލަންދޫގައި ތަރައްޤީކުރާ އެއަރޕޯޓަކީ އެންމެ ޒަމާނީ އެއަރޕޯޓަކަށް ހައްދަވާނެކަމަށެވެ. 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ އެ އެއަރޕޯޓު ތަރައްޤީކުރައްވާނީ ޖެޓު ޖެއްސޭ ފެންވަރަށްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފ. ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުން#dhiveheengeraajjemajileehah#DhiveheengeMajlis#DhiveheengeRaajje pic.twitter.com/DbR9hXFTQV
— PNC Secretariat (@pnc_secretariat) April 13, 2024
އެއަރޕޯޓާއެކު އެ ދާއިރާއި އަތޮޅަށް އިޤްތިޞާދީ ކުރިއެރުން ގެނެސްދިނުމަށްޓަކައި ނިލަންދޫ ފަޅުގައި 2 ރިސޯޓާއި ސިޓީ ހޮޓަލެއްވެސް ތަރައްޤީކުރައްވާނެކަމަށާއި، ރާއްޖެ ތަރައްޤިކުރާނީ 20 އަހަރުގެ މާސްޓަރ ޕްލޭނެއްގެ ދަށުންކަމަށާއި މުޅި ރާއްޖެއަށް އެމަނިކުފާނު ގެންގުޅުއްވާނެ ތަރައްޤީއަކީ ދެމެހެއްޓެވިނި ތަރައްޤީއަކަށް ހައްދަވާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.
އުތުރުގެ 4 އަތޮޅާއި ދެކުނުގެ 4 އަތޮޅު ތަރައްޤީ ކުރައްވާނީ ސަރަަޙައްދީ ތަރައްޤީގެ ޒޯންތަކެއްގެ ގޮތުގައިމަށާއި، ދެންހުރި އަތޮޅުތަކުގައިއާބަން ސެންޓަރުތަކުގެ ގޮތުގައި 7 ރަށެއް ތަރައްޤީކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ނިލަންދޫއަކީ އޭގެތެރެއިން އެއް އާބަން ސެންޓަރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ނިލަންދޫގައި ހުރިޙާ ޚިދުމަތްތައްވެސް ޤާއިމްކުރައްވާނީ އެންމެ މަތީ ފެންވަރުގައިކަމަށެވެ.
ނިލަންދޫގެ ސިއްޙީ ޚިދުމަތުގެ ދާއިރާވެސް އިތުރަށް ތަރައްޤީކުރައްވާނެކަމަށާއި، މިއަހަރު އަމަލީ މަސައްކަތްފެށޭ ފ.އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތާއެކު އައު ޚިދުމަތްތައްވެސް އެންމެ މަތީ ފެންވަރުގައި ޤާއިމްކުރައްވާނެކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަގުތައް ތަރައްޤީކުރުމުގެ ކުރިން ނަރުދަމާގެ މައްސަލަ ޙައްލުކުރަންޖެހޭކަމަށާއި ނަރުދާމާގެ މައްސަލަ ޙައްލުކޮށް މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ދެއްވާނެ ކަމުގައެވެ. އަދި ތަރައްޤީކުރާނެ މަގުތަށް ކައުންސިލާއެކު މަޝްވަރާކުރެވި މިހާރު މަގުތައް ކަނޑައެޅިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެހުރިހާ ކަމެއްކުރުމަށް ސައްތައިންސައްތަ އެއްބާރުލުން އެމަނިކުފާނަށް ބޭނުންވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ މެންބަރުން އިންތިޚާބުކޮށްދެއްވުމަށް އެދިވަޑައިގެން ރައީސް ވަނީ ހުރިހާ ރައްޔިތުންވެސް އެކަތިގަނޑަކަށްވެ އެކަމުގައި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.
މިއަހަރުގެ ބަޖެޓުގައި ކުރީ ސަރުކާރުން މަޝްރޫޢުތައް ހިމަނާދީފައިވަނީ މަޝްރޫޢުތައް ނުހިންގޭހާ މަދު ޢަދަދެއްގެ ފައިސާކަމަށާއި، ނަމަވެސް އެމަނިކުފާނު ބޭނުންވަނީ އަންނަ އަހަރުގެ ބަޖެޓަކީ މަޝްރޫޢުތައް ފަށައި ނިންމޭނެ ޢަދަދަށް ފައިސާ ކަނޑައަޅާ ބަޖެޓަކަށް ހެދުމަށްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ނިލަންދޫގެ ހުރިހާ މަޝްރޫޢުއެއްވެސް ބާރު ދުވެލީގައި ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ވަނީ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.